އެމްޑީޕީ

ވިޔަފާރިވެރިން އަތުން ނަގާ ތަންތަން އިއާދަ ކުރާނަން: އެމްޑީޕީ

ގާނޫނުތަކާއި އެއްބަސްވުންތަކާ ހިލާފަށް ވިޔަފާރިވެރިންގެ އަތުންް ސަރުކާރަށް ނަގަމުންދާ ތަންތަން މި ވެރިކަން ބަދަލުކުވުމުން އިއާދަކުރާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައި ވަނީ ވިޔަފާރިވެރިޔާ އަދި ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބުރާހީމްގެ ވިޔަފާރިތައް ހަލާކުކޮށްލައި ބަނގުރޫޓުކޮށްލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އަދި ބުނެފައި ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ބަޔާނުގައި ތުހުމަތުކޮށްފައިވަނީ ގާސިމުގެ ވިޔަފާރީގެ މުއާމަލާތްތައް، ގާނޫނުތަކާއި އެއްބަސްވުންތަކާ ހިލާފަށް ސަރުކާރުން ރޫޅާލައި، މުދާތައް އަތުލައި އެތައް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެމަނިކުފާނުގެ ވިޔަފާރިތައް ބަނގުރޫޓުކޮށްލުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ.

ރައީސް އަބުދުﷲ ޔާމީނުގެ ސަރުކާރުން ގާސިމާ މެދު އެގޮތަށް ކަންތައް ކުރަނީ ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރާތީ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

"... މިއީ އިދިކޮޅު ސިޔާސީ ލީޑަރުން ނެތިކޮށްލުމަށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ތަކުރާރުކޮށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ހިންގާ ޖަރީމާއެކެވެ،" އެ ބަޔާނުގައި ވެއެވެ.

ގާސިމް ބަނގުރޫޓުކޮށްލަން ސަރުކާރުން ކުރާ ކަމަށް އެމްޑީިޕީން ތުހުމަތު ކުރާ މަސައްކަތްތައް ހުއްޓައިލުމަށް ގޮވައިލުމަށް ފަހު ދެން ބުނެފައި ވަނީ ވިޔަފާރިވެރިން އަތުން އެގޮތަށް ނަގާފައިވާ ތަންތަން ވެރިކަން ބަދަލުވުމުން އިއާދަކުރާނެ ކަމަށެވެ.

" ޤާނޫނުތަކާއި ވެފައިވާ އެއްބަސްވުންތަކުގައިވާ ގޮތްތަކާ ޚިލާފަށް މިގޮތަށް އެކިއެކި ވިޔަފާރިވެރިންގެ އަތުން އަތުލެވޭ ތަންތަނާއި ނެގޭ ޖޫރިމަނާތައް، އަބްދުﷲ ޔާމީންުގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ފަހު އުފައްދާ ސަރުކާރެއްގައި އަލުން ރުޖޫޢަ ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައި ވެއެވެ.

ގާސިމްގެ ވިލާ ގްރޫޕާއެކު ވެފައިވާ ބައެއް އެއްބަސްވުންތައް އެކި ސަބަބުތަކާ ހެދި ސަރުކާރުން ކުރިން އުވާލާފައި ވެއެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ދަށުކޯޓްތަކުގެ މަރުހަލާ ނިމި މިހާރު ހުރީ ސުޕްރީމްކޯޓުގަ އެވެ. ނަމަވެސް އެމްޑީޕީގެ މިއަދުގެ ބަޔަނަކީ އޭގެ ތެރެއިން ވަކިން ކޮން މަައްސަލައަކާ ގުޅުވައިގެން ނެރުނު ބަޔާނެއް ކަމެއް އަދި ސާފެއް ނުވެއެވެ.