މި މަހުގެ ކުރީކޮޅު ޝޫޓިން ފެށި "ރޭސް 3" ގެ ޝޫޓިންގެ ތެރޭގައި ޒުވާން އެކްޓަރު ސާގިބް ސަލީމަށް އަނިޔާވެއްޖެ އެވެ.
ފުރަތަމަ ފަހަރަށް ރޭސް ސިލްސިލާގެ ފިލްމަކުން ފެނިގެންދާ ސާގިބަށް ފިލްމުގެ އެކްޝަން މަންޒަރެއް ނެގުމުގެ ތެރޭގައި އަނިޔާވެފައިވަނީ ހޯމަ ދުވަހު އެވެ. މެހެބޫބް ސްޓޫޑިއޯގައި ނެގި އެ އެކްޝަން މަންޒަރުތަކެއްގެ ތެރޭގައި އަނިޔާވެފައިވަނީ ސާގިބްގެ އަތަށެވެ. ސާގިބްގެ އަތަށް ލިބުނު އަނިޔާގެ ސަބަބުން އަތަށް ދެ ސްޓިޗް ޖަހައި ފަހާފައިވާ ކަމަށްވެ އެވެ.
ޝޫޓިންގެ ތެރެއިން ސާގިބަށް އަނިޔާވުމާ އެކު ފިލްމުގެ ޝޫޓިން މަޑުޖައްސައި، ސެޓަށް ޑޮކްޓަރުން ގެނެސް އޭނާ އަށް ވަނީ ވަގުތުން ފަރުވާދީފަ އެވެ.
މި ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވަނީ ސާގިބަށް ލިބުނު އަނިޔާއަށް އޭނާ އަށް ފަރުވާ ދިނުމަށްފަހު އަލުން ޝޫޓިން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"ހުރިހާ ތަރިން ފިލްމުގެ ސެޓުގައި ތިބެ އެއްވެސް ތަރިޔަކު ޝޫޓިން ކެންސަލް ކުރަން ބޭނުންނުވުމުން ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ،" ފިލްމުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވެ އެވެ.
ސަލްމާން ޚާން ލީޑްއެކްޓަރުގެ ރޯލުން ފެނިގެންދާ "ރޭސް 3" ގައި ބަތަލާގެ ރޯލުން ފެނިގެންދަނީ ޖެކުއަލީން ފާނެންޑޭޒް އެވެ. ތަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރަނީ ރެމޯ ޑިސޫޒާ އެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން ބޮބީ ޑިއޯލް އާއި ޑެއިޒީ ޝާހް އަދި ސާގިބް ފެނިގެންދާނެ އެވެ.
ބޮލީވުޑްގައި އުފެއްދި އެންމެ ކާމިޔާބު ތްރިލާ ސިލްސިލާ "ރޭސް" ގެ ފުރަތަމަ ދެ ފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ސައިފް އަލީ ޚާން އެވެ. ނަމަވެސް ތިން ވަނަ ފިލްމުގައު ބަތަލާ ޖެކުއަލީންގެ އިތުރުން ފެނިގެންދާ ހުރިހާ ތަރިންނަކީ މި ސިލްސިލާ އަށް އާ ތަރިންނެވެ.