ހަބަރު

"ލަންކާގައި ނަޝީދުު ސިޔާސީ މަސައްކަތް ކުރާތީ ކަންބޮޑެއް ނުވޭ"

ކުރީގެ ރައީސް މުހައްމަދު ނަޝީދު ގިނަ ގިނައިން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް ވަޑައިގެން ސިޔާސީ މަސައްކަތްތައް ކުރައްވާތީ
ދިވެހި ސަރުކާރުން ކަންބޮޑު ނުވާ ކަމަށް އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

"ނިއުސް ފަސްޓް" ނަމަކަށް ކިޔާ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ ރައީސް ނަޝީދުގެ ދަތުރުފުޅުތަކާ މެދު ކަންބޮޑު ނުވަނީ އެ މަނިކުފާނަކީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ބޭފުޅަކަށް ނުވާތީ ކަަމަށެވެ.

"... ނޫން. އެއީ އޭނާއަކަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ. ނުވަ މަސް ފަހުން އަޅުގަނޑުމެންގެ އިންތިހާބު އެބަ އޮތް. އެހެންވީމާ އިދިކޮޅަށް ވެސް އެންމެ ރަނގަޅު ގޮތަކީ ކެންޑިޑޭޓަކު ހޯދުން،" ސިޔާސީ މަސައްކަތްޕުޅުތަކަށް ނަޝީދު ކޮލަމްބޯ ބޭނުން ކުރައްވާތީ ކަންބޮޑުވެވަޑައިގަންނަަވަންތޯ ދެންނެވުމުން މުންދު ވިދާޅުވިއެވެ.

އިންޓަވިއުގައި ރާއްޖެއާ ލަންކާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ވެސް މުންދުއަށް ސުވާލުތައް ދެންނެވި އެވެ. ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ސުވާލުތައް ދެންނެވީ އޭގެ ފަހުންނެވެ. ސިޔާސީ ގޮތުން ދެންނެވި މުހިއްމު އަނެއް ސުވާލަކީ ރިޔާސީ އިިންތިހާބުގައި އިދިކޮޅުން ނެރޭ ކެންޑިޑޭޓެއް ކަނޑައެޅުމަކީ ސަރުކާރަށް ކޮން ކަހަލަ ކަމެއްތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުންް އޭނާ ވިދާޅުވީ އެއީ ރަނގަޅެއް ކަމަށެވެ.

"ވެރިކަން ކުރާ ޕާޓީއެއްގެ ހައިސިއްޔަތުން އަހަރެމެންނަށް އެންމެ ރަނގަޅީ އެމީހުން ނިންމުމެއް ނުނިންމާ ގިނަ ދުވަހު ތިބުން،" އޭނާ ވިދާޅުވިއެވެ.

ލަންކާއާ ރާއްޖެއާ އޮންނަ ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ އެ ގުޅުމުގެ މުހިއްމުކަން މިހާރު ވަކިން ބޮޑުވެފައިވާ ކަމަށެެވެ. ވިދާޅުވީ އެއީ އެގައުމުގެ ޓޫރިޒަމްވެސް މިހާރު ކުރިއަރަމުން އަންނާތީ ކަމަށެވެ. ލަންކާގެ ޓޫރިޒަމް ކުރި އަރާ ނަމަ ރާއްޖޭގެ ޓޫރިޒަމަށް ވެސް އެކަމުގެ ރަނގަޅު އަސަރު ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.