ލައިފްސްޓައިލް

ކުއްޖާ ފިރުކެން ފަށާއިރު މިކަންކަމަށް ސަމާލުވާތި

Nov 29, 2017
2

އުމުރުން ގާތްގަނޑަަކަށް ހަތް މަހަށް އެޅިގެންދާއިރު ގިނަ ފަހަރަށް ކުދިން ފިރުކެން ފަށަ އެވެ. އެ އާއެކު މައިންބަފައިންގެ ސަމާލުކަން ކުއްޖާއަށް ވުރެ ބޮޑަށް ގޭތެރޭގެ މާހައުލަށް ދޫކޮށްލަން ޖެހެ އެވެ. ކުއްޖާއަށް އަނިޔާއެއް ވެދާނެ ކަހަލަ އެއްޗެއް ކުއްޖާ އަތުޖެހޭ ހިސާބުގައި ބޭއްވިފަ ވިޔަސް ނުވަތަ ވެއްޓިފައިވެސް އޮވޭތޯ ބަލަން ޖެހެ އެވެ. ކުއްޖާއަށް ދޭން ޖެހެ ސަމާލުކަން އިތުރުވެގެން ދެ އެވެ.

ފިލިޕީންސްގައި ހުންނަ ބެތަނީ ހޮސްޕިޓަލުގެ ޑޮކްޓަރުންތަކެއް މިވަނި ކުއްޖާ ފިރުކެން ފެށުމުގެ ކުރިން "ބޭބީ ޕްރޫފް" ކުރުމަށް ކުރަންޖެހޭ ކަންތައްތަަކުގެ ލިސްޓެއް އެކުލަވާލާ ބެލެނިވެރިންނަށް ހަދިޔާކޮށްފަ އެވެ.

އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ގޭތެރޭގައި ހުންނަ އެއްޗެހީގެ ތެރެއިން ކުއްޖާއަށް ގެއްލުމެއް ލިބިދާނެ ކުދި ކުދި އެއްޗެއްސަށް ސަމާލުކަން ދިނުމެވެ. މިސާލަކަށް މިސާލަކަށް ވަކި ލާރި ނުވަތަ ނަރުދަތި ފަދަ ތަކެއްޗެެވެ. އެއެއްޗައްސަކީ ނިކަން ފަސޭހައިން ދިރޭ ނުވަތަ ތާށިވާ ކަހަލަ އެއްޗެއްސެވެ. ކުޑަކުދިންނަކީ ފެންނަ ކޮންމެ އެއްޗެއް އަނގަޔަށް ލާ ބަޔަކަށްވާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ވަނީ އިލްތިމާސްކޮށްފަ އެވެ.

ދެވަނަ ކަމަކަށް ސާފުތާހިރުކަން އިތުރުކުރުމެވެ. ކުދިން މުޅި ގޭތެރޭގައި ފިރުކި އުޅޭއިރު ގޭތެރޭ ވީހާވެސް ސާފުތާހިރުކޮށް ބާއްވަން ވާނެ އެވެ. އެހެން ނޫނީ ނިކަން ފަސޭހައިން ކުއްޖާ ބަލިކޮށްލާނެ އެވެ. ކުޑަކުދިންނަކީ އެކުދިންގެ ދިފާއި ނިޒާމް އެހާ ވަރުގަދަ ބައެއް ނޫނެވެ. އެހެން ކަމުން އެކަމަށް ސަމާލުކަން ދޭން ޖެހޭނީ އެކުއްޖާގެ ވަށައިގެން ދިރިއުޅޭ މީހުންނެވެ.

ކަރަންޓު ޕްލަގް އަދި އެތަކެއްޗަށް ޖަހާފައި ހުންނަ ފޯނު ޗާޖަރު ފަދަ ތަކެތިވެސް ކުދިން އަތްނުފޯރާ ހިސާބުގައި ބަހައްޓަން ވާނެ އެވެ. ޓީވީ، ކޮމްޕިއުޓަރު ފަދަ ތަކެތީގަ ހުންނަ ކަރަންޓު ވާގަނޑުތައްވެސް ކުދިންނަށް ނުފެންނާނެ ފަދަ ގޮތަކަށް ބަހައްޓާށެވެ. މިސާލަކަށް ފަރުނީޗަރުތަކުގެ ބިއްދަށަށް ވާގޮތަށް ކަހަލަ ގޮތަކަށް ވެސް ރަނގަޅުވާނެ އެވެ.

ވާސް ކަހަލަ ފަސޭހައިން ވެއްޓޭ ކަހަލަ އެއްޗެހިވެސް ވީހާވެސް މަތީގައި ބަހައްޓާށެވެ. އެތަކެއްޗަކީ ފަސޭހައިން ވެއްޓޭ އަދި ކުއްޖާއަށްވެސް އަނިޔާވާ ކަހަލަ އެއްޗެއްސެވެ. މީގެ އިތުރުން ރަބަރު މެޓެއް ބޭނުންކުރެވިދާނެ އެވެ. ކުއްޖާ ފިރުކި އުޅޭ ހިސާބުގައި ރަބަރު މެޓު އަޅާފައި ބެހެއްޓުމުން ކުއްޖާގެ އަތާ ފައި ހަލާކުވުމުން ދުރުވާނެ އެވެ.