ހަބަރު

އިމްރާނަށް ޖަލު ހުކުމް އިއްވީ ރަނގަޅަށް: ސުޕްރީމް ކޯޓު

އަދާލަތު ޕާޓީގެ ރައީސް ޝޭހް މުހައްމަދު އިމްރާންގެ މައްޗައް 12 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވާފައި ވަނީ ރަނގަޅަށް ކަމަށާއި އިސްތިއުނާފު މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.

އިމްރާން ޖަލު ހުކުމެއް ތަންފީޒު ކުރައްވަނީ މޭޑޭގެ މުޒާހަރާއެއްގައި 2015 ވަނަ އަހަރު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާއެއްގެ ކުށް ޝަރީއަތުގައި ސާބިތުވެގެނެވެ. އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރު މާޗު މަހު 16 ވަނަ ދުވަހުގަ އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމަށް އިމްރާންގެ ވަކީލުން ހުށަހެޅި މައްސަލައާ މެދު ގޮތެއް ނިންމާ، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ސޮއިކޮށް ފޮނުވާފައިވާަ ލިޔުމުގައި ބުނެފައި ވަނީ ހައިކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށާއި ހައިކޯޓުން ހުކުމް ކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައަކަށް ނުވާތީ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ.