ހުކުރު މިސްކިތުގެ ބަގީޗާ ސަރަހައްދު ކެފޭއަކާ އެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ އެ ސަރަހައްދުގައިވާ ތަރިކަތަކަށް ގެއްލުމެއްވާނެ ކަމެއް ނޫން ކަމަށް ބުނެ ހައުސިން މިނިސްޓްރީން އެކަން ދިފާއުކޮށްފި އެވެ.
ހުކުރު މިސްކިތުގެ ގޯތި ތެރެއިން ބައެއް ތަރައްގީ ކުރަން އިއުލާނު ކުރުމުން އިދިކޮޅު ފަރާތްތަކާއި ތާރީހާ ސަގާފަށް ލޯބިކުރާ ފަރާތްތަކުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުން ދަނިކޮށް ސަރުކާރުން މިއަދު ވަނީ އެކަމަށް ކުރި އިއުލާނު ބާތިލުކޮށްފަ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ގައި މިރޭ ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު ހަސަން ވަހީދު ވިދާޅުވީ ހުކުރު މިސްކިތް ސަރަހައްދު ތަރައްގީ ކުރުމުގެ ކޮންސެޕްޓް ތައްޔާރު ކުރީ އެތަނަށް އެއްވެސް އުނި ކަމެއް ނާންނާނެ ގޮތަށް ކަމަށެވެ.
" ... މި މަސައްކަތް ކުރުމަކުންނެއް ކޮންމެހެން އެތާ ހުރި އެއްވެސް އެއްޗަކަށް ކުޑަވެސް ގެއްލުމެއް ނުވާނެ ކަހަލަ ގޮތަކަށް، އެންމެ ކުޑަ މިނުން އެތާންގައި ބޮޑެތި ގަސްތަކާ އެއްޗެހި ވެސް އެބަހުރި އިނގޭތޯ އެ ގަސްތައް ވެސް ނުކަނޑައި އަޅުގަނޑުމެން މަސައްކަތް ކުރުމުގެ ވިސްނުން ހަގީގަތުގައި ހުރީ،" ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުކުރު މިސްކިތުގެ އެ ސަރައްދު އެގޮތަށް ތަރައްގީ ކުރުމުގެ ވިސްނުން އަދިވެސް އެބަ އޮތް ކަމަށެވެ. ކޮށްފައިވާ އިއުލާނު ބާތިލު ކުރީ މުޅި މަޝްރޫއު އަލުން ބަލައި ދިރާސާ ކޮށްލަން ކަމަށެވެ.
" ހަމަ އެ ވިސްނުން އަދިވެސް ވިސްނުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ އެބަ އޮތް،" ވަހީދު ވިދާޅުވިއެވެ.
މާލޭގެ ހުކުރު މިސްކިތް ބިނާކޮށް ނިންމެވީ، އައް ސުލްތާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގައި މީލާދީން 1656 ވަނަ އަހަރުގެ ތެރޭގަ އެވެ. ހުކުރު މިސްކިތުގެ މުންނާރު ބިނާކުރެއްވީ ވެސް ހަމަ އެ ރަދުންގެ ރަސްކަމުގައި މީލާދީން 1675 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު އިސްލާމީ މަރުކަޒު ހުޅުވުމާ ހަމައަށް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ހުރީ ހުކުރު މިސްކިތެވެ.