ހަބަރު

ޖަޕާނުން ރާއްޖެއަށް 9.9 މިލިޔަންް ޑޮލަރުގެ ތަކެތި ދީފި

ޖަޕާން ސަރުކާރުގެ "ނަން ޕްރޮޖެކްޓް ގްރާންޓް އެހީ"ގެ ގޮތުގައި ރާއްޖެއަށް 9.9 މިލިޔަން ޑޮލަރު(152 މިލިޔަން ރުފިޔާ)ގެ އަގުހުރި ތަކެތި ދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާނުން ދިނީ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ބޭނުންކުރެވޭނެ އާލާތްތައް ކަމަށެވެ. ކަޅުތުއްކަލާ ކޮށީގައި އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުގެ ފަރާތުން އެތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ އެގައުމުގެ މިނިސްޓަރް އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އިވާއޯ ހޯރީ އެވެ. ރާއްޖޭގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ޑިފެންސްގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ.

ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 50 އަހަރު ފުރުނީ މިއަހަރުއެވެ. އެކަން ފާހަގަކުރުމަށް ރާއްޖެއާއި ޖަޕާނުގައި ބައެއް ހަރަކާތްތައް ވަނީ ހިންގާފައެވެ. އެގައުމުން ވަނީ މީގެ ކުރިން ވެސް ރާއްޖެ އަށް ގިނަ އެހީތަކެއް ވެފަ އެވެ. މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޖަޕާނުގެ މިނިސްޓަރު ވަނީ ރައީސް އަބްދުﷲ ޔާމީނާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާފައެވެ.