ހަބަރު

ކާށިދޫގައި ހަތަރު މިލިއަން ޑޮލަރުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް ފަށަނީ

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިންޓެގްރޭޓޭޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގުޅިގެން ކ. ކާށިދޫގައި އިންޓެގްރޭޓެޑް ގެސްޓްހައުސް ޕްރޮޖެކްޓެއް ފަށަން ނިންމައިފި އެވެ.

އެމްއައިޓީޑީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެމްޑީ މުހައްމަދު ޝާހިދު ވިދާޅުވީ، ކާށިދޫގައި އިންޓެގްރޭޓެޑް ގެސްޓްހައުސް ތަރައްގީ ކުރަން ވަކި ސަރަހައްދެއް ކަނޑައަޅައި އެ ސަރަހައްދުގައި ޑިވެލޮޕްމެންޓެއް ގެންނަން މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ، ކާށިދޫގައި އަޅަން ނިންމާފައިވަނީ 250 އެނދު ހިމެނޭ 25 ރޫމްގެ 10 ގެސްޓް ހައުސް ކަމަށާއި އޭގެ އިތުރަށް ރެސްޓުއަރެންޓާއި ވޯޓާސްޕޯޓްސް ވެސް ގާއިމް ކުރެވޭނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ، މި ޕްރޮޖްކްޓަށް ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށާއި އެކަމަށް ހަރަދު ކުރަން ނިންމާފައިވަނީ ފަންޑް ރެއިސް ކޮށްގެން ކަމަށެވެ. އަދި ޓާގެޓަކީ މިއަހަރު ނުވަތަ އަންނަ އަހަރު ތެރޭގައި މި ޕްރޮޖެކްޓްގެ މަސައްކަތް ފެށުން ކަމަށާއި އުންމީދަކީ މަސައްކަތް ފަށާތާ ހަމަސް ނުވަތަ އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"25 ވަރަކަށް ރޫމް ހުންނަ ދިހަވަރަކަށް ގެސްޓް ހައުސް، ޖުމްލަ 250 އެނދުގެ ޕްރޮޖެކްޓެއް، އެއަށް ބޭނުންވާ ސަޕޯޓް ފެސިލިޓީސް ވެސް އަންނާނެ، ރެސްޓައުރެންޓާއި ވޯޓާ ސްޕޯޓްސްއާ، މަސައްކަތްތައް ހިންގާނެ ގޮތުގެ ތަފްސީލު އަދި ރާވަމުން މިދަނީ، އެމްއައިޑީސީގެ އިންވޯލްވްމެންޓް ވަރަށް ބޮޑުވާނެ މީގަ، ސަރަހައްދާއި ސައިޒުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، މި ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ އަލަށް ޓޫރިޒަމަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެކަން ފަހިކޮށް ދިނުން ކަމަށާއި އެގޮތުން މަސައްކަތް ކުރިއަށްދާއިރު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އަދި އިމާރާތް ކުރުމުގައި އެމްއައިޓީޑީސީ އިން އިންވޯލްވްމެންޓް ބޮޑުވާނެ ކަމަށާއި ގެސްޓްހައުސްތައް ނިންމުމަށްފަހު ޝައުގުވެރިވާ ފަރާތްތަކަށް އެތަންތަން ދޫކޮށްލެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މީގެ އެހެން ޕްރޮޖެކްޓް ތަކުގެ ފީޒިބިލިޓީއަށް ބަލައިގެން މި ޕްރޮޖެކްޓްގެ ކޯސްޓާއި އެހެނިހެން ކަންކަން ކަނޑައަޅާފައިވަނީ، ލިބޭ ބިމާއި އިމާރާތްތަކުގެ ޑިޒައިންތަކަށް ބަލާފައި އަދި އިތުރަށް ފީޒިބިލިޓީ ރަން ކޮށްފަ މި ޕްރޮޖެކްޓް ފަށާނީ،" ޝާހިދު ވިދާޅުވި އެވެ. "މެދު ފަންތީގެ ޓޫރިޒަމަށް ޓާގެޓް ކުރެވޭ ތަނަކަށް ވާތީ ފުޓް ޕްރިންޓް ކުޑަކޮށް އުސްކޮށް ހަދާނީ، ތިން ބުރި ނުވަތަ ހަތަރު ބުރީގެ އިމާރާތް،"

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރް ވިދާޅުވީ، އެމްއައިޓީޑީސީއާ ހަވާޅު ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އެ ކުންފުންޏަކީ ޓޫރިޒަމްގެ ޕްރޮޖެކްޓްތައް ހިންގުމަށް އުފައްދާފައިވާ ކުުންފުނި ކަމަށާއި އެ ކުންފުނިން މިހާރުވެސް ބަރެސްދޫގެ ޕްރޮޖެކްޓް ހިންގާ ކުންފުނި ކަމަށެވެ. އެހެން ކަމުން މި ޕްރޮޖެކްޓްވެސް ވަރަށް ފުރިހަމަ އަށް އެ ކުންފުނިން ހިންގޭނެ ކަމަށް ފެންނާތީ ކަމަށް ހުސެއިން ލިރާރް ވިދާޅުުވި އެވެ.

ހުސެއިން ލިރާރް ވިދާޅުވީ، ބިމުގެ މަސައްކަތް ރެޖިސްޓްރީ ކުރެވުމުން ވަގުތުން އެމްއައިޓީޑީސީއާ ހަވާލު ކުރާނެ ކަމަށާއި މި ޕްރޮޖެކްޓްގެ އަސްލު މަސައްކަތް މިހާރު ވަނީ އެމްއައިޓީޑީސީއާ ހަވާލު ކުރެވިފައި ކަމަށެވެ. އަދި ބިމުގެ ފައިނަލް ޕޭޕާތައް އެމްއައިޓީޑީސީއާ ހަވާލު ކުރެވުނުހާ އަވަހަކަށް އޭގެ ފިޒިކަލް މަސައްކަތް ފެށިގެންދާނެ ކަމަށް ހުސެއިން ލިރާރް ވިދާޅުވި އެވެ.

ެއެމްއައިޓީޑީސީ އަކީ ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު ގެސްޓްް ހައުސް ޕްރޮޖެކްޓް ކަމަށްވާ ލ. ބަރެސްދޫ ޕްރޮޖެކްޓްވެސް ކުރިއަށް ގެންދާ ކުންފުންޏެވެ. އެ ޕްރޮޖެކްޓްގެ ދަށުން ބަރެސްދޫ ތަރައްގީ ކުރަނީ 30 އަށް ވުރެ ގިނަ ގެސްޓްހައުސް އާއި މޫދު ކޮޓަރި ނުވަތަ ވިލާތައް ހުންނަ ގޮތަށް ތަރައްގީ ކުރާ ތިން ހޮޓާ ވެސް ހުންނަ ގޮތަށެވެ. ރަށުގައި ހުންނަ ކޮންމެ ހޮޓަލެއްގައި 100 އެނދު ހުރެ އެވެ.

މީގެ އިތުރުން ގެސްޓްހައުސްތަކަކީ 35 ކޮޓަރި އާއި 60 ކޮޓަރީގެ ތަންތަނެވެ. މިގޮތުން މި ރަށުގައި ޖުމްލަ 1،500 އެނދު ހުންނާނެ އެވެ. ގާތްގަނޑަކަށް 3،000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެވެ. އަދި ދެ ބީޗް ރިސޯޓާއި 10 ބީޗު ހޮޓަލުގެ އިތުރުން 11 ރެސްޓޯރެންޓާއި ފިހާރަ ފަދަ 40 ތަން ހުންނާނެ އެވެ.