ހަބަރު

ޕީސް ފައުންޑޭޝަނުން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދެނީ

Nov 29, 2017

ޕީސް ފައުންޑޭޝަނުން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

"ސުޖޫދް" ގެ ނަމުގައި ބާއްވާ އެ ވޯކްޝޮޕްގެ ހުށައަޅައި ދޭން ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ އިލްމުވެރިއެއް ކަމަށްވާ އައްޝައިހް އަބްދުލް ނަސީމް އެވެ. އަދި އެ ވޯކްޝޮޕް އޮންނާނީ އަންނަ މަހު 25 އަދި 26 ގައި ވިލިމާލޭގައެވެ.

ޕީސް ފައުންޑޭޝަނުން ބުނީ އެ ވޯކްޝޮޕުގައި އިސްލާމްދީނު އެއް ތަނބު ކަމުގައިވާ ނަމާދާ ބެހޭގޮތުން ގިނަގުނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެއީ ނަމާދުގެ މުހިންމުކަމާ ނަމާދު ކުރާނޭ ގޮތާ އަދި ނަމާދާ ގުޅުންހުރި އެހެނިހެން ބައެއް ހުކުމްތަށް ކުދިންނަށް ދަސްކޮށްދީ އަށަގެންނެވުމުގެ މަގުސަދުގައި ކުރިއަށްގެންދާ ވޯކްޝޮޕެއް ކަމަށެވެ.

ސުޖޫދް ވޯކްޝޮޕް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ ކުދަކުދިންނާ އެކަށޭނެ ގޮތަށް ޝައުގުވެރިވާފަދަ ހަރަކާތް ތަކާއެކުގައި ކަމަށާއި އެގޮތުން މި އެވެންޓްގެ ބައެއް ހަރަކާތްތަށް ވިލިމާލެ ބީޗް ސަރަހައްދުގައިވެސް ކުރިޔަށް ދާނެ ކަމަށެވެ.

އެ ވޯކްޝޮޕް ހާއްސަކޮށްފައިވަނީ 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެ ވޯކްޝޮޕްގެ ފީ އަކީ -/400 ރުފިޔާ އެވެ. ވޯކްޝޮޕްގައި ބައިވެރިވާން މިހާރު ހުޅުވާލާފައިވާއިރު ވޯކްޝޮޕްގައި ރެޖިސްޓްރީ ކުރުމަށް SUJ ޖެއްސަވުމަށް ފަހު 7341781 އަށް އެސް.އެމް.އެސް ކުރުމުން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދީ އެ އެވެންޓާބެހޭ އިތުރު މައުލޫމާތު www.peace.mv/sujood އިން ލިބޭނެ ކަމަށް ޕީސް ފައުންޑޭޝަނުން މައުލޫމާތުދެ އެވެ.

ޝެއިހް އަބްދުލް ނަސީމް ޑިސެމްބަރު މަހުގެ 23 އިން 28 އަށް ރާއްޖެ ވަޑައިގަންނަވާނެ އެވެ. މި ދަތުރުގައި ޕަބްލިކް ޓޯކެއް ބާއްވަންވެސް ވަނީ ހަމަޖެހިފަ އެވެ.