ލައިފްސްޓައިލް

ކްލިއޯ: 1438 ގެ އިވެންޓް ޕެކޭޖް

ސީލިއޯ އެއް ނޫނެވެ. ކްލިއޯ އެވެ. މި ބޭންޑަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއީ އެވެ. އެ ބޭންޑުގެ ނަން ނުބައިކޮށް މީހުން ކިއުމެވެ. އެ ވާހަކަ ބާއްވާފަ އެ ބޭންޑުގެ ވާހަކަ ދައްކަން ހިނގާށެވެ. މިއީ އުމުރުން 18،19 އަހަރުގެ ޒުވާނުންތަކެއް އުފައްދައިގެން އުޅޭ ކުޑަކުޑަ ބޭންޑެކެވެ. ސްކޫލްގައި އެކީ އުޅުނު ހަ ޒުވާނުން އެކުވެލައިގެން އުފައްދާފައިވާ ނިކަން ޅަ ބޭންޑެކެވެ. ބޭންޑުގެ އުމުުރުން އަދު ތިން މަހެވެ.

ބޭންޑު އުފައްދާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލުކަން ލިބި މިހާރު މަޝްހޫރު ބޮޑުބެރު ގްރޫޕް 1438ގެ އާއިލާގެ ތެރެއަށް ވަދެފައިވާ އެ އާއިލާގެ މެންބަރެކެވެ. ސާދަތިރީސްއަށެއްގެ ލޮލުގައި މި ބޭންޑު އަޅައިގަތީ ޝޯއެއްގެ ޕްރެކްޓިސް އަކަށް އެ ގްރޫޕްގެ ސްޓޫޑިއޯއަށް ކްލިއޯ ދިޔަ ހިސާބުންނެވެ. އެހާ ހިސާބުން ކްލިއޯގެ އަތުގައި ހިފައިގެން ސާދަތިރީސް އަށެއް ހިނގައިގަތީ އެވެ.

"އެންމެންނަކީވެސް ސްކޫލްގައި އުޅުނު އިރު މިއުޒިކްގަ ނޫނީ ބޮޑުބެރުގަ އުޅުނު ކުދިން، ދެން ސްކޫލް ނިންމާފައި (އޭ ލެވެލް) ނިންމާފަ ބޭނުންވީ ބޭންޑެއް ހަދަން، ދެން އެކުގައި އުޅުނު ކުދިންކޮޅެއް އެއްކޮށްލައިގެން ބޭންޑު ހެދީ،" ބޭންޑު އުފެއްދުމުގައި އިސްކޮށް އުޅުނު އަހްމަދު ނާޝިއު ބުންޏެވެ.

"މީހުންނަށް ހީވަނީ މިއުޒިކްގެ ދާއިރާގައި އުޅޭ މީހުންނަކީ ވަރަށް ވިޔާނުދާ ބައެކޭ، އަހަރުމެން ބޭނުންވަނީ އެއީ ދޮގެއްކަން ސާބިތުކޮށްދޭން، ބޭންޑު ހެދުމުގެ އެއް ބޭނުމަކީވެސް އެއީ،"

ކްލިއޯގެ މެންބަރުންނަކީ އަހްމަދު އައިމަން އާރިފް (ޔާއްކޮ)، އަހްމަދު ނާޝިއު، އަލީ އައިމަން (ތޮއްތޮ)، މާއިޒް މޫސާ، އަހްމަދު ޒިފާފް (ޒިއްޕެ) އަދި ޒަލީޝާން ސަމީރު (ޒަލީ) އެވެ.

"ސާދަތިރީސް އަށަކާ ގުޅެން ނިންމީ އަސްލު އެމީހުން އޮފާ ކުރީމަ އާ ދެން އެނގިއްޖެ އެމީހުންނާ ގުޅިގެން މިކަން ކުރެވޭނެކަން ވަރަށް ރަނގަޅަށް، ކުރިން ޕްރެކްޓިސްވެސް ކުރަން ޖެހެނީ ގޭގައި އިންނަ ކުޑަ ތަންކޮޅެއްގައި، މިހާރު އެ މީހުންގެ ސްޓޫޑިއޯގަ ޕްރެކްޓިސް ކުރެވޭ، އިކުއިޕްމަންޓްސް އާ ސައުންޑާ ހުރިހާ އެއްޗެއް ލިބޭތީ ވަރަށް ސަޅި،" ނާޝިއު ބުންޏެވެ.

ބޭންޑުގައި ހިމެނޭ ޒުވާނުންނަށް ވަކިވަކިން ބަލާއިރު ކިތަންމެ ޅަ ނަމަވެސް މިއީ ހުނަރުވެރިންތަކެކެވެ. ބޮޑުބެރު ޖެހުމުގެ އިތުރުން މި ގިޓަރިސްޓުންނާއި ލަވަ ކިޔުންތެރިން އަދި ބޭސިސްޓު އަދި ޑްރަމް ޖެހުމުގައި މިއީ ހުނަރުވެރިންތަކެކެވެ.

އެ ބޭންޑުގެ މެންބަރުންނަށް ބަލާއިރު ޔާއްކޮ މިއީ ބޭންޑުގެ ލީޑް ގިޓަރިސްޓެވެ. ގިޓާ ކުޅެން ފެށިތާ އަދި ގާތްގަނޑަކަށް ދެ އަހަރެވެ. ގިޓާއަށް އުފެދުނު ޝަައުގުވެރިކަމުގައި އެކި މީހުންގެ ކައިރީގައި އަހައިގެން އަދި އަމިއްލައަށް ޔޫޓިއުބް ބަލައިގެން ދަސްކުރީ އެވެ. ގިޓާ ކުޅެން ހުރި ޝައުގުވެރިކަމުގައި މީހުންގެ ގިޓާ ހުއްދަ ހޯދުމެއްނެތި ނަގައިގެންވެސް ކުޅެ ދަސްކުރީ އެވެ. އަދިވެސް ދަސްކުރަނީ އެވެ.

ނާޝިއު މިއީ ކްލިއޯގެ ލީޑް ވޯކަލިސްޓެވެ. މިދިޔަ އަހަރު ބޮޑުބެރުގެ ތެރެއަށް ވަދެވި މާބޮޑަށް މިއުޒިކަށް ޝައުގުވެރިވެވުނީ އެވެ. ކުރިންވެސް ލަވަ ކިޔާ ހިތްވި ނަމަވެސް ލަދުން ލަވަ ކިޔަން ނުކެރުނީ އެވެ. އެހެން ނަމަވެސް ސްކޫލްގައި އުޅުނު އިރު ކޮންމެވެސް ވަރަކަށް މަދަހަ ކިޔާ އުޅުނެވެ.

ތޮއްތޮ މިއީ ބޮޑުބެރު އާއިލާއަކުން އައިސްފައިވާ ޒުވާނެކެވެ. ތޮއްތޮގެ ބައްޕަ އަކީ ދޮހޮއްކޮބޭ އާ އެކު ބުންބެރު ޖަހަން އުޅުނު ފަންނާނެކެވެ. އެހެން ކަމުން ތޮއްޔޮގެ ޝައުގުވެރިކަންވެސް ދަމައިގަތީ ޑްރަމާ ދިމާލަށެވެ. ހުސް ދަޅާއ ސީޑީ އިން ޑްރަމްސެޓު ހަދައިގެން ޑްރަމް ޖަހަން ފެށީ އެވެ. އެއަށްފަހު ދަގަނޑު ކުލަފޮށިންވެސް ޖެހި އެވެ. ބޮޑުބެރާ ހިސާބަށް ދެވުނީ އޭގެ ފަހުންނެވެ. އޭގެ ފަހުން ގިޓާ ކުޅެން ދަސްކޮށް މިއީ ކްލިއޯގެ ގިޓަރިސްޓެކެވެ.

މާއިޒް އަކީ ކްލިއޯގެ ބޭސިސްޓެވެ. މިއުޒިކް އާއިލާއަކުން ނަައިނަމަވެސް މިއީވެސް ހުނަރުވެރި އެކެވެ. އެކި މީސް މީހުން ކައިރިން ދަސްކޮށްގެން މިހާރު އެއީ ދާއިރާގައި ކުޅަދާނަ ފަންނާނެކެވެ. ޗެރިޓީއަށް ހަތަރު އަހަރު ޝޯ ދިނެވެ.

ޒިފާފް މިއީ ޑްރަމަރެވެ. ކުރިން އެހެން ބޭންޑެއްގައި ޒިފާފް އުޅުނެވެ. އެހެން ބޭންޑެއްގައި އުޅެ ތަޖުރިބާ ލިބިފަ ހުރި ހަމައެކަނި ފަންނާނަކީ ޒިފާފް އެވެ. އެންމެ ފުރަތަމަ މީގެ ތިން އަހަރު ކުރިން ޖަހަން ކިޓު ޖަހަން ފެށީ ރަށު ބޭންޑެއްގައި އުޅުނުއިރު އެވެ. އެފަހުން ބޮޑުބެރުވެސް ޖެހި އެވެ. މިހާރު ކަހޯން އަދި ޑަބްރޫކާވެސް ކުޅެ އެވެ.

ޒަލީޝާން މިއީ އިންޓަސްކޫލް ލަވަ މުބާރާތްތަކުގައި ލަވަ ކިޔާފައިވާ ފަންނާނެކެވެ. ޒަލީ އަކީވެސް ބޭންޑުގެ ލީޑް ވޯކަލިސްޓެކެވެ. އެހެން ނަމަވެސް ޒަލީ ބޮޑަށް ޝައުގުވެރިވަނީ އިނގިރޭސި ލަވަ އަދި ފަންކް ލަވަތަކަށެވެ.

ކްލިއޯ އުފެދުނުތާ މާ ގިނަ ދުވަސް ނުވި ނަމަވެސް ޝޯތައް ދަނީ ލިބެމުންނެވެ. ވެޑިން އަދި ރިސޯޓުތަކަށް ދިއުމުގެ ޝައުގުވެރިކަންވެސް އެ ބޭންޑުގައި އެބަހުއްޓެވެ. އެހެންނަމަވެސް އަދި ކުޅެނީ ހަމައެކަނި އިވެންޓުތަކުގަ އެވެ. އާންމުކޮށް ކުޅެނީ 1900ގެ އަހަރުތައް އަދި ދެހާހުގެ ކުރީކޮޅުގެ ލަވަތައް މޮޑިފައި ކޮށްގެނެވެ.

ކްލިއޯ އިން މިހާރު އަންނަނީ ލޯބިވެރިންގެ ދުވަހަށް ހާއްސަކޮށް އަމިއްލަ ރާގުގެ ރީތި ވީޑިއޯ ލަވައެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުންވެސް އިތުރު ލަވައެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެ ބޭންޑޫގެ ހުރިހާ ޝުކުރެއް އަދާކުރަނީ 1438 ބޮޑުބެރު ގްރޫޕަށެވެ. ހާއްސަކޮށް އެ ގްރޫޕްގެ މެނޭޖަރު މުހައްމަދު ސައިފް ޒާހިރަށެވެ.