ސަތާރަ އަހަރު ފަހުން ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ތާޖު ނުވަތަ މިސް ވޯލްޑުގެ ތާޖު ލިބިފައިވަނީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން އެންމެ 20 އަހަރުގެ މަނޫޝީ ޗިއްލާ އެވެ. އެންމެ ފަހުން އިންޑިއާއަށް މިސް ވޯލްޑު ލިބިފައިވަނީ 2000 ވަނަ އަހަރެވެ. އެ ފަހަރު އެ ލަގަބު ހޯދާފައިވަނީ މިހާރު ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އެވެ.
މީގެކުރިން އިންޑިއާ އަށް މިސް ވޯލްށް ކާމިޔާބު ކޮށްދިން ފަރާތްތަކުގެ ތެރެއިން އައިޝްވާރިޔާ ރާއި އާއި ޕްރިޔަންކާ އަކީ ބޮލީވުޑްގައި ވެސް ރަނިކަން ކުރަމުން އަންނަ ދެ ތަރިންނެވެ.
ދުނިޔޭގެ އެންމެ ރީތި އަންހެނާއަށް މި އަހަރު ހޮވުނު މަނޫޝީ އަންނަނީ މެޑިކަލް ދާއިރާއިން ތައުލީމް ހާސިލް ކުރަމުންނެވެ. އަދި މިސް ވޯލްޑްގެ ލަގަބު އޭނާ އަށް ލިބުމާއެކު މަނޫޝީ ވެސް އައިޗޝްވާރިޔާ އާއި ޕްރިޔަންކާގެ ފިޔަވަޅު މަތިން ބޮލީވުޑަށް ނިކުންނާނެ ކަމުގެ ވާހަކަތައް ދެކެވެން ފެށި އެވެ.
މިސް ވޯލްޑްގެ ތާޖު ހިފައިގެން އިންޑިއާ އަށް އައުމުން މަނޫޝީ އަށް ކިޔާފައިވަނީ ހޫނު މަރުހަބާ އެކެވެ.
އިންޑިއާ އަށް އައިސް ނޫސްތަކަށް ދިން އިންޓަވިއުއެއްގައި މަނޫޝީ ކުރެން ފިލްމީ ދައިރާ އަށް ވަނުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެންތޯ އެހުމުން ވަނީ ބޮލީވުޑަށް ނިކުތުމުގެ ވިސްނުމެއް އަދި ނެތުމުން އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށެވެ.
ނަމަވެސް މަނޫޝީ ވަނީ ފިލްމެއް އޭނާ ކުޅޭނަމަ އެންމެ މަސައްކަތް ކޮށްލަން ބޭނުންވަނީ ސުޕަސްޓާ އާމިރް ޚާނާ އެކު ކަމަށެވެ. އާމިރަކީ ވަރަށް ތަފާތު ރޯލުތައް ކުޅޭ ތަރިއެއްގެ އިތުރުން އޭނާގެ ފިލްމުތަކަކީ އަބަދުވެސް ވަރަށް ވަރުގަދަ މެސެޖެއްދޭ މުޖުތަމައުއާ ގުޅޭ ފިލްމުތަކެއް ކަމަށެވެ.
އެހެންކަމުން އާމިރާ އެކު މަސައްކަތް ކުރަން ވަރަށް ޝައުގުވެރިވާ ކަމަށެވެ. އަދި ބަތަލާއިންގެ ތެރެއިން އޭނާ އެންމެ ގަޔާވާ ތަރިއަކީ ޕްރިޔަންކާ ކަމަށެވެ.
އަދި ބޮލީވުޑްގެ ފިލްމަކުން މަނޫޝީ އަށް އެއްވެސް ހުށަހެޅުމެއް ނުލިބޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ސަތޭކަ އަށް ގައުމުގެ ރީތީގެ ރާނީންނާ ވާދަކޮށް މަނޫޝީ ދުނިޔޭގެ ރީތީގެ ރާނީ އަށް ހޮވުނީ މި މަހުގެ 18 ވަނަ ދުވަހު ޗައިނާގެ ސަންޔާ ސިޓީގައި އޮތް މިސް ވޯލްޑް ގްރޭންޑް ފިނާލޭގަ އެވެ.
ނޫޝީ ވަނީ މިސް ވޯލްޑްގެ ހެޑް ޓު ހެޑް އަދި ބިއުޓީ ބައިވެސް ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ ވަނީ ބައެއް ސުވާލުތަކަށް އޭނާ ދިން ޖަވާބުތަކުން ޖަޖުންވެސް ހައިރާން ކޮށްލާފަ އެވެ.
އެގޮތުން އެންމެ ބޮޑު މުސާރައެއް ހައްގުވާ ވަޒީފާއަކީ ކޮބައިތޯ އެހުމުން މަނޫޝީ ވަނީ ޖަޖުން ހައިރާން ކޮށްލާފަ އެވެ. މަނޫޝީ ބުނެފައިވަނީ އެންމެ ބޮޑު މުސާރައެއް ލިބެންޖެހޭ ބަޔަކީ މައިން ކަމަށެވެ.