ހަބަރު

އައިޑީކާޑާއެއް ގޮތަށް ޕާސްޕޯޓްކާޑް ބަލައިގަންނަން އަންގައިފި

މޯލްޑިވްސް އިމިގްރޭޝަނުން އަލަށް ދޫކުރަން ފެށި ޕާސްޕޯޓް ކާޑަކީ އައިޑެންޓިޓީ ކާޑެކޭ އެއް ފަދައިން ކާކުކަން އަންގައިދޭ ރަސްމީ ލިއުމެއް ކަމަށް ސަރުކާރުން މިއަދު ހަމަ ޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ "ސަރުކާރުގެ މުއައްސަސާތަކާއި، ހޮސްޕިޓަލްތަކާއި، ބޭންކުތައް ފަދަ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވާ ތަންތަނުން،ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެކޭ އެއްފަދައިންޕާސްޕޯޓް ކާޑަކީވެސް ކާކުކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ބަލައިގަތުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި" ކަމަށެވެ.

ޕާސްޕޯޓް ކާޑު އެގޮތަށް ބަލައި ގަންނަން ރައީސް އެންގެވީ އެކާޑަކީ ޕާސްޕޯޓް ފިޔަވައި ސަލާމަތީގޮތުން އެންމެ ރައްކާތެރި، ނަކަލު ނުކުރެވޭނެގޮތަށް ހަދާފައިވާ ކާކުކަން އަންގައިދޭ ލިޔުމަކަށް ވާތީއެވެ.

އިމިގްރޭޝަނުން ޕާސްޕޯޓް ކާޑް ދޫކުރަން ފެށީ މިދިޔަ އޮކްޓޯބަރުމަހުގެ 24 ވަނަ ދުވަހުއެވެ. އަދި ކާޑް ހެދުމަށް ފީއެއްގެ ގޮތުގައި ދައްކަން ޖެހެނީ 450 ރުފިޔާ އެވެ.

އިމިގްރޭޝަނުން ކުރިން ބުނެފައި ވަނީ ކާޑް ގެއްލުނު ނަމަވެސް، އަލުން ކާޑް ހަދަން ޖޫރިމަނާ ފައިސާއެއް ނުނަގާނެ ކަމަށެވެ. އޭރު ބުނެފައިވާ ގޮތުގައި ޕާސްޕޯޓް ކާޑް އޮތް ނަމަވެސް ބޭރަށް ދަތުރުކުރުމުގައި ޕާސްޕޯޓް ގެންދަން ޖެހޭނެ އެވެ. އަދި ޕާސްޕޯޓް ކާޑް ހަދާއިރު، އޭގައި އައިޑީކާޑް ނޫނީ ލައިސަންސްގެ މައުލޫމާތު ނުހިމަނާ އުނިކުރަން ބޭނުންވާ ނަމަ އެކަން ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.