ރިޕޯޓް

ގެދޮރުގެ ކުލި އަގު ހެޔޮ ކުރަން މިގޮތް ކިހިނެތް ވާނެ؟

Dec 19, 2017
21

އަމިއްލަ ކުންފުންޏަކުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެޕާޓްމަންޓް ކޮމްޕްލެކްސް އަކުން ވިއްކާ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ޖުމްލަ އަގަކީ އެވްރެޖްކޮށް ތިން މިލިއަން ރުފިޔާ އާއި ހަތަރު މިލިއަން ރުފިޔާއާ ދެމެދެވެ. ރާއްޖޭގެ ރިއަލް އެސްޓޭޓް ބާޒާރުގައި މިހާރު ކަންކަން ހަމަޖެހިފައިވާ ގޮތުން، އެވަރުގެ ފްލެޓެއް ގިނަ މީހުންނަށް މިލްކް ކުރެވެން އޮތީ ވެސް 500،000 ރުފިޔާއަށް ވުރެ ބޮޑު ޑައުންޕޭމަންޓެއް ބޭންކަށް ދައްކައިގެން ބޭންކް ލޯނެއްގެ ތެރެއިން އެވެ. ދިގު ޒަމާންތަކެއް ވަންދެން ބޯހިޔާވަހިކަމެއް ނުލިބި މި ކުޑަކުޑަ މާލޭގައި ގަނަތެޅެން ޖެހިފައިވާ އެތައް ނިކަމެތި ރައްޔިތުންނަކަށް އޮތް މާޔޫސް ކަމަކީ މިއީ އެވެ. މި ނިޒާމް ހަމަޖެހިފައި އޮތް ގޮތުން، ފްލެޓް ގަންނަން ބޭންކް ލޯނެއް ހޯދަން ޖެހޭ ހިސާބުން ވެސް އަމިއްލަ ގެދޮރެއް ހޯދުމަށް ދެކޭ ހުވަފެނަށް މި އޮތީ ހުރަސްއެޅިފަ އެވެ. މީގެ ވަރަށް ފުރިހަމަ މިސާލަކީ، ޓާޓާ ފްލެޓްތައް ލިބުނު އެތައް ބަޔަކަށް ލޯނު ނެގޭނެ ފަދައެއް ނެތިގެން އެންމެ ފަހުން އެ ފްލެޓްތައް ސަރުކާރުން ވިއްކާލަން ޖެހުނީ އެވެ. އެހެންވީމާ، ބޮޑެތި އުސް ފްލެޓް އިމާރާތްތައް ހިއްލާލުމަކުންނެއް ގެދޮރުވެރިކަމުގެ މައްސަލައަށް އަދި ހައްލެއް ހޯދައިދެވުނީ ކަމަށް ބަލާނެ ފުރުސަތެއް ނެތެވެ. މާލޭގެ ކުލިތައް އަތް ނުފޯރާ ފަށަން އަރައިގެން ގޮސްފައި ވަނީ ވެސް ރިއަލް އެސްޓޭޓް މާކެޓްގެ ޑިމާންޑް ކުޑަކުރަން ސަރުކާރުތަކަށް އެކަށީގެންވާ ފިޔަވަޅުތަކަށް މިހާތަނަށް ވެސް އެޅިފައި ނުވާތީ އެވެ.

ތަންތަނުގެ ކުލިތައް އަތް ނުފޯރާ ފަށަށް މިދިޔަ އަހަރުތަކުގެ ތެރޭގައި އުފުލިފައިވަނީ މާލޭ ސަރަހައްދުގެ ހައުސިންއަށް އޮތް ޑިމާންޑާ އެއްވަރަށް ފްލެޓް އިމާރާތްތައް ނޭޅިގެން ކަމަށް ބަލާނެ ޖާގަވެސް އެބަ އޮތެވެ. އެކަމަކު މިހާރު ހާލަތު ބަދަލުވެ މާލޭގައި އަމިއްލަ ފަރާތްތަކުން ހަދާ އެޕާޓްމަންޓް އިމާރާތްތައް ވެސް އެތައް ގުނައެއް ގިނަވެއްޖެ އެވެ. އަދި ހުޅުމާލޭގައި އަމިއްލަ އެތައް ކުންފުންޏަކުން ފްލެޓް އިމާރާތްތައް އަންނަނީ ފައްކާ ކުރަމުން އެވެ. މީގެ އިތުރަށް ސަރުކާރުން ވަނީ ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ފަށައި އެތައް ހާސް ފްލެޓް ހިމެނޭ ޓަވަރުތަކެއް އަޅަން ނިންމައިފަ އެވެ. މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި ރިއަލް އެސްޓޭޓް މާކެޓްގައި ވިއްކާ ފްލެޓްތައް ގިނަވަމުން ދިޔަ ނަމަވެސް ގެދޮރުވެރިކަމުގެ އަގު ނުހިފެހެއްޓި މަތިވަމުން ދިޔުމަކީ ބޮޑު ސުވާލެކެވެ. އެކަމަކު އެހެން ވާން ޖެހޭ ސަބަބު ހޯދައިގަންނަން މިހާތަނަށް ވެސް އެކަށީގެންވާ ދިރާސާއެއް ކުރެވިފައެއް ނުވެ އެވެ. ހަމައެކަނި ލަފާކުރުމަކަށް ބަލާ ނަމަ ބޯހިޔާވަހިކަމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަން ލިބިގަތުމަށް ގިރާކުރަން ޖެހޭ ހުރަސްތައް ބޮޑުވުމެވެ.

ގެދޮރުވެރިކަމުގެ ލޯނެއް ހޯދުމަށް ބޭންކަށް ދައްކަން ޖެހޭ އިކުއިޓީ ބޮޑުވުމަކީ އެންމެ ބޮޑު މައްސަލަ އެވެ. ކިތަންމެ ރަނގަޅު މުސާރައެއް ލިބޭ މީހަކަށް ވިޔަސް ފްލެޓް ގަންނަން ނަގާ ލޯނުގެ އިކުއިޓީއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑުވުމުގެ ސަބަބުން އޮންނަނީ ފްލެޓެއް މިލްކް ކުރަން ހޯމް ލޯނެއް ހޯދުން ނުވާނެ ކަމަކަށް ވެފަ އެވެ. ރާއްޖޭގެ މާކެޓްގައި ފްލެޓްތަކުގެ އަގު ދެ މިލިއަން ރުފިޔާ އާއި ހަތަރު މިލިއަން ރުފިޔާއާ ދެމެދުގައި ހުރި އިރު ހަތަރު މިލިއަން ރުފިޔާގެ ފްލެޓަކަށް އިކުއިޓީއަށް 750،000 އެއްހާ ރުފިޔާ ދައްކަން ޖެހެ އެވެ. އަދި ދެ މިލިއަން ރުފިޔާގެ ލޯނަކަށް ވެސް 450،000 ރުފިޔާވަރު އިކުއިޓީއަށް ދައްކަން ޖެހެ އެވެ. މިވަރުގެ ބޮޑު އަދަދެއް ދައްކައިގެން ހޯމް ލޯނެއް ނެގޭނެ ވަރުގެ ތިބޭނީ ވަރަށް މަދު ބަޔެކެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުން މި ހިސާބުން ވެސް މި ވަނީ ހުވަފެނަކަށް ވެފަ އެވެ. އެހެންވިއްޔާ އެކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟

ސަރުކާރުން މިހާރުވެސް ވަނީ "އެފޯޑެބުލް ލޯން ސްކީމް"ގެ ނަމުގައި އެމްއެމްއޭ އިން ގެރެންޓީ ދޭގޮތަށް އިކުއިޓީގެ ގޮތުގައި ކުޑަ އަދަދެއް ދައްކައިގެން ލޯނު ހަމަޖެހޭ ސްކީމެއް ތައާރަފްކޮށްފަ އެވެ. ހަމައެކަނި ގާކޮއްޓާއި ކުރީގެ އަރަބިއްޔާ ބިމުގައި ޓާޓާ ކުންފުނިން ހަދާފައިވާ ފްލެޓްތައް ގަންނަން ސަރުކާރުން ތައާރަފްކޮށް ދިން މި ލޯނުގެ ތެރެއިން އިކިއުޓީގެ ގޮތުގައި އެންމެ ކުޑަވެގެން ޖުމްލަ ލޯނުގެ ފަސް ޕަސެންޓް ބޭންކަށް ދައްކަން ފުރުސަތު ލިބެ އެވެ. އެޗްޑީސީ އިން މި ފްލެޓްތައް ވިއްކަން އެންމެ ފަހުން އިއުލާން ކުރި އަގު ކަމަށްވާ، ދެ މިލިއަން ރުފިޔާ ނަމަ ފްލެޓް ގަންނަން އިކުއިޓީގެ ގޮތުގައި ދައްކަން ޖެހޭނީ 100،000 ރުފިޔާ އެވެ. އެކަމަކު މި ސްކީމްގެ ބޭރުން ބޭންކްތަކުން ދޫކުރާ އާންމު ހޯމް ލޯން ނަގާ ނަމަ އިކުއިޓީގެ ގޮތުގައި އެންމެ މަދުވެގެން ވެސް 20 ޕަސެންޓް ދައްކަން ޖެހެ އެވެ. އެއީ ދެ މިލިއަަން ރުފިޔާގެ ފްލެޓެއްގެ ލޯނަށް އެންމެ މަދުވެގެން ވެސް ހަތަރު ލައްކައެއްހާ ރުފިޔާ ދައްކަން ޖެހެ އެވެ. މިއީ އާންމު މީހަކަށް ކެރިކުޅަދާނަ އަދަދެއް ހެއްޔެވެ؟ އެހެން ވިއްޔާ ހައްލަކީ ކޮބައި ހެއްޔެވެ؟ ބޭންކުން ދޫކުރާ ހޯމް ލޯނުން ގަންނަ ފްލެޓް ލޯނު އަދާކޮށް ނިމެންދެން ބޭންކްގައި ރަހުނުކުރާއިރު، އަދި އިތުރު އިކުއިޓީއެއް އެ ލޯނު ހޯދުމަށް ދައްކަން ޖެހުމަކީ އިންސާފެއް ހެއްޔެވެ؟

ބޭންކިން ސެކްޓަރުގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އޮފިޝަލަކު މި ސުވާލުތަކަށް ދެއްވީ ވަރަށް ކުރު ޖަވާބެކެވެ. އޭނާ ވިދާޅުވާ ގޮތުގައި، ހޯމް ލޯންތަކުގެ އިކުއިޓީއެއް ބަހައްޓަން އުސޫލު އެކުލަވާލަން ޖެހިފައި ވަނީ މީގެ ކުރިން ބޭންކުން ދޫކޮށްފައިވާ އެކި އެކި ލޯނުތައް ދެއްކުމުގައި ދިވެހިން ފަރުވާ ކުޑަކޮށްފައި ވުމުން ބޭންކަށް ގެއްލުން ވުމުގެ ރިސްކް ބޮޑުވެފައި އޮތުމުން އެވެ. އަދި ލޯނު ނުދެއްކޭ ހާލަތެއްގައި ރަހުނުކޮށްފައި ހުންނަ ފްލެޓް ވިއްކާލުމަކީ ޝަރުއީ ދާއިރާގެ ތެރެއިން ކުރަން ޖެހޭ ކަމަކަށްވާ އިރު އެ މައްސަލަތައް ކޯޓުތަކުގައި ދިގުލައިގެން ދިޔުމުގެ ފުރުސަތު އޮތުމަކީ ވެސް އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ވީމާ ހައްލަކީ ކޮބައި ހެއްޔެވެ؟

ރާއްޖޭގެ އަވަށްޓެރި ގައުމުތައް ކަމަށްވާ ސްރީލަންކާ އަދި އިންޑިއާ ފަދަ ގައުމުތަކުގައި އެކަށީގެންވާ ރަނގަޅު މުސާރައެއް ނޫނީ އާމްދަނީއެއް ލިބޭ ނަމަ ނޫނީ އެ މީހެއްގެ ކްރިޑިޓް ހިޒްޓްރީއަށް ބަލައި އިކުއިޓީއެއް ނުބަހައްޓާ ހޯމް ލޯން ދޭނެ ހާއްސަ ޑިވަލޮޕްމަންޓް ބޭންކްތައް ވަނީ އެކުލަވާލައިފަ އެވެ. އެހެން ކަމުން، މިކަހަލަ ވަރަށް ގިނަ ގައުމުތަކުގައި އަލަތު ކައިވެންޏާ އެކުވެސް ފްލެޓް ލިބޭނެ އިންތިޒާމް އޮންނަނީ ހަމަޖެހިފަ އެވެ. މިފަދަ ލޯންތައް ހަމަޖައްސައިދޭން މިފަދަ ޑިވަލޮޕްމަންްޓް ބޭންކްތަކުން ނަގަނީ ވަރަށް ވެސް ކުރު މުއްދަތެކެވެ. އާންމުކޮށް ހަފްތާއެއްހާ ދުވަހެވެ. ހަމައެކަނި ލޯނުގެ އިދާރީ ފީއަށް ކޮންމެވެސް ކުޑަފީއެއް ދައްކާލަން ޖެހިދާނެ އެވެ. އެހެން ވީމާ، ރާއްޖޭގައި ވެސް މިކަހަލަ އުސޫލެއް ހަމަޖައްސައި ނުދެވެންވީ ސަބަބެއް ނެތެވެ. މީގެ ކުރިން ހޯމް ލޯނުގައި ހުރި ބޮޑެތި އިންޓަރެސްޓް ރޭޓްތައް ކުޑަކޮށްފި އެވެ. އެހެން ނަމަވެސް ހޯމް ލޯނު އަސްލު ބޭނުންވާ މީހާއަށް އަތްފޯރާ ފަށަށް ނައިސްގެން އުޅޭ މައްސަލައަށް އަދިވެސް ހައްލެއް ހޯދައެއް ނުދެވެ އެވެ. ނަތީޖާއަކަށް ވަނީ ގެދޮރިވެރިކަމުގެ މައްސަލަ ހައްލު ނުވެ ސަރުކާރުން އެކަމަށް އިންތިހާއަށް ހަރަދު ކުރަން ޖެހުމެވެ.

ރިއަލް އެސްޓޭޓް ދާއިރާގެ ސަޕްލައި އިންތިހާއަށް އިތުރުވެފައި އޮތަސް ގެދޮރުގެ އަގު ހެޔޮ ނުވެގެން އުޅެނީ އެންމެ ބޮޑު ސަބަބަކަށް ވެސް ވަނީ އެ މާކެޓްގެ ތެރޭގައި މަދު ބަޔަކު އުޅޭތީ އެވެ. އެޕާޓްމަންޓް ވިއްކަން ވެސް އަދި ގަންނަން ވެސް ތިބެނީ މަދު ބަޔެކެވެ. ނަތީޖާއަކަށް ވަނީ އެއް ބަޔަކު ކޮންޓްރޯލް ކުރާ އެއްޗަކަށް މާކެޓް ބަދަލުވުމެވެ. އެ ކަންކަމަށް ރާއްޖޭގައި ހުރި ކޮމާޝަލް ބޭންކްތަކަށް ލުޔެއް ހޯދައި ދެވޭނެހެނެއް ހިއެއް ނުވެ އެވެ. އޭގެ ބަދަލުގައި ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށް ހާއްސަކޮށް ޑިވަލޮޕްމަންޓް ބޭންކެއް އުފެއްދުން ނޫނީ ގައުމީ ބޭންކް ބީއެމްއެލް އިން އެކަމަށް ހާއްސަ ވިންގެއް އުފައްދައިގެން އެކަން ކުރަން އުޅެފި ނަމަ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރެވިދާނެ އެވެ. ލޯނުގެ އިކުއިޓީގެ އަދަދު މިހާރު ހުރި ބޭންކްތަކަށް ކުޑަ ނުކުރެވިގެން އުޅެނީ ކޮމާޝަލް އުސޫލުން އެ ބޭންކްތައް ހިންގަން ޖެހޭތީ އެވެ. އެކަމަކު ޑިވަލޮޕްމަންޓް ބޭންތަކަކީ ވަކި މަގުސަދެއް ހާސިލް ކުރުމަށް އުފައްދާ އެ މަގުސަދުގައި ބޭންކިން މުއާމަލާތްތައް ހިންގާނެ ބޭންކްތަކެކެވެ. ކޮމާޝަލް ބޭންކްތަކުގެ ބޮޑު ފައިދާ ހޯދަން ޓާގެޓް ކުރިއަސް ޑިވަލޮޕްމަންޓް ބޭންކްތަކުން މަސައްކަތް ކުރާނީ ތަރައްގީގެ ވަކި ކަންކަން ހާސިލް ކުރުމަށެވެ. ޑިވަލޮޕްމަންޓް ބޭންކެއްގެ ތެރެއިން ގެދޮރުގެ ލޯނު ދޫކުރަން ފެށުމުން އޭގެ ޒާތުގައި މާކެޓްގައި އަގުތައް ތިރިވެގެން ދިޔުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ ކޮންމެ ބަޔަކަށް ވެސް ގެދޮރު ގަންނަން ލޯނު ހޯދުން ދެން ބޮޑު ކަމަކަށް ނުވާނެތީ އެވެ. ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައިގައި ހައްލު ހޯދަން މިވެސް މުހިންމު ކަމެކެވެ. ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދަން ބޮޑެތި ޓަވަރުތައް އެޅުމުގެ ކުރިން ސަރުކާރުން މިކަމާ ވިސްނާނީ ކޮން އިރަކުން ހެއްޔެވެ؟