ހަބަރު

ދަށު ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އިތުރުވެއްޖެ

Nov 29, 2017

ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބު ދައްކާ ގޮތުން އަހަރުގެ ތިންވަނަ ކުއާޓާގައި ދަށު ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، 2017 ވަނަ އަހަރުގެ ތިންވަނަ ކުއަޓާގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު، 2016 ވަނަ އަހަރުގެ ތިންވަނަ ކުއަޓާގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތައްކަށްވުރެ 36 ޕަސެންޓް މައްސަލަ އިތުރުވެފައިވެއެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއަޓާގައި 4263 މައްސަލަ ހުށަހަޅާފައިވާއިރު، 2017 ވަނަ އަހަރުގެ މިމުއްދަތުގެ ތެރޭގައި 5799 މައްސަލަ ދަށު ކޯޓުތަކަށް ހުށަހަޅާފައިވެ އެވެ. އެއީ 2016 ވަނަ އަހަރުގެ ތިންވަނަ
ކުއާޓާ އަޅާބަލާއިރު 1536 މައްސަލައިގެ އިތުރުވުމެކެވެ.

މި އަހަރުގެ ތިންވަނަ ކުއާޓާގައި ދަށު ކޯޓުކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރުވެގެން ގޮސްފައިވަނީ، މުއްދަތުގެ ތެރޭގައި ސުޕީރިއާ އަދި މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަކުގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓާ އަޅާބަލާއިރު 2017 ވަނަ އަހަރުގެ ތިންވަނަ ކުއާޓަގައި ސުޕީރިއާ ކޯޓުތަކަށް 57 ޕަސެންޓް މައްސަލަ އަދި މެޖިސްޓްރޭޓު ކޯޓުތަކަށް 22 ޕަސެންޓް މައްސަލަ އިތުރަށް ވަނީ ހުށަހަޅާފަ އެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ތިންވަނަ ކުއަޓާގައި އެންމެ ގިނައިން މައްސަލަތައް ހުށަހެޅިފައިވަނީ އައްޑު އަތޮޅުގައި ހިމެނޭ މެޖިސްޓްރޭޓް
ކޯޓުތަކަށެވެ. އެއީ 416 މައްސަލައެވެ. އަދި އެންމެ މަދުން މައްސަލަ ހުށަހެޅިފައިވަނީ ވ އަތޮޅުގައި ހިމެނޭ މެޖިސްޓްރޭޓު ކޯޓުތަކަށެވެ. އެއީ 15 މައްސަލައެވެ. އެ އަތޮޅަކީ އާބާދީ ކުޑަ އަތޮޅެކެވެ.

އަހަރުގެ ތިންވަނަ ކުއާޓާގައި ދަށުކޯޓުތަކުން ނިންމި ޖުމުލަ މައްސަލަތަކުގެ އަދަދު މަދުވިކަމުގައިވިޔަސް، މި މުއްދަތުގެ ތެރޭގައި ސުޕީރިއާ ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެގެން ގޮސްފައެވެ. ތިންވަނަ ކުއާޓަގައި ނިންމި މައްސަލަތަކުގެ އަދަދު މަދުވެފައިވަނީ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު މަދުވުމާ ގުޅިގެންނެވެ. އެގޮތުން 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓާ އާ އަޅާބަލާއިރު، 2017 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ސުޕީރިއާ ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު 5 ޕަސެންޓް އިތުރުވެފައިވެއެވެ. އެހެން ނަމަވެސް މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު ވަނީ 12 ޕަސެންޓް މަދުވެފައެވެ.

މެޖިސްޓްރޭޓު ކޯޓުތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ ތިންވަނަ ކުއަޓާގައި އެންމެ ގިނައިން މައްސަލަތައް ނިންމާފައިވަނީ އައްޑު އަތޮޅުގެ މެޖިސްޓުރޭޓު ކޯޓުތަކުންނެވެ. އެއީ 282 މައްސަލައެވެ. އަދި އެންމެ މަދުން މައްސަލަ ނިންމާފައިވަނީ ވ އަތޮޅުގައި ހިމެނޭ މެޖިސްޓްރޭޓު
ކޯޓުތަކުން ނެވެ. އެއީ 20 މައްސަލަ އެވެ.