ހަބަރު

ރާއްޖޭގެ ކަނޑުގައި މަސްބާނަމުން ދިޔަ ލަންކާ ބޯޓުތަކެއް އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރަންތިބި ސްރީލަންކާގެ ބޯޓުތަކެއް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން މިރޭ އަތުލައިގެންފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާޙިމް އާޒިމް މިރޭ ވިދާޅުވީ ކޯސްޓު ގާޑުން ކަނޑުގެ ސަރަހައްދު ބަލަމުން ދަނިކޮށް، ސްރީލަންކާގެ ދެ މަސްބޯޓެއް މަސްވެރިކަން ކުރަން ތިއްބާ ފެނުނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު، އީއީޒެޑްގެ ތެރެއިން ވ. އަތޮޅުގެ އިރުމަތީ ފަރާތުން ގަވާއިދާ ހިލާފަށް މަސްބާނަމުން ދަނިކޮށް ކަމަށެވެ. އަދި އެ އުޅަނދުތަކާ މެދު ފިޔަވަޅު އެޅުމަށް މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މި މަހުގެ ތެރޭގައި ގއ. ކޮލަމާފުށި ބޭރުން ވެސް ލަންކާގެ މަސްބޯޓުތަކެއް ސިފައިން ވަނީ ހިފަހައްޓާފަ އެވެ. ނަމަވެސް އެ ބޯޓުތަކުގައި ގަވައިދާ ހިލާފަށް މަސް ނުބާނާ ކަމަށް ބުނެ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.