މިއުޒިކް

ސިމްބޮލިކްއިން އަނެއްކާވެސް ތަފާތެއް ދައްކަނީ

ދިވެހި ލަވަތަކަށް އިންގިލާބީ ބަދަލެއް ގެނައީ ސިމްބޮލިކް ރިކޯޑްސްއިންނޭ ބުނަން ޖެހެނީ އެހެންވެ އެވެ. ދިވެހި މިއުޒިކް އެހެން ހަރުފަތަކަށް ގެންގޮސްދީ ޒުވާނުންނާ އެންމެ ގުޅޭނޭހެން ލަވަތައް ގެނެސްދޭތީ އެވެ. އެ ގްރޫޕްގެ ލަވަތަކަށް ޒުވާނުން އިންތިޒާރު ކުރާތީ އެވެ. ސިމްބޮލިކް ރިކޯޑްސް އިން ގެނެސްދިން ލަވަތަކަށް ހީނުކުރާވަރުގެ ތަރުހީބެއް ވަނީ ލިބިފަ އެވެ.

ސިމްބޮލިކްސްއިން އެންމެ ފަހުން ގެެނެސްދީފައިވަނީ ހަ ބަހުގެ ރައިވަރެއް އަސްލަކަށް ބަލައިގެން ޒަމާނީ ޅެންވެރިކަމުގެ ތެރެއަށް ވައްދާ "ރާ ސައި"ގެ ސިފަތައް ވައްދާފައިވާ "ހަތްދެރި" ނަމަކަށް ކިޔާ ލަވަ އެކެވެ. އެ ލަވަ ވެސް ސައުންޑް ކްލައުޑަށް ދޫކޮށްލުމާއެކު އަރައިގެން ދިޔަ އީ އެވެ.

ސިމްބޮލިކް އިން އަނެއްކާވެސް މިއޮތީ މުޅިން އާ ވައްތަރެއްގެ ލަވައެއްގެ މަސައްކަތް ފަށާފަ އެވެ. އެ ލަވައިގެ ޓީޒާވެސް މިހާރު ސޯޝަލް މީޑިއާއަށް ދޫކޮށްލައިފި އެވެ. ސައުވީސް ގަޑިއިރުގެ ތެރޭގައި 10،000 އަށްވުރެ ގިނަ މީހުން އެ ޓީޒާ ބަލައިފި އެވެ.

ސިމްބޮލިކް ރިކޯޑްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުހައްމަދު (އޭޑީ) ވިދާޅުވީ، އެ ލަވައަކީ އަނެއްކާވެސް އެ ގްރޫޕުން ނެރޭ މާސްޓަޕީސް އަކަށް ވާނެ ކަމަށެވެ. ފުވައްމުލަކު މޮޓޯ ސްޕޯޓްސް އާ ގުޅިގެން ހަދާ އެ ލަވައިގެ ރެޕްގެ އެއް ބައި ވެސް އިންނާނީ ފުވައްމުލަކު ބަހުން ކަމަށެވެ. އަދި ލަވައިގެ މަންޒަރުތައް ތަފާތުވާނެ ކަމަށެވެ.

"ސިމްބޮލިްކސްގެ ހަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވުމަށްފަހު މިއީ ހަމަ އާ ފެށުމެއް، ވަރަށް ބޮޑެތި ސަޕްރައިޒްތަކެއް ކުރިއަށްވެސް އެބަހުރި،" އޭޑީ ވިދާޅުވި އެވެ.

އޭޑީ ވިދާޅުވީ އޭގެ ތެރޭގައި ސިމްބޮލިކްގެ ވަކިވަކި އާޓިސްޓުންގެ އަލްބަމްތަކާއި، އެންމެން އެކުގައި ނެރޭ އަލްބަމްތަކެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ތަފާތު ވީޑިއޯ ލަވަތައްވެސް ނުކުންނާނެ ކަމަށެވެ. ސިމްބޮލިކްގެ އާ ލަވަ މި އަހަރުގެ ތެރޭގައި ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހިޕްހޮޕް މިއުޒިކަށް ހާއްސަވެ ހުރިހާ ވައްތަރެއްގެ މިއުޒިކާއި އޯޑިއޯ އަދި ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތްތަކާއި އޭރިއަލް ފޮޓޯ އަދި ވީޑިއޯ ގްރަފީގެ މަސައްކަތާއެކު އެޑް ވެސް ސިމްބޮލިކް އިން ހަދައިދެ އެވެ.