މާލޭ ހުކުރު މިސްކިތް

ހުކުރު މިސްކިތް ސަަރަހައްދުގައި ކެފޭ އެޅުން ބާތިލުކޮށްފި

Nov 27, 2017
7

ހުކުރު މިސްކިތް ހިމެނޭ ސަރަހައްދަށް ބަދަލުތަކެއް ގެނެސް، އެ ސަރަހައްދުގައި ކެފޭއެއް އެޅުމަށް ނިންމައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާނު ކުރުމާއެކު އެ ނިންމުމަށް ފާޑުކިޔުންތައް އަމާޒުވެ ސުވާލުތައް އުފައްދާފައިވަނިކޮށް އެ ނިންމުން އަނބުރާ ގެންގޮސް ސަރުކާރުން އެ އިއުލާން ބާތިލުކޮށްފި އެވެ.

"އަވަސް" އާ ވާހަކަދައްކަމުން ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓާ ހަސަން ވަހީދު މިއަދު ވިދާޅުވީ ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ތަރައްގީ ކުރަން ކުރި އިއުލާން މިއަދު ބާތިލުކޮށްފައިވާ ކަމަށާއި އެއީ އެ މަޝްރޫއު ކުރިޔަށް ގެންދިޔުމާ ބެހޭ ގޮތުން އިތުރަށް ދިރާސާ ކުރަން ޖެހޭތީ ކަމަށެވެ. އަދި ވިދާޅުވި އެ ގޮތަށް ނިންމި އިރު އެ ކަމާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ކޮމްޕްލެއިންއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގެ ތެރޭގައި އެކަމާމެދު ކަންބޮޑުވުންތައް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ހުކުރު މިސްކިތް ސަރަހައްދު ތަރައްގީ ނުކުރާ ގޮތަށް އަދި ނުނިންމާ، އަދި ތަރައްގީ ކުރާނެތޯ ވެސް އަދި ނުނިންމާ، އިއުލާން ބާތިލު ކުރީ އިތުރަށް ދިރާސާކޮށްފަައި ގޮތެއް ނިންމަން،" ވަހީދު ވިދާޅުވި އެވެ.

މާލޭގެ ހުކުރު މިސްކިތް ބިނާކޮށް ނިންމެވީ، އައް ސުލްތާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގައި މީލާދީން 1656 ވަނަ އަހަރުގެ ތެރޭގަ އެވެ. ހުކުރު މިސްކިތުގެ މުންނާރު ބިނާކުރެއްވީ ވެސް ހަމަ އެ ރަދުންގެ ރަސްކަމުގައި މީލާދީން 1675 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު އިސްލާމީ މަރުކަޒު ހުޅުވުމާ ހަމައަށް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ހުރީ ހުކުރު މިސްކިތެވެ.