ބޮލީވުޑް

ފޭނަކާއެކު ސެލްފީއެއް ނެގުމުން ވަރުން ޖޫރިމަނާ ކޮށްފި

Nov 26, 2017

ހުނަރުވެރި ޒުވާން އެކްޓަރު ވަރުން ދަވަން ދުއްވަމުން ދިޔަ ކާރުން ބޭރަށް ބޯ ދިއްކޮށް، އެ ކާރާ އެކު ދަތުރު ކުރަމުން ދިޔަ އެހެން ކާރެއްގައި ހުރި އޭނާގެ ފޭނަކާ އެކު ސެލްފީއެއް ނެގި މައްސަލައިގައި މުމްބައި ފުލުހުން ވަރުން ޖޫރިމަނާ ކޮށްފި އެވެ.

ކާރުން ބޭރަށް ބޯދިއްކޮށް ޖެހިގެން އޮތް އޮޓީގައި އިން އަންހެން ފޭނަކާ އެކު ވަރުން ސެލްޕީ ނަގަނިކޮށް ނަގާފައިވާ ފޮޓޯއެއް އިންޑިއާގެ ނޫސްތަކުގައި ޖަހާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ވަރުން ސެލްފީ ނަގަނިކޮށް ނަގާފައިވާ ފޮޓޯ ޖަހާފައިވާ ނޫސްތަކުގެ ސްކްރީންޝޮޓްތަކެއް ޓްވީޓްކުރަމުން ބުރާސްފަތި ދުވަހު މުމްބައި ފުލުހުން ވަނީ ޓްރެފިކް ލައިޓްގައި ކާރު މަޑުކޮށްފައި ވަނިކޮށް ވަރުން ވަނީ އެ ކާރާ ޖެހިގެން އޮތް އޮޓޯއެއްގައި ހުރި އަންހެނަކާ އެކު ސެލްފީއެއް ނަގާފައިވާތީ އެކަމަށް އޭނާ އަށް އިންޒާރުދީ އެފަދަ އަމަލެއް ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

ވަރުން ޓެގުކޮށް މުމްބައި ފުލުހުން ކުރި ޓްވީޓްގައި ވަނީ އެފަދަ ކަންކަން ފިލްމުތަކުގައި ފެނުނު ނަމަވެސް އެއީ މުމްބައި މަގުތަކުގެ ޓްރެފިކް އޮންނަ ގޮތަށް ބަލާއިރު ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ވަރުންގެ އެ އަމަލުގެ ސަބަބުން އޭނާގެ އިތުރުން ޖެހިގެން އިން އޮޓޯގައި ހުރި އޭނާގެ ފޭނާއި އެހެން މީހުންގެ ފުރާނަ ވެސް ނުރައްކަލުގެ ތެރެއަށް ވެއްޓުނު ކަމަށެވެ. ވަރުން ކަހަލަ ޒިންމާދާރު ޒުވާނެއްގެ ފަރާތުން އެމީހުން ކުރާ އުންމީދުތައް ބޮޑު ކަމަށާއި ވަރުން އަކީ ޒުވާނުންނަށް ނަމޫނާ ދައްކަން ހުރި ފަރާތެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެއިތުރުން ވެސް ޓްރެފިކްގެ ގަވާއިދާ ހިލާފުވެފައިވާތީ ވަރުން ޖޫރިމާނާ ކުރި ސްލިޕް އޭނާގެ ގެއަށް ފޮނުވާފައިވާނެ ކަމަށް ވެސް ފުލުހުންގެ ޓްވީޓްގައިވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ އަމަލެއް ތަކުރާރުކޮށްފިނަމަ އެމީހުންގެ ފިޔަވަޅު ވެސް ހަރުކަށިވާނެ ކަމަށް ބުނެފަ އެވެ.

ވަރުން ވަނީ 600 ރުޕީޒް އިން ޖޫރިމަނާކޮށްފަ އެވެ. އޭނާ ޖޫރިމަނާކޮށްފައިވަނީ ސީޓް ބެލްޓް ނާޅާތީ އާއި ކާރު ދުއްވަން އިން ޑްރައިވަރު އަދި ޓްރެފިކް ގަވާއިދަށް ހުރަސް އަޅާފައިވާތީ އާ ވެސް އެކު އެވެ.

އެ ފޮޓޯ އަކީ ބުދަ ދުވަހު ނަގާފައިވާ ފޮޓޯއެއް ކަމަށް ސީނިއާ ޓްރެފިކް އޮފިޝަކަލު ވަނީ ބުނެފަ އެވެ. އަދި އެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ވަރުން ވަނީ ޓްވީޓެއްކޮށް ފުލުހުން ކިބައިން މާފަށް އެދިފަ އެވެ.

ވަރުން ވަނީ ޓްރެފިކް ސިގްނަލުގައި ކާރު މާޑުކޮށްގެން އޮއްވާ އޭނާގެ ފޭނަކު ފޮޓޯއެއް ނަގަން އެދުމުން އެކަމަށް ނޫނެކޭ ނުބުނާން ފޮޓޯއެއް ނެގީ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިމަށް ވިސްނާނެ ކަމަށް ބުނެފަ އެވެ.

އެ ދުވަހު ވަރުން ކުރި ޓްވީޓަށް ޖަވާބު ދެމުން މުމްބައި ފުލުހުން ވަނީ ވަރުން ކަހަލަ މަޝްހޫރު ފަރާތެއް ދަތުުރު ކުރަމުން ދާ އުޅަނދަކުން ބޭރަށް ބޯ ދިއްކުރުމަކީ އެހެން މީހުންގެ ސަމާލުކަން އޭނާ އަށް ހުއްޓޭނެ ކަމަށް ކަމަށާއި ނަމަވެސް އެމީހުންގެ މެސެޖް ވަރުން ބަލައިގަތީތީ އުފާކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ވަރުންގެ ފިލްމީ ކެރިއަރުގައި މި އަހަރަކީ ވަރަށް ކާމިޔާބު އަހަރެކެވެ. މި އަހަރު ނިކުތް ވަރުންގެ ދެ ފިލްމު، "ބަދްރިނާތްކީ ދުލްހަނިޔާ" އާއި "ޖުޅްވާ 2" އަށް ވެސް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. އޭނާ މިހާރު އަންނަނީ ޝޫޖިތް ސިރްކާރް ޑައިރެކްޓްކުރާ "އޮކްޓޯބަރު" ގެ މަންޒަރުތައް ނަގަމުންނެވެ.