ހަބަރު

566 ދަރިވަރަކަށް ސްޓޫޑަންޑް ލޯނު ދީފި

މަތީ ތައުލީމް ކިޔަވަން ބޭނުންވާ 566 ދަރިވަރަކަށް ސްޓުޑަންޓް ލޯނުގެ ލިޔުން ހަވާލު ކޮށްފި އެވެ. އިސްކަންދަރު ސްކޫލުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަރިވަރުންނަށް އެ ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކޮށްދިނުމުގެ ބޭނުމުގައި ސަރުކާރުން މިދިޔަ އޮގަސްޓު މަހު ހުޅުވާލި ފުރުސަތުގައި 1000 ދަރިވަރުންނަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް 612 ކުދިން ލޯނަށް ކުރިމަތިލި އިރު ލޯނު ދޫކޮށްފައި ވަނީ 566 ދަރިވަރަކަށެވެ. އެގޮތުން ޑިޕްލޮމާ، ޑިގްރީ، މާސްޓާޒް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަަތު ލިބިގެންދާނެ އެވެ.

އެ ދަރިވަރުންނަށް ލިޔުން ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިހާމް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 5200 އަށް ވުރެ ގިނަ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ދިނުމަށް ސްޓުޑަންޓު ލޯނުތައް ދީފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް ކާމިޔާބާއެކު ކުރިޔަށް ދާ ކަމަށެވެ. އޭގެ އިތުރުން ދާދި ފަހުން ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި 2050 ކުރިމަތިުމަށް އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މަތީ ތައުލީމުގެ ފުރުސަތު މިރޭ ލިބޭ ހުރިހާ ދަރިވަރުންނަށް އަޅުގަނޑުގެ އިލްތިމާސަކީ މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފާ، ގައުމަށް ހިދުމަތް ކުރުމުގައި ސާބިތު ކަމާއެކު ދެމި ހުރުން، ތިޔަ ދަރިވަރުން ފުރިހަމަ ކުރާ ކޯސްތަކަކީ ގައުމަށް މިވަގުތު އެންމެ ބޭނުންވާ ދާއިރާތައް،" ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތަފާތު ސިނާއަތްތައް ހެދި ފުޅާވެ ތަރައްގީވަމުން އަންނަ އިރު އެ ދާއިރާތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ފުޅާ ކުރުމަކީ ކުރިމަގަށް ކުރެވޭ އިންވެސްމަންޓެއް ކަމަށާއި އެކަން ކުރުމަށް ރާއްޖޭގެ މަތީތައުލީމުދޭ ތަންތަން ތަރައްގީ ކުރުމާއި އެތަންތަނުން ދެވޭ ތައުލީމުގެ ފެންވަރު މަތި ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ތަފާތު ސިނާއަތްތައް ބޭނުންތައް ދެނެގަތުމަށް ވޯލްޑް ބެންކުގެ އެހީތެރިކަމާއެކު އިލްމީ ދިރާސާއެއް ހެދުމަށް ކަނޑައަޅާ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ޝިހާމް ވިދާޅުވި އެވެ.