ރިޕޯޓް

ހާލުގައި ދަރިން ބޮޑުކުރި ބައްޕަ ކެންސަރުގެ ޝިކާރައަށް!

އުމުރުން 60 އަހަރުގެ އަބްދުލްމަޖީދު މާހިރަކީ އެތައް ބުރަ މަސައްކަތްތަކެއް ކޮށްގެން ހަތް ދަރިން ބަލާ ބޮޑުކުރި ވަރަށް ނިކަމެތި ބައްޕައެކެވެ. ތ. ތިމަރަފުއްޓަށް އުފަން މަޖީދަކީ ފުދުންތެރި ދިރިއުޅުމެއް އުޅުމުގެ ފެންވަރު ނެތް މީހެއް ނަމަވެސް ދަރިން ބަލާ ބޮޑުކުރީ ރޭނުމާއި ރުކަށް އެރުން ފަދަ ބުރަ މަސައްކަތްތަކުން ހޯދި ފައިސާއިންނެވެ. އެ ބުރަ މަސައްކަތް ހުއްޓާލައި، ބޮޑުވެފައި ތިބި ދަރިންނާއެކު އުފާ ހޯދަން މަޖީދަށް ލިބުނު ވަގުތު އޭނާ ވެއްޓުނީ ހިތާމައިގެ ފުން އަނދަވަޅަކަށެވެ. ބޮޑު ބައްޔެއް އޭނާ ވަށާލީ އެވެ. ކެންސަރު ބައްޔެވެ.

މިދިޔަ ރޯދަ މަހު ކުއްލި އަނބުރައިގަނެގެން ވެއްޓިގެން ތިމަރަފުށީ ސިއްހީ މަރުކަޒަށް އޭނާ ގެންދިޔަ އެވެ. އޭރު ހުން ވަރަށް ގަދަ އެވެ. އެ މަރުކަޒަށް ދެވެން އިތުރު ފަރުވާއެއް ނެތުމުން އަތޮޅު ހޮސްޕިޓަލަށް ވަގުތުން ގެންދިޔަ އެވެ. ފުއްޕާމޭގައި އެއްޗެއް ދުޅަވެފަހުރި ކަމަށް ޝައްކުވާތީ އެ ހޮސްޕިޓަލުން އެންގީ މާލެ ދިޔުމަށެވެ. މާލެ އައިސް އޭޑީކޭއަށް ދައްކައި، ސީޓީ ސްކޭނެއް ހެދި އެވެ. މަޖީދު އޭރު މާލެ އައީ އަނބިމީހާއާއެކު އެވެ. ސީޓީ ސްކޭން އެނގުނީ ފުއްޕާމޭގައި ޓިއުމަރެއް ހުރިކަން އެނގުނެވެ. އަދި އެ ކެންސަރަށް ބަދަލުވެފައިވާކަން ވެސް އެނގުނެވެ. ދެން ޖެހުނީ ބައޮޕްސީ ހަދާށެވެ. ނަމަވެސް އެ ދެމަފިރިން އަތުގައި އެކަމަށް ހޭދަކުރާނެ ފައިސާ ނެތުމުން އެނބުރި ދިޔައީ، ދަރިފުޅު އައިމިނަތު ނަސްވާ ދިރިއުޅުމެއްދާ ލ. ފޮނަދޫއަށެވެ.

ނަސްވާއަކީ މަޖީދުގެ ހަތަރު އަންހެން ދަރިންގެ ތެރެއިން އެއް ދަރި އެވެ. މަޖީދުގެ ދެ ފިރިހެން ދަރިން ތިބޭއިރު އޭގެ ތެރެއިން އެއް ދަރިއަކުވީ ޖަލުގަ އެވެ. އަނެއް ދަރިއަކީ އޯޓިޒަމް ހުންނަ މީހެކެވެ. މަޖީދުގެ ބަލި ހާލުގައި އެންމެ ގާތުގައި ހުރީ ނަސްވާ އެވެ. ބައްޕައަށް ފަރުވާ ހޯދުމަށް ނަސްވާ ފެންބޮވައިގެންފައި ހުރި މިންވަރު ރަށުގެ ގޭގެއަށް އެހީއަށް އެދި ހިނގަން ފެށި އެވެ. އަދި އެގޮތުން އެއްކުރި ފައިސާ ކޮޅު ހިފައިގެން ބައްޕަ ގޮވައިގެން މާލެ އައެވެ. އޭނާ މާލެ އައީ އޭނާގެ ހަތް ދަރިން ބެލުމަށް މަންމައާ ހަވާލުކުރުމަށްފަހު އެވެ.

އެފަހަރު އައިސް ޑޮކްޓަރަށް ދެއްކައި، ބައޮޕްސީ ހެދުމުން އެނގުނީ މަޖީދުގެ ފުއްޕާމޭގައި ދެ ޓިއުމަރު ހުރި ކަމާއި މިހާރު މަޖީދު ހުރީ ކެންސަރުގެ ހަތަރުވަނަ ސްޓޭޖްގަ ކަމެވެ. ނަސްވާގެ އަތުގައި ހުރި ފައިސާއިން ބައްޕައަށް އޭޑީކޭއިން ކީމޯ ދޭން ފެށި އެވެ. އަނެއްކާވެސް އޭނާގެ އަތުން ފައިސާ ހުސްވީ އެވެ. އެނބުރި ދިޔައީ ރަށަށެވެ. ފައިސާ ހޯދައިގެން އަންނާށެވެ. ބައްޕަގެ ހާލު ދިޔައީ ދަށްވަމުންނެވެ.

މިހާރު ވެސް ހުޅުމާލޭގައި ކުއްޔަށް ނަސްވާ އޭނާގެ ބައްޕަ ގޮވައިގެން އުޅެމުންދާއިރު ޑޮކްޓަރުން މިހާރު ވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ގޮސް ފަރުވާތަކެއް ހޯދުމަށް ލަފާ ދީފަ އެވެ. އެއީ އޭނާއަށް ކޮންމެހެން ވެސް މުހިންމު ފަރުވާއެކެވެ. ބޭސްފަރުވާގެ އާސަންދައިން ހަމަޖެހޭނެ ކަމަށް ވަނީ އަންގާފަ އެވެ. ނަމަވެސް އެއީ ހަމައެކަނި ބޭސްފަރުވާ އެވެ. އެހެން ހަރުދަތައް ކުރާނެ އެއްވެސް ފައިސާއެއް ނަސްވާގެ އަތަކު މިހާރަކު ނެތެވެ. އެފަދަ ފަރުވާތަކަށް އިންޑިއާއަށް ގޮސް ތިބި މީހުންނާ ވާހަކަ ދެއްކުމުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ކޮންމެ ފަހަރަކު ވެސް ހަރަދުވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ނަސްވާ ބުނެ އެވެ.

ހަތް ދަރިންގެ ހަރަދުތަކާއި މަންމަ އަދި 18 އަހަރު ނުވާ އަންހެން ކޮއްކޮގެ ހުރިހާ ހަރަދެއް ނަސްވާގެ ފިރިމީހާއަށް ލިބޭ މުސާރައިން ހަމަޖައްސަމުން، ބައްޕަގެ ބޮޑު ބައްޔަށް ފަރުވާ ހޯދުމަށް ހޭދަކުރުން ނަސްވާއަށް އޮތީ ވަރަށް ބޮޑު ދަތިކަމަށްވެފަ އެވެ. އެކަމުގައި ހިނގާ ހަރަދު ބޮޑު ނަމަވެސް އޭނާގެ އުއްމީދު އަދިވެސް ފަނޑެއް ނުވެ އެވެ. އުއްމީދަކީ އެ އޯގާތެރި ބައްޕަ ބަލިން ފަސޭހަވުމެވެ. އޭނާ އެހީއަށް އެދެނީ އެހެންވެ އެވެ. ނަސްވާ އުޅުމުންދާ ހާލަށް އެހީވެދީ، އޭނާގެ ބައްޕަ މާޖިދު ބަލިން ސަލާމަތްކުރުމަށް ވެދެވުނު އެހީއެއް ކޮންމެ މީހަކު ވެސް ފޯރުކޮށްދިނުމަކީ ނަސްވާގެ އެންމެ ބޮޑު އެދުމެވެ.

ނަސްވާއަށާއި އޭނާގެ ބައްޕައަށް އެހީވުމަށް

ފޯނު: ‎9968215
އެކައުންޓް ނަމްބަރު: ‎Ali Faruhaan 7730000133664 (ނަސްވާގެ ދަރިފުޅުގެ އެކައުންޓް)