ހަބަރު

ގައިދީން މިނިވަަންކުރީ ވަރުގަދަ ޝަރުތުތަކަކާ އެކު

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސް ދާދި ފަހުން މިނިވަންކޮށްދެއްވި 400 ގައިދީއަކު މިނިވަން ކުރީ ވަރުގަދަ ޝަރުތުތަކަކާ އެކު ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އަދަބު ލުއިކޮށްދެއްވުމަަށް ރައީސް ނިންމަވާފައި ވަނީ އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީން ގައިދީންނާއި އެމީހުންގެ ބެލެނިވެރިންނާއި އިންޓަވިއު ކުރުމަށްފަހު ކަނޑައެޅިފައިވާ ހާއްސަ ޝަރުތުތަކަކާއިއެކުގަ ކަމަށެވެ. އެގޮތުން ކަނޑައަޅާފައިވާ އެއް ޝަރުތަކީ މިނިވަން ވުމުގެ ކުރިން ކަޑައްތުކުރަން ސަރުކާރުން ކަނޑައަޅާ މަރުހަލާތަކެއް ފުރިހަމަ ކުރުމެވެ.

ހާއްސަ ފުރުސަތު ލިބޭ ކުށްވެރިން ފުރިހަމަކުރަން ޖެހޭ މަރުހަލާތަކަކީ:

ފުރަތަމަ މަރުޙަލާގައި ގޭ ބަންދުގައި 1 މަސް ދުވަސް ހޭދަކުރުން.
ދެވަނަ މަރުޙަލާގައި ރަށު ބަންދުގައި 2 މަސް ދުވަސް ހޭދަކުރުން.

ތިން ވަނަ މަރުހަލާއަކީ މިނިވަނެއްގެ ގޮތުގައި އުޅެން ދޫކޮށްލި ނަމަވެސް އުޅޭ ނޫޅޭގޮތް ކަރެކްޝަނަލް ސާވިސް އިން ބަލާނެއެވެ.

ތިން މަރުހަލާ ފުރިހަމަ ކޮށްގެން މިނިވަން ވުމަށް ހާއްސަ ފުރުސަތުދޭނެ ފަރާތްތައް ކަނޑައަޅާނީ މައިގަނޑު ތިން ކަމަކަށް ބަލައިގެންނެވެ. އެއީ :
1- ކޮށްފައިވާ ކުށުގެ ބާވަތާއި ކުށަށް އަރައިގެންފައިވާ ގޮތާއި މިންވަރު.
2- ކުށްވެރިޔާ މިހާރު ހުރި ހާލަތު.
3- ޖަލުގައި އަމަލުތައް ބަހައްޓާފައިވާ ގޮތް.

ފުރުސަތު ލިބޭ ކުށްވެރިން ކަރެކްޝަނަލް ސާވިސްއާއެކު އިގުރާރެއްގައި ސޮއިކުރަން ޖެހޭނެއެވެ. އެ އިގުރާރުގައިވާ ކަންތައްތަކާ ހިލާފު ވެއްޖެ ނަމަ ކުރިން ހުރި ހާލަތަށް އިއާދަކުރާނެއެެވެ. އެގޮތުން ކަނޑައަޅާފައިވާ އެންމެ ފާހަގަ ކޮށްލެވޭ ކަންތައްތަކަކީ:

● އޮންލައިން ސައިޓްތަކާއި ސޯޝަލް ނެޓްވޯކްތަކާއި އެނޫންވެސް މީޑިއާގެ ވަސީލަތްތަކާއި ތަންތަނުގައި ދަޢުލަތުގެ އަގުވެއްޓޭގޮތަށް ވާހަކަ ނުދެއްކުން.
● ހަގީގަތާ ހިލާފު ދޮގު މަޢުލޫމާތު ނުފެތުރުމާއި މިފަދަ ކަންކަމަށް ހިތްވަރުދީ ނުހެދުން.
● މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ހުއްދަނެތި މީޑިއާ އިވެންޓްތަކުގައި ބައިވެރިނުވުން.
● ގަވާއިދު ހުއްދަނުކުރާ އެއްވުންތަކުގައި ބައިވެރިނުވުން.

ފުރުސަތު ލިބޭ މީހުން މީގެ އިތުރުން ވެސް އެތައް ކަމެއް ކުރުމަށް އިގުރާރުވާން ޖެހެއެވެ. އޭގެ ތެރޭގައި އާމްދަނީ ހޯދަން މަސައްކަތް ކުރުމާ އެ މަސައްކަތުގެ ތަފުސީލު ކަރެކްޝަނަލް ސާވިސްއާ ހިއްސާކުރުމާއި މުޖުތަމައުގެ އާއްމު އިޖުތިމާއާއި އަދި އަހުލާގީ މިންގަނޑުތަކަށް އިހުތިރާމް ކުރުން ހިމެނެއެވެ.

ރައީސް އޮފީހުން ބުނީ އިސްލާހީ ހާއްސަ ފުރުސަތަށް ދޫކޮށްލެވޭ ގައިދީންނަށް މުޖުތަމައުގެ އެކި ފަރާތްތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމަށެވެ. ދޫކޮށްލާ ގައިދީން އާމްދަނީ ހޯދަން މަސައްކަތް ކުރުމަކީ ބެލެނިވެރިޔާ ބާރުއަޅަންޖެހޭ ކަމެއް ކަމަށް ވެސް ބުންޏެވެ.

އިތުރު ގައިދީންތަކަކަށް މާފު ދިނުމަށް ރައީސް ނިންމެވިއިރު މި މަހުގެ ތެރޭގައި 429 ގައިދީން މިނިވަންކޮށްފައިވާކަން ވެސް ރައީސް ވަނީ ހާމަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ، އެ ގައިދީންގެ ތެރޭގައި ފަންނުވެރި، އާމްދަނީއެއް ހޯދޭނެ ޒުވާނުން އެބަ ތިބި ކަމަށެވެ. މީހުން މީހުންނަށް ވާނީ މީހުންނަށް ހެދީމަ ކަމަށާއި ޒުވާނުންނަށް ހަމްދަރުދީވެ އަބްރުވެރި ބަޔަކަށް ޒުވާނުން ހަދަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.