މާލޭ ހުކުރު މިސްކިތް

ހުކުރު މިސްކިތް މައްސަލާގައި ހެރިޓޭޖުން ހައުސިންއާ މަޝްވަރާ ކުރަނީ

ހުކުރު މިސްކިތް މައްސަލާގައި ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެރިޓޭޖުން ބުނެފި އެވެ.

ހެރިޓޭޖުން ބުނީ، ހުކުރު މިސްކިތުގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމާއި އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން މިވަގުތަށް އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ 114 ވަނަ ކޮށީގެ ބައެއް ލޭންޑްސްކޭޕްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ މަސައްކަތާ ގުޅޭ ތަފްސީލެއް އިއުލާނުގައި ބުނެފައެއް ނެތެވެ. ނަމަވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތުގައި ބުނެފައި ވަނީ ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ލޭންޑްސްކޭޕް ކުރާނީ ހައުސިން މިނިސްޓްރީން ދޭ ކޮންސެޕްޓަކަށް ކަމަށާއި އެ މަސައްކަތް ކުރާ އިރު އެ ސަރަހައްދުގައި ހުރި ތާރީހީ އަދި އާސާރީ އެއްޗަކަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށެވެ.

އޭގެ އިތުރުން އެ ސަރަހައްދުގައި ފުޑް އައުޓްލެޓެއް ނުވަތަ ކެފޭއެއް ތަރައްގީކޮށް ހިންގަން ޖެހޭނެ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިސްކަން ދެވޭނީ މަހުން މަހަށް ސަރުކާރަށް އެންމެ ބޮޑު ކުއްޔެއް ދައްކާ ފަރާތް ކަމަށެވ

އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ، ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭ އެއް އެޅުމަކީ ދީނީ ގޮތުންނާއި ތާރީހީ ގޮތުން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އެފަދަ ތަންތަން ސަލާމަތް ކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، މި ސަރުކާރުން ތަރައްގީގެ ނަމުގައި ގައުމިއްޔަތާއި ގައުމުގެ މުއްސަނދި ކަން ލޫޓުވާލައި ތިމާވެށި ހަލާކު ކުރަމުންދާ ކަމަށެވެ. އަދި ތާރީހީ ސަގާފަތުގެ ތަންތަން ބިމާ ހަމަ ކުރަމުންދާ ކަމަށާއި އެކަން ހުއްޓުވައި އިހުތިޖާޖް ކުރަން ޖެހޭ ކަމަށެވެ.