ލައިފްސްޓައިލް

ތަލަވާން ފެށީދޯ؟ ތަލަ ފޮރުވާލެވިދާނެ!

ފަތްކޮޅު ފައިބަން ފެށީނާ އެކަމާ ރޯނެ ކަމެއް ނެތެެވެ. ހާލަތާ އެއްގޮތަށް ސްޓައިލް ބަދަލުކޮށްލަންވީ އެވެ. ބޮލުގައި ރަނގަޅަށް އިސްތަށި ހުރި އިރު އިސްތަށިގަނޑާ މެދު މާބޮޑު ސަމާލުކަމެއް ވެސް ނުދެވުނު ނޫންހެއްޔެވެ؟ އޭރު ހީކުރީ އެއީ އަބަދު އެގޮތުގައި ހުންނާނެ އިސްތަށިގަނޑެއް ކަމަށެވެ. މިއީ އަހަރެމެންގެ އާއްމު އުސޫލެވެ.

ޒުވާން އިރު އޮތް ރީތި އިސްތަށިގަނޑު އިއާދަވޭތޯ އުޅުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. ދެން ހެދެނީ ވަރަށް ބޮޑު ގޯހެކެވެ. އެއީ ބޮލުން އިސްތަށި ތުނިވެފައިވާ ތަންތަނަށްވާ ވަރަށް ، ހުރި އިސްތަށިކޮޅު ދިގު ކުރުމެވެ. އިސްތަށި މަދުވެފައިވާ ކަން ބޮޑަށް ފާހަގަވެ، އައިބު ވަނީ އެގޮތަށް ކަންތައް ކުރުމުންނެވެ.

"ކުރުކޮށް ކޮށައލި ވަރަކަށް އިސްތަށި މަދުވެފައިވާ ތަން ފާހަގަވާލެއް ކުޑަވާނެ،" މެންސް ފިޓްނަސް މަޖައްލާއާ ވާހަކަ ދައްކަމުން ސެން ޑިއޭގޯގެ ބޯކޮށާ މީހެއް ކަމަށްވާ އެޑަމް މަރީނޯ ބުނެފައި ވެއެވެ.

މާބޮޑަށް ފޮރުވަން އުޅޭ ގިނަ ކަންތައްތައް ފަޅާ އަރާނެ އެވެ. ތަލަވެފައިވާ ތަން ފޮރުވަން އުޅުނަސް ވާނީ އެހެންނެވެ. މަޝްރޫއު ފިލްމީ ތަރި ޖޭސަން ސްޓޭތަމް އެގޮތަށް ކަންތައްކޮށްފައި ހުއްޓާ އެނގު ހެއްޔެއެވެ؟ މަޝްހޫރު ޓީވީ ހޮސްޓް މެޓް ލުއާ އެގޮތަށް ކަންތައް ކުރި ހެއްޔެވެ؟

އެމީހުންނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ހުރި ތަފާތަކީ އެމީހުންނަކީ ވަރުގަދަ ސްޓައިލިޝް ޝަޚުސިއްޔަތު ތަކަށް ވުމެވެ. އެހެންވީމާ އެމީހުންގެ ބޮލުން އިސްތަށި މަދުވެފައިވާކަން ހާމަ ކުރަން އެމީހުން ލަދެއް ނުގަނެއެވެ. އެމީހުންގެ ޝަހުސިއްޔަތުގަައިވާ ހިތްގައިމު ކަމުން މީހުންނަކަށް އެމީހުންގެ ބޮލުގެ ތަލަކަން ފާހަގަވެސް ނުވެއެވެ.

އަހަރެމެންނަށް ވެސް އެގޮތަށް ކަންތައް ކުރެވިދާނެއެވެ.

ތިރީގައި މިވަނީ ބޯ ތަލަވާން ފަށާއިރު ހުންނަ އެކި ހާލަތްތަކުގައި ކަންތައް ކުރެވިދާނެ ގޮތް ގޮތެވެ.

ނިތްކުރިން ފެށިގެން ފަހަތަށް ތަލަވުމުން

ޖޭސަން ސްޓޭތަންގެ ސްޓައިލް ހިޔާރު ކުރާށެވެ. ބޯކޮށާ މީހާ ކައިރީ ބުނަންވީ އިންޗިއެއްގެ ހަތަރުބައިކުޅަ އެއްބަޔާ އެއްވަރަށް ތުނި ކުރާށެވެ. އަދި ވަކިން ހާއްސަކޮށް އިސްތަށި ފައިބާފައިވާ ތަނާ ކައިރިން ބޮޑަށް ތުނިކުރަން ބުނާށެވެ. ނޫނީ އަމިއްލައަށް ކްލިޕާއެއް ގަނެ ލައިގެން މިގޮތަށް ކޮށާށެވެ.

ފުއްކިބައިން ތަލަވުމުން

މީގެ އެންމެ ރީތި މިސާލަކީ އާޖެންޓީނާގެ މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ މާނޫ ގިނޮބިލީއެވެ. އިންޗިއެއްގެ ހަތަރުބައިކުޅަ ތިން ބަޔާ އެއްވަރަށް ކޮށައިލާށެވެ. ތަލަވެފައިވާ ތަނާ ކައިރިވާ ވަރަށް ބޮޑަށް ތުނިވާ ގޮތަށް ކޮށައިލާށެވެ. އެހިސާބު ބައި އިންޗިއަށް ވުރެ ދިގުވެގެން ކަމަކުނުދާނެއެވެ.

މުޅި ބޯ އެއްކޮށް ތުނި ނަމަ

ރަނގަޅުވާނީ ކަތުރުން ކޮށިއްޔާއެވެ. އޭރުން ތިބާގެ ބޮލުގައި އެންމެ ތުނިކޮށް ހުންނަ ތަންތަނުގައި ކޮންމެވެސް ވަރަކަށް ދިގުކޮށް ބަހައްޓަން ބޯކޮށާ މީހާއާ އަށް ފުރުސަތު ލިބޭނެއެވެ. މީގެ މިސާލަކީ މެޓް ލުއާއެވެ.

ނިތްކުރި މަތިން ދެފަރާތުން ކަން ވަންނަ ނަމަ

މީގެ އެންމެ ރީތި މިސާލަކީ ވިލް އާނެޓް އެވެ. ކޮށަން ރަނގަޅީ ދެ އިންޗި ހުންނަ ވަރަށެވެ. ކުރިމައްޗަށް ފުނާ ދަމާ ނަމަ، ނިތްމަތިން ބޮޑަށް ތުނިކޮށް، ފަހަތަށް ދާ ވަރަކަށް ދިގުވާ ގޮތަށް ކޮށަން ބުނާށެވެ. އެގޮތަށް ކަންތައް ކުރުމުން އައިބު ފިލައި، އިސްތަށި މަދުކަން ފާހަގަވާލެއް ކުޑަވާނެއެވެ. -- މެންސް ހެލްތު މެގަޒިން