ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯން އަދި ޝާހިދު ކަޕޫރު ލީޑް ރޯލު ތަކުން ފެނިގެންދާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" އާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން ފިިލްމު ރިލީޒް ކުރުން މުއްދަތެއް ނެތް ގޮތަށް ވަނީ ލަސްކޮށްފަ އެވެ.
އެ ފިލްމު ލަސް ކުރުމާ ގުޅިގެން ބަތަލާ ދިޕިކާ ވެސް އާ ފިލްމެއްގެ މަސައްކަތް ފަށާފަ އެވެ. އަދި ރަންވީރު ވެސް އޭނާ ކުޅެން އޮތް ޑައިރެކްޓަރު ޒޯޔާ އަހްތަރުގެ "ގަލީ ބޯއި" ގެ މަސައްކަތް ފަށާފަ އެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ރަންވީރު ވަނީ ހޯމަ ދުވަހު "ގަލީ ބޯއި" ގެ ރިހާސަލްތަކާއި ރެކޯޑިންތައް ފަށާފަ އެވެ. ރަންވީރު ރެޕަރެއްގެ ރޯލުން ފެނިގެންދާ މި ފިލްމުގައި ކުޅޭ ރޯލައް ތައްޔާރުވުމުގެ ގޮތުން މިފަހުން ވަނީ "ޕަދްމާވަތީ" ކުޅެން ދިގުކުރި އިސްތަށިގަނޑު ވެސް ކޮށާލާފަ އެވެ.
ރަންވީރާ އެކު މި ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ އާލިއާ ބަޓެވެ. މި ދެތަރިން އެކުގައި އިޝްތިހާރުތައް ކުޅެފައިވީ ނަމަވެސް މިއީ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.
އާލިއާ އެންމެފަހުން ކުޅުނު ފިލްމު "ރާޒީ" ގެ ޝޫޓިން ވެސް މިހާރު ނިންމާލާފައިވާއިރު، "ގަލީ ބޯއި" ގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށްވެ އެވެ.
ފިލްމުގެ ޝޫޓިން ފަށާނެ ތާރީހެއް ކަނޑައަޅާނީ ލަވަތަކުގެ ރެކޯޑިންގެ ހުރިހާ މަސައްކަތެއް ނިމުމުންނެވެ.
"ގަލީ ބޯއި" އަކީ ރަންވީރު ކުޅޭ ޒޯޔާގެ ދެވަނަ ފިލްމެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ނިކުތް ޒޯޔާ ޑައިރެކްޓްކުރި "ދިލް ދަޅަކްނޭ ދޯ" ގެ މުހިންމު ރޯލެއް ވެސް ކުޅެފަ އެވެ.