އިންޑޮނީޝިއާ އަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވި ނުވަ މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ އެކު، އޭގެ ތެރޭގައި އޮސްޓްރޭލިއާ ދެ މީހުން ވެސް ހިމެނޭތީ ނުރުހުން ފާޅުކުރުމަށް އޮސްޓްރޭލިއާ ސަފީރު އިންޑޮނީޝިއާ އިން ބާލައިފި އެވެ.
ބަޑި ޖަހައިގެން މި އެންމެން މަރާލާފައި މި ވަނީ އޭގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިއާ ދެ މީހުން ސަލާމަތް ކުރުމަށް އެ ގައުމުން ވަރަށް ހަރުކަށިކަމާ އެކު މަސައްކަތް ކުރަމުން ދަނިކޮށެވެ. ނަމަވެސް އިންޑޮނީޝިއާގެ ރައީސް ނިންމަވާފައި ވަނީ މަސްތުވާތަކެތި އެތެރެކުރި އެއްވެސް މީހަކަށް މައާފް ނުދެއްވުމަށެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޓޯނީ އެބޮޓް ވިދާޅުވީ ސިފަކުރެއްވި ގޮތުގައި މަރުގެ އަދަބު ދިނުމަކީ ބޭނުމެއް ނެތް އަދި އަނިޔާވެރި އަމަލެކެވެ. އޭނާ ވިދާޅުވީ އޮސްޓްރޭލިއާ ދެ މީހުން ޖަލުގައި ތިބޭތާ 10 އަހަރު ވެފައި ވާއިރު އެ މީހުން މިހާރު ވަނީ އިސްލާހުވެފަ އެވެ. އެހެންވެ އެ މީހުން މެރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ. މަރުގެ އަދަބު ނުދިނުމަށް އޮސްޓްރޭލިއާ އިން ކުރި އާދޭހަށް އަޅާނުލުމުން، އިންޑޮނީޝިއާ އަށް އޮސްޓްރޭލިއާ އަށް ކަނޑައަޅާފައިވާ ސަފީރު މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް އަދި ހާމައެއް ނުކުރެ އެވެ.
ރޭގެ ވަގުތެއްގައި މަރުގެ ހުކުމް ތަންފީޒުކުރި މީހުންގެ ތެރޭގައި ނައިޖީރިއާ ހަތަރު މީހަކާއި ބްރެޒިލް މީހަކާއި އިންޑޮނީޝިއާ މީހަކު ހިމެނެ އެވެ. މަރުގެ ހުކުމް އައި މީހުންގެ ތެރޭގައި ހިމެނޭ ފިލިޕިންސް އަންހެނަކަށް ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްފަ އެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް އިންޑޮނީޝިއާ އިން ނުބުނެ އެވެ.
އިންޑޮނީޝިއާގެ ގާނޫނުތައް ބުނާ ގޮތުން މަރުގެ ހުކުމް ތަންފީޒު ކުރާނީ ބަޑި ޖަހައިގެންނެވެ. ބަޑި ޖަހާއިރު ހުންނާނީ ކޮޅަށްތޯ ނުވަތަ އިށީނދެގެންތޯ ކަނޑައެޅުމުގެ އިހްތިޔާރު އޮވެ އެވެ. ހުކުމް ތަންފީޒު ކުރުމަށް ބަޑި ޖަހާނީ ހިތަށް އަމާޒުކޮށް 16-33 ފޫޓް ދުރުގައި ހުރެގެންނެވެ. ބަޑި ޖަހާއިރު މޫނު ނިވާކުރުމާއި ނުކޮށް ހުރުމުގެ އިހްތިޔާރު ވެސް ދެ އެވެ.