ހަބަރު

ޗައިނާ ޓޫރިސްޓުންގެ ސަލާމަތަށް އިތުރު ފިޔަވަޅުތަކެއް އަޅަން އެދިއްޖެ

ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެ ގައުމުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް މިއަދު ކަމާ ބެހޭ އެންމެހާ ފަރާތްތަކުގައި އެދިވަޑައިގެންފި އެވެ.

ޗައިނާ ފަތުރުވެރިންގެ ސަލާމަތީ ކަންކަމާއި ގުޅޭ ގޮތުން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށް މިއަދު ޝެރަޓަން ފުލްމޫން ރިސޯޓުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޒަންގް ލިޒޯންގް ވިދާޅުވީ ޗައިނާ ރައްޔިތުން އެހެން ގައުމުތަކަށް ގޮސް އުޅޭއިރު އެ މީހުންގެ ސަލާމަތީ ކަންކަމާ ޗައިނާ ސަރުކާރުން ވިސްނާ ކަމަށާއި ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސް އުޅޭ އެ ގައުމުގެ ފަތުރުވެރިންނަށް ވެސް އެކި ކަހަލަ ހާދިސާތައް ދިމާވެ ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ.

އެގޮތުން 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ޗައިނާގެ ހަ ފަތުރުވެރިން ގެނބުމުގެ ހާދިސާތައް ދިމާވެފައިވާ އިރު މި އަހަރު މިހާތަނަށް ވެސް އެފަދަ 11 ހާދިސާއެއް ހިނގާފައިވެ އެވެ. އަދި ފޭރުމާއި ވައްކަމުގެ ގިނަ މައްސަލަތަކެއް ވެސް ޗައިނާ ފަތުރުވެރިންނަށް ކުރިމަތިވެފައިވާ ކަމަށާއި ފްލައިޓު ޑިލޭވުމާއި ބަސް ނޭނގުމުގެ ސަބަބުން ދިމާވާ ހުރަސްތައް ވެސް ގިނަ ކަމަށް ޒަންގް ލިޒޯންގް މިއަދު ފާހަގަ ކުރެއްވި އެވެ.

"މި މައްސަލަތައް ގިނަވަމުންދާ ސަބަބަކީ ރާއްޖޭގެ މާހައުލަށް ޗައިނާ ފަތުރުވެރިން އެކަށީގެންވާ ވަރަށް ހޭލުންތެރި ނުކުރެވުން، އަދި ގެސްޓު ހައުސްތަކާއި ރިސޯޓުތަކުގައި ސަލާމަތީ ކަންކަން މަދުވުން، މިއީ ހައްލު ކުރަން ޖެހޭ ކަންކަން،" ޒަންގް ލިޒޯންގް ވިދާޅުވި އެވެ.

އެ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ޒަންގް ލިޒޯންގް ވަނީ ތިން ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން ޗައިނާ ފަތުރުވެރިންގެ ކަންކަން ބަލަހައްޓައި އެ މީހުންނަށް ދިމާ މައްސަލަތަކުގައި މުއާމަލާތްތައް ކުރުމަށް ހާއްސަ މަންދޫބެއް ކަނޑައެޅުމާއި ގެސްޓް ހައުސްތަކާއި ރިސޯޓުތަކުގައި ޗައިނާ ބަހުން ވާހަކަދައްކާ ގައިޑުން އިތުރުކުރުމާއި ޗައިނާ ޓީވީ ޗެނަލްތަކާއި ކާނާ ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ޒަންގް ލިޒޯންގް ހުށަހެޅުއްވި އެވެ. އޭގެ އިތުރުން އިމިގްރޭޝަނާއި އެމްއޭސީއެލް އަދި ޓޫރިޒަމް އެސޯސިއޭޝަނާއި އެއާލައިންތަކުގެ އެހީގައި ޗައިނާ ފަތުރުވެރިން ރާއްޖޭގައި އުޅޭ އިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭ ލިޔުންތައް ބެހުން ފަދަ ކަންކަން ކުރުމަށް ޒަންގް ލިޒޯންގް ހުށަހެޅުއްވި އެވެ.

އެމްބަސިޑަރުގެ ހުށަހެޅުންތަކަށް ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތް އޮފިޝަލުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ޗައިނާ ފަތުރުވެރިންނަށް ފަސޭހަ މާހައުލެއް ގާއިމްވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ވެސް މަޝްވަރާ ކުރި އެވެ.

ރާއްޖެއަކީ ޗައިނާ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު 10 މަންޒިލުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި މިދިޔަ ހަތް އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ޗައިނާ އިންނެވެ. އެގޮތުން ކޮންމެ އަހަރަކު 300،000 އެއްހާ ފަތުރުވެރިން އެ ގައުމުން ރާއްޖެ އާދެ އެވެ.