ހަބަރު

ވިލާގެ މަތީސާނަވީ އަށް ވަނުމުގެ ފުރުސަތު ޖެނުއަރީ 17 ގައި

ވިލާ އިންޓަނޭޝަނަލް ހައި ސުކޫލު (ވީއައިއެޗްއެސް) ގެ މަތީ ސާނަވީ އަށް ވަނުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހު ހުޅުވާލާނެ ކަމަށް އެ ސުކޫލުން ބުނެފި އެވެ.

ވިލާ ކޮލެޖްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވީއައިއެޗްއެސްގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ، އަންނަ އަހަރު އޭލެވެލްގެ ކިޔެވުން ފަށާ ދުވަހަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފައި ކަމަށާއި ސަރުކާރު ސުކޫލު ތަކެކޭ އެއް ދުވަހެއްގައި ވީއައިއެޗްއެސް އިން ވެސް ކިޔަވާ ދޭން ފަށާނެ ކަމަށެވެ. އެގޮތުން، ކިޔެވުުން ފެށުމަށް ހަމަޖެހިފައިިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ހަތަރެއްގައި ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އަންނަ އަހަރުގެ އޭލެވެލް އަށް ވަނުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 17 އިން 28 އަށް އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ، އޯލެވެލްގެ ފަސް މާއްދާއިން ފާސްވެފައިވާ ކުދިން އޭލެވެލްގައި ކިޔަވަން އެއްވެސް ފީ އެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި ފަސް މާއްދާއިން ފާސް ނުވާ ކުދިންނަށްވެސް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ނަމަވެސް އެކުދިން ފީ ދައްކަން ޖެހޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"މިފަހަރު އެޕްލައި ކުރަން ލިބެނީ ވަރަށް ކުޑަ ދުވަސް ކޮޅެއް ކަމުން ކަނޑަ އަޅާފައިވާ ދުވަސް ކޮޅުގައި އެޕްލައި ކުރުމަކީ މުހިންމު ކަމެއް، ފޯމް ކައުންޓަރުންނާއި އޮންލައިން ކޮށްވެސް ލިބެން ހުންނާނެ،" ސައީދު ވިދާޅުވި އެވެ. "މީގެ ކުރިން ޖާގަ ވަރަށް ލިމިޓް ކޮށްގެން އުޅުނީ، ނަމަވެސް މިހާރު އަލަށް ހަދާފައި ހުރި ނުވަ ބުރީގެ އާ އިމާރާތާ އެކު ވަރަށް ގިނަ ކުދިންނަށް ފުރުސަތު ދެވޭނެ، ގާތް ގަނޑަކަށް 600 އެއްހާ ކުދިންނަށް ފުރުސަތު ދެވޭނެ ކަމަށް ދެކެން،"

ސައީދު ވިދާޅުވީ، ގްރޭޑް 11 އަށް ވަންނަ ކުދިންގެ ތެރެއިން 50 ކުދިންނަށް ސްކޮލާޝިޕް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން ހޮވާ ގަދަ ދިހައެއްގެ އެއްވަނަ، ދެވަނަ އަދި ތިން ވަނަ އަށް ސްކޮލާޝިޕް ލިބޭނެ ކަމަށާއި ދުނިޔޭގެ ފެންވަރުގައި މާއްދާ އަކުން އެއްވަނަ ހޯދާ ދަރިވަރުންނަށާއި ކުޅިވަރުގެ ރޮނގުން ގައުމީ ފެންވަރުގައި އެއްވަނަ ހޯދާފައިވާ ދަރިވަރުންނަށް ވެސް ސުކޮލާޝިޕް ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ގަދަަ 10 އެއްގެ އެއްވަނައިގައި ހިމެނޭ ކުދިންނަށް 1000 ރުފިޔާ ކޮންމެ މަހަކު ދެވޭނެ،، ގަދަ 10 އެއްގެ ދެވަނަ އާއި ތިންވަނަ، ދުނިޔޭގެ ފެންވަރުގައި މާއްދާއަކުން އެއްވަނަ އަދި ކުޅިވަރުގެ ރޮނގުން ގައުމީ ފެންވަރުގައި އެއްވަނަ ހޯދާފައިވާ ދަރިވަރުންނަށް ކޮންމެ މަހަކު 500 ރުފިޔާ، އެއީ ސުކޫލުގައި ކިޔަވަން އުޅޭ ދެ އަހަރު ދުވަހަށް،" ސައީދު ވިދާޅުވި އެވެ.

ވީއައިއެޗްއެސް އުފައްދާފައިވަނީ 2010 ވަނަ އަަހަރު އެވެ. 2010 ވަނަ އަހަރުން ފެށިގެން އެ ސުކޫލުގައި މަތީ ސާނަވީ އަށް ކިޔަވާ ދެއެެވެ. އެ ސުކޫލަކީ ހަމަ އެކަނި މަތީ ސާނަވީ ކިޔަވާދޭ ސުކޫލެކެވެ.