ލައިފްސްޓައިލް

ކުދިން ފިޓު ނޫން ނަމަ ކިޔެވުން ރަނގަޅެއް ނުވާނެ

Nov 27, 2017

ސްކޫލްތަކުގެ މި އަހަރުގެ ފައިނަލް ނަތީޖާ ހާމަކޮށް ސްކޫލްތައް ބަންދުވެ އަހަރުގެ ބޮޑު ޗުއްޓީ މިއޮތީ ލިބިފަ އެވެ. ޗުއްޓީއަށް އަތޮޅުތެރެއަށާއި ރާއްޖެއިން ބޭރަށް އަދި އަތޮޅު ތެރެއިން މާލެއަށްވެސް މީހުން އަންނަން ފަށައިފި އެވެ. މި ޗުއްޓީގައި ބައެއް ކުދިން ސަކަރާތާއި މަޖަލުގައި ހޭދަކުރިއިރު ބައެއް ކުދިންނަށް ތިބެން ޖެހުނީ ފޮތް ހިފައިގެން ގޭގަ އެވެ. އެއީ އޭ ރިޕޯޓެއް ނުހޯދައިފިނަމަ ދޭނެ ކަމަށް ބުނި އަދަބެވެ.

މިއީ ގިނަ އާއިލާތަކުގައި އޮންނަ ނުރަނގަޅު އާދަ އެކެވެ. ސްކޫލް ދުވަސްތަކެކޭ އެއްގޮތަށް ސްކޫލް ބަންދުގައިވެސް އެއްވެސް ހަރަކާތެއް ނެތި ކުދިން ގޭގައި ބައިތިއްބަނީ އެވެ. ކިޔަވައިދިނުމުގެ ނަމުގަ އެވެ. އެހެން ނަމަވެސް މިއީ އެއްވެސް ގޮތަކަށް ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫނެވެ. ކުއްޖާ ހަރަކާތްތެރިވެ ހެލިފެލިވެ އުޅޭ މިންވަރު މަދުވުމަކީ ކުއްޖާގެ ސިކުނޑިއަށް އެއިން ނުރަނގަޅު އަސަރުތަކެއް ކުރުވާ ކަމެކެވެ.

ކުއްޖާ ހަރަކާތްތެރިވެ އުޅެ ހެލިފެލިވެ ނުވަތަ އެކުއްޖާގެ ހަށިގަނޑަށް ބޭނުންވާ ކަސްރަތު ލިބޭނަމަ ސިކުނޑި ބަރާބަރަށް މަސައްކަތް ކުރަން ފަށާ ކުއްޖާ ކިޔެވުމަށް މޮޅުވެ އެވެ. ޖާނަލް ނިއުރޯއިމޭޖްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އެހެންނެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ކުއްޖާގެ ހަށިގަނޑަށް ބޭނުންވާ ކަސްރަތު ނުލިބި އެ ކުއްޖާ އަކީ ފިޓު ކުއްޖަކަށް ނުވާނަމަ އެ ކުއްޖާ ކިޔެވުމަށް ދަށްވާ ކަމަށެވެ. އެއީ އެކުދިންގެ ސިކުނޑިއަށް އެއިން އަސަރު ކުރާތީ ކަމަށެވެ.

މި އަހަރު ކުއްޖާއަށް އެންމެ ރަނގަޅު ނަތީޖާ ނުލިބުމުން ފޮތް ދީފަ ގޭގައި ބޭންދުމުގެ ބަދަލުގައި ކުއްޖާ ގޮވައިގެން ކަސްރަތު ކޮށް އަންނަ އަހަރުފެ ކިޔެވުން ފަށާންވާއިރަށް ކުއްޖާ އަކީ ފިޓި ކުއްޖަކަށް ހަދާށެވެ. އަދި ކިޔެވުން ފެށުމަށްފަހުވެސް ގަވާއިދުން ކުއްޖާ ލައްވާ ކަސްރަތު ކުރުވާ ޖިސްމާނީ ދުޅަހެޔޮކަން އެއްވަރެއްގައި ހިފަހައްޓަން މަސައްކަތް ކޮށްފަ ކުއްޖާ ލަައްވާ ކިޔަވަން މަސައްކަތް ކުރުމުން ނަތީޖާ ރަނގަޅުވާނެ އެވެ.