ހަބަރު

އެމްޕީ މުހައްމާ އާއި ޝަހުދީ ޕީޕީއެމްއިން ވަކިކޮށްފި

Nov 28, 2017
14

ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ، މުހައްމާ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެން ޝަހުދީ ޕީޕީއެމް އިން ވަކިކުރަން އެ ޕާޓީ އިން ނިންމައިފި އެވެ. އެއާ އެކު އެބޭފުޅުންގެ މެންބަރުކަން ގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާނެ އެވެ.

ޕީޕީއެމް އިން ބުނީ މުހައްމަދު އަބްދުﷲ އާއި ޝަހުދީ އެ ޕާޓީ އިން ވަކިކުރަން ނިންމީ، ޕާޓީގެ އުސޫލުތަކާ ހިލާފަށް އޭނާ އަމަލުކުރި މައްސަލަ ސުލޫކީ ކޮމިޓީ އިން ބެލުމަށް ފަހުގައި އެ ކޮމިޓީގެ އިއްތިފާގުން ކަމަށެވެ. އަދި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ. މުހައްމާ އާއި ޝަހުދީ އަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރި ޕީޕީއެމްގެ މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުން އެވެ.

ޕީޕީއެމްގެ މެންބަރުންތަކެއް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރުމާ ގުޅިގެން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން އެ ކޯޓުން ނިންމާފައި ވަނީ އެ ކޯޓުން ހުކުމް ކުރާއިރު މެންބަރަކު ތިބޭ ޕާޓީ ފިޔަވާ އެހެން ޕާޓީއަކަށް ބަދަލު ވެއްޖެ ނަމަ ނޫނީ ޕާޓީ އިން އެ މެންބަރަކު ވަކިކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި މެންބަރަކު ޕާޓީ އިން ވަކިކުރި ކަމަށް ބަލާނީ، އެ މެންބަރަކު ނިސްބަތްވާ ޕާޓީ އިން އޭނާ ވަކިކޮށް އިލެކްޝަން ކޮމިޝަނަށް އެންގުމުން އެ ކޮމިޝަނުން އެކަން މަޖިލީހުގެ އިދާރާއަށް އެންގުމުން ކަމަށެވެ.

ސުޕްރީމް ކޯޓްގެ ހުކުމް އައުމުގެ ކުރިން މުހައްމާ ވެސް ވަނީ ޕީޕީއެމްއިން ވަކިވެފަ އެވެ. އެހެން ނަމަވެސް މުހައްމާ ޕީޕީއެމް އިން ވަކިވާން ފޮނުވި ސިޓީއަށް އެ ޕާޓީ އިން އޮތީ މިހާތަނަށް ގޮތެއް ނުނިންމަ އެވެ. މީގެ ކުރިން ވެސް ޕީޕީއެމްގެ ނުވަ މެންބަރެއް އެ ޕާޓީއިން ވަކިކޮށް ވަނީ ގޮނޑި ގެއްލުވާލައިފަ އެވެ.

އެ ދާއިރާތަކުގައި ބައި-އިލެކްޝަނެއް ބާއްވަން ކޮމިޝަނުން އިއުލާން ކުރި ނަމަވެސް އެ ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވާނެ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ. އެހެން ކަމުން ގާނޫނުގައި ބުނާ މުއްދަތުގައި ބައި-އިލެކްޝަންތައް ކޮމިޝަނަކަށް ނުބޭއްވުނެވެ.

ޕީޕީއެމްއިން ވަކިކުރި މެންބަރުން ބުނަމުން އަންނަނީ ސުޕްރީމް ކޯޓްގެ ހުކުމުގެ ކުރިން އެ މެންބަރުން ޕާޓީއިން ވަކިވި ކަމަށާއި އެހެން ކަމުން ޕާޓީގެ މެންބަރުންނަށް ވެސް ނުވާ ބަޔަކު ދެވަނަ ފަހަރަށް ޕާޓީއިން ވަކިކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެން ކަމުން އެ މެންބަރުން ވަކާލާތު ކުރައްވަނީ އެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެ މައްސަލަ ބައެއް މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން ބުނެފައި ވަނީ އެ މައްސަލައިގައި އެ ކޯޓުން ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށެވެ.