ހަބަރު

ވޯލްޑް ބޭންކުން ރާއްޖޭގައި ކުރި ސާވޭއެއްގައި "ސިޔާސީ ސުވާލުތަކެއް"

Nov 28, 2017
4

ވޯލްޑް ބޭންކުން ދާދި ފަހުން ރާއްޖޭގައި ކުރި ސާވޭއެއްގެ ތެރޭގައި އެ ސާވޭ ކުރުމަށް ހަވާލުކުރި ފަރާތްތަކުން އެ ސާވޭއާ ގުޅުން ނެތް ސިޔާސީ ސުވާލުތަކެއް ކުރި މައްސަލަ ވޯލްޑް ބޭންކްގެ ސަމާލުކަމަށް އައިސް އެކަން އިސްލާުހު ކުރަން އެ ބޭންކުން އަންގައިފި އެވެ.

ކަން ހިނގާދިޔަގޮތް އާންމުކުރުމަށް ވޯލްޑް ބޭންކުން މިރޭ އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، އެ ބޭންކުން މުޅި ދުނިޔޭގައި ކުރިއަށް ގެންދާ މާލީ ފުދުންތެރިކަމުގެ ތަފްސީލީ ދިރާސާ، "'ގްލޯބަލް ފިންޑެކްސް ޑޭޓާބޭސް" އަށް ރާއްޖެއިން މައުލޫމާތު އެއްކުރުމުގެ ސާވާއެއް ކުރުމަށް އެ ބޭންކުން ހަވާލުކޮށްފައިވާ ދިވެހި ފަރާތެއް ކަމަށްވާ، "ގެލަޕް އިންކް" އިން ގޭގެއަށް ގޮސް މި ސާވޭ ކުރި އިރު އޭގައި ހިމަނާފައިވާ ބައެއް ސުވާލުތަކަކީ އެ ދިރާސާއާ ގުޅުމެއް ނެތް އެ ފަރާތުން ކުރާ އެހެން ދިރާސާއަކަށް އިތުރުކޮށްފައިވާ ސުވާލުތަކެއްކަން އެނގިފައިވާ ކަމަށެވެ. އަދި އެގޮތުން އިތުރުކޮށްފައިވާ ސުވާލުތަކަކީ ސިޔާސީ ސުވާލުތަކެއް ކަމަށާއި އެހެންކަމުން ފިންޑެކްސް ސާވޭއާ ގުޅުން ނެތް ސުވާލުތައް އުނިކުރަން މިހާރު އެ ފަރާތަށް އަންގާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ބުނީ އެކަން ހިނގާ ދިޔަގޮތް އިތުރަށް ކައިރިން ބެލުމަށް އެންމެހާ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

"މިބޭންކުގެ ދިރާސާއާއި ގުޅުންނެތް ސުވާލުތަކުގެ ސަބަބުން، މިދިރާސާގައި ޝާމިލްވި ފަރާތްތަކަށް ކުރިމަތިވި އުނދަގޫތަކާއި ތަކުލީފުތަކަށް، މިބޭންކުން ނިހާޔަތައް ހިތާމަކުރަމެވެ،" ވޯލްޑް ބޭންކްގެ ބަޔާނުގައިވެ އެވެ.

ވޯލްޑް ބޭންކުން ބުނީ :ފިންޑެކްސް ކުއެސްޝަނަޔަރީ" މާލީ ހިދުމަތްތައް އެގައުމެއްގެ ހުރިހާ އެންމެންނަށް ރަނގަޅު ފެންވަރެއްގައި އަދި ފަސޭހައިން ލިބެންހުރިކަމައް ތަހްގީގްކުރެވޭނެ ގޮތައް ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ތައްޔާރުކުރެވިފައިވާ ސުވާލުތަކެއް ކަމަށެވެ. އަދި ދުނިޔޭގެ 140 ގައުމެއްގައި މި ސާވޭ މިހާރުވެސް ކުރަމުން އަންނަ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

އެހެން ނަމަވެސް މިއީ މި ސާވޭ ރާއްޖޭގައި ހިންގާ ފުރަތަމަ ފަހަރެވެ. މި ސާވޭ ކުރުމަށް މިހާރު ވެސް މާލެ އާއި އަތޮޅުތަކުގެ ބައެއް ގޭބިސީތަކަށް ވަނީ ޓީމްތައް ޒިޔާރަތްކޮށްފަ އެވެ. މި ސާވޭ ކުރުމުގައި ސަރުކާރާއި ނޭޝަނަލް ސްޓެޓިސްޓިކް ބިޔުރޯއިން ވެސް އެހީތެރިވެދޭކަން އެ ބޭންކުން ނޫސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ސާވޭގެ ޒަރިއްޔާއިން އާންމު ފަރުދުން ފައިސާ ފަހަށް ރައްކާކުރުން، ލޯނުނެގުން، ހަރަދު ކުރުން، އަދި މިނޫނަސް ރައްޔިތުންގެ މާލީ ގިނަ ހާލަތްތައް ދިރާސާ ކުރެވޭނެ އެވެ. ރާއްޖޭގައި މި ސާވޭ ކުރުމުގެ ސަބަބުން، ދިވެހިންގެ މާލީ ދަތިތަކާއި އުނދަގޫތައް ފުރިހަމަ ގޮތުގައި ދެނަގަނެވި، ރައްކާތެރި މާލީ ނިޒާމެއް ރައްޔިތުންނައް ފޯރުކޮށް ދިނުމަށް އެހީއަކަށް ވާނެ އެވެ.