ބޮލީވުޑް

ދިޕިކާގެ ބޮލަށް އަގުކީ ބީޖޭޕީގެ ލީޑަރު އިސްތިއުފާދީފި

Nov 29, 2017

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" ރިލީޒްނުކުރެވޭނެ ކަމުގެ އިންޒާރުތަކާ އެކު ފިލްމަށް ހިންދޫންގެ ބައެއް ގްރޫޕްތަކުން ދަނީ ހުރަސް އަަޅަމުންނެވެ.

"ޕަދްމާވަތީ" އާ ދެކޮޅަށް ވަރުގަދަ މުޒާހަރާތައް އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނައިރު، ބާންސާލީ އާއި ބަތަލާ ދީޕިކާ ޕަދުކޯންގެ ބޮލަށް ފަސް ކްރޯޑު ރުޕީސް ކަރްނީ ސެނާ ކިޔާ ރާޖްޕުތްގެ ހިންދޫ ގްރޫޕަކުން ހުށަހާފައިވަނިކޮށް، އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ އާއި އިދިކޮޅު ކޮންގްރެސް ޕާޓީގެ ގިނަ ލީޑަރުން ވެސް ވަނީ މި ފިލްމާ ދެކޮޅަށް ތެދުވެފަ އެވެ.

ބީޖޭޕީއިން ދިޕިކާ އާއި ބަންސާލީގެ ބޮލަކަށް 10 މިލިއަން ރުޕީޒް ހުށަހަޅާކަން ހާމަކުރި އެ ޕާޓީގެ ލީޑަރު ސޫރަޖް އަމޫ ޕާޓީގެ ސްޓޭޓް ޗީފް މީޑިއާ ކޯޑިނޭޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދީފި އެވެ.

"ޕަދްމާވަތީ" އާ ދެކޮޅަށް އެންމެ ގަދަޔަށް އަޑުއުފުލަމުން އަންނަ ސޫރަޖް ހަރްޔާނާ ސްޓޭޓުގެ މީޑިއާ ކޯޑިނޭޓަރު ކަމުގެ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ސޫރަޖް އިސްތިއުފާ ދީފައި މިވަނީ "ޕަދްމާވަތީ" އާއި ދިޕިކާ އަދި ބަންސާލީގެ ބޯބުރިކުރަން އަގު ހުށަހަޅައި ދެއްކި ވާހަކަތަކާ ގުޅިގެން ބީޖޭޕީން އޭނާ އަށް ނޯޓިސް ފޮނުވައި އޭނާގެ ވާހަކަތައް ކުށްވެރިކޮށް ވާހަކަދައްކާފައި ވަނިކޮށެވެ.

އެ ޕާޓީގެ ނޭޝަނަލް ސެކެޓްރީ އަނިލް ޖެއިން ވަނީ ސޫރަތްގެ އިންޒާރު ޕާޓީންއިން ކުށްވެރިކުރާ ކަމަށާއި އެ ޕާޓީ އަކީ އެ ފަދަ ކަން ކަމަށް ހިތްވަރުދޭނެ ބައެއް ނޫން ކަމަށް ބުނެފަ އެވެ.

ސޫރަތްގެ ސްޓޭމަންޓާ ގުޅިގެން އޭނާ އާ ދެކޮޅަށް ވަނީ މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

ސޫރަތާ ދެކޮޅަށް އޭނާގެ ޕާޓީން ވެސް ވާހަކަދައްކާފައި ވަނިކޮށް އޭނާ ވަނީ "ޕަދްމާވަތީ" އާ ގުޅިގެން އޭނާ ދެއްކި ވާހަކަތަކަކީ އޭނާ އެ ފިލްމާ މެދު ދެކޭގޮތް ކަމަށާއި އެއްވެސް ހާލެއްގައި އެއީ ޕާޓީގެ ފިކުރެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ޕާޓީން އެދިއްޖެނަމަ އިސްތިއުފާން ދޭން ތައްޔާރަށް އޭނާ ހުރި ކަމަށް ވެސް ސޫރަތް ވަނީ ބުނެފަ އެވެ.

ކުރިން އަންނަ މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް މި ފިލްމު ރިލީޒްކުރުން މުއްދަތެއް ނެތް ގޮތަށް ލަސްކޮށްފައިވަނީ ސެންސަރު ބޯޑުން ފާސްކޮށްދީފައި ނުވާތީ އެވެ.

އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި މި ފިލްމު ދެއްކުން ވަނީ މަނާކޮށްފަ އެވެ. އެއީ މަދްޔަ ޕްރަދޭޝް އާއި ގުޖްރާތް އާއި އުއްތަރް ޕްރަދޭޝް އަދި ބިހާރު އެވެ.

"ޕަދްމާވަތީ" އިއުލާންކުރި ހިސާބުން މި ފިލްމާ ދެކޮޅަށް ކަރްނީ ސެނާއިން މުޒާހަރާކޮށް ހަޅުތާލުކުރަމުން އަންނަނީ މި ފިލްމުގައި ރާނީ ޕަދްމިނީ އާއި މުސްލިމް ރަސްކަލަކާ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ވާހަކަތައް ގެނެސްދޭތީ ކަމަށް ބުނެ އެވެ.

ރާނީ ޕަދްމިނީގެ ރޯލުން ދިޕިކާ ފެނިގެންދާއިރު، މުސްލިމް ރަސްކަލު އަލާއުއްދީން ޚިލްޖީގެ ރޯލުން ފެނިގެންދަނީ ރަންވީރެވެ. އަދި ރާނީ ޕަދްމިނީގެ ފިރިމީހާގެ ރޯލު، ރަވަލް ރަތަން ސިންގްގެ ރޯލުން ފެނިގެންދަނީ ޝާހިދު ކަޕޫރެވެ.