ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރަން ހިންގާ މަޝްރޫއަށް ނެދަލޭންޑު ސަރުކާރުން 10.7 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދީފި އެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. އަދި ނެދަލޭންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަ ނެދަލެންޑް ގެ މިޝަންގެ ޑެޕިއުޓީ ހެޑް، އީވާ ވެން ވޯސެމް އެވެ.
މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ މި މަޝްރޫއަކީ ސަރުކާރުން ވަރަށް ގިނަ ދުވަހު މަސައްކަތް ކުރަމުން ގެންދާ މަޝްރޫއެއް ކަމަށެވެ. މިގޮތުން މަޝްރޫއަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހި ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އެންވަޔުމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމާއެކު މުޅި މަޝްއޫރު ފެށިފައިވަނީ 2014 ވަނަ އަހަރު ކަމަށެވެ. މަޝްރޫއަކީ މިގޮތަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫއަށް ވާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ފާޑު ކިޔާ ފަރާތްތަކުން ވިދާޅުވޭ ސަރުކާރުން ފުވައްމުލަކުގައި މި މަޝްރޫއެއް ނުހިންގާނެއޭ. ނަމަވެސް މި މަޝްރޫއު ސަރުކާރުން މިވަނީ ފަށާފައި،" ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޝްރޫއުގެ ދަށުން 2650 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރާނެ ކަމަށެވެ. އަދި ސަރުކާރުން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 28.5 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ ނެދަލޭންޑްސްގެ އެންޓަޕްރައިސް އޭޖެންސީ (އޯރިއޯ) އިން ދޭ ހިލޭ އެހީ އާއި ކުވައިތު ފަންޑު ފޯރ އެރެބް އިކޮނޮކިމް ޑިވެލޮޕްމަންޓް (ކުވައިތު ފަންޑު)އިން ދޭ ލޯންގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް މުޅި ޖުމްލަ 25.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫ އެކެވެ.
މި މަޝްރޫއު ހިންގުމަށް ކުވައިތު ފަންޑުން މީގެ ކުރިން ވަނީ 3.6 މިލިއަން ކުވައިތީ ދީނާރު (ގާތްގަނޑަކަށް 11.88 މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނެއް ދީފަ އެވެ. މި ލޯނު ދީފައިވަނީ 1.5 ޕަސެންޓުގައި ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 20 އަހަރު ދުވަހުން އަނބުރާ ދައްކާ ގޮތަށެވެ.