ހަބަރު

މަޖިލީހުގައި އިންނެވި ހަމައެކަނި މިނިވަން މެމްބަރު މުއާޒު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ވަކި ޕާޓީއަކާ ގުޅިވަޑައިނުގެން މިހާތަނަށް އިންނެވި ހަމައެކަނި މެމްބަރު ކަމަށް ވާ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު މުއާޒު ޖުމްހޫރީ ޕާޓީއާ މިއަދު ގުޅިވަޑައިގެންފި އެވެ.

މުއާޒު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މުއާޒު ޖޭޕީއާ ގުޅިވަޑައިގަތުމުން އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އަދަދު 13 އަށް އަރާނެ އެވެ.

އަމިއްލަ މެމްބަރެއްގެ ގޮތުން މަޖިލީހަށް ހޮވި ވަޑައިގަތް މުއާޒް މިއަދާ ހަމައަށް ހުންނެވީ މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ. މުއާޒު ފިޔަވައި އަމިއްލަ ގޮތުން މަޖިލީހަށް ހޮވި ވަޑައިގަތް އެހެން ހުރިހާ މެމްބަރުން ކުރިން ވަނީ ސަރުކާރު ނިސްބަތްވާ ޕީޕީއެމާ ގުޅިފަ އެވެ.

މުއާޒުގެ އިތުރުން ބައެއް ކައުންސިލްތަކުގެ މެމްބަރުން ވެސް ޖޭޕީއަށް މިއަދު ވަނީ ސޮއިކޮށްފަ އެވެ.