ހަބަރު

ޗައިނާއާއެކު ފްރީޓްރޭޑް އެއްބަސްވުމުގައި ސޮއިކުރަން ނިންމައިފި

  • ސުންޕަސެންޓްގައި މަސް ބޭރުކުރަން ފުރުސަތުލިބޭނެ
  • ބޮޑަށް ފައިދާވާނީ ރާއްޖެއަށް ކަމަށް ސަރުކާރުން ބުނޭ
  • އެއްބަސްވުމަކަށް އާދެވުނީ ހަތް ބައްދަލުވުމަކަށް ފަހު

ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން، ފްރީޓްރޭޑް އެގްރިމަންޓްގައި ސޮއިކުރަން ކެބިނެޓުން ރުހުންދީފި އެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ނިންމެވި އެ ނިންމެވުމާ ބެހޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެ އެއްބަަސްވުން ގާއިމް ކުރުމަކީ ރާއްޖޭގެ ވިޔަފާރިއަށް، ވަކީން ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ.

"... ދުނިޔޭގެ އެންމެ ބޮޑު ކޮންޒިއުމާ މާކެޓަށް، ބާޒާރަށް މަސް ވިއްކުމުގެ ނުވަތަ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު (ޑިއުޓީ)ސުން ޕަސެންޓުން ފަހިވެގެން މިދިޔައީ،" މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް ލިބޭނެ ކުރިއެރުން ވަކިން ހާއްސަކޮށް ފާހަގަ ކުރެއްވި ނަމަވެސް އެފަދަ އެއްބަސްވުމެއްގެ ސަބަބުން ރާއްޖޭގެ މައިގަނޑު ހުރިހާ ސިނާއަތަކަށް ވެސް ބޮޑު މަންފާއެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ އެއްބަސްވުން ގާއިމް ކުރާނީ ޗައިނާއަށް ވުރެ ބޮޑަށް ރާއްޖެއަށް ފައިދާ ކުރާނެ ގޮތަކަށް ކަަމަށެވެ.

"... ދުނިޔޭގައި ފުރަތަމަ ފަހަރަށް ކަންނޭންގެ ވަރަށް ކުޑަ ގައުމަކާ ދުނިޔޭގެ ބޮޑެތި ބާޒާރުތައް، އަޅުގަނޑުމެން ކޮޅަށް ބުރަވާ ގޮތަށް ، އަޅުގަނޑުމެންނަށް މީގެ ނަފާ ލިބޭ ގޮތަށް ފުރޮޅައިލުމުގެ ފުރުސަތު މިލިބެނީ،" ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެވޭނެ ތާރީހަކާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ގާނޫނީ މަރުހަލާތަކެއް ހުންނާތީ އެކަމަށް އަދި މުއްދަތުތަކެއް ނަގާނެ ކަމަށެވެ.

"... ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ގައުމަކާ އެއްކޮށް ހެދުން އެއީ ހަގީގަތުގައި ވަރަށް ދިގު މުއްދަތެއް ނަގާ ކަމެއް،" ޑރ. އާސިމް ވިދާޅުވިއެވެ.

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ރާއްޖޭން ފެށީ 2014 ވަނަ އަހަރުއެވެ. އެ މަޝްވަރާތައް ކުރުމަށް ދެގައުމުން މިހައިތަނަށް ހަތް ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މިނިސްޓަރު ސައީދު ވިދާޅުވީ އެފަދަ އެއްބަސްވުމެއް ގާއިމް ކުރަން ސަރުކާރުން މަސައްކަތް ފެށީ ކުޑަކޮށް ތަރައްގީވެފަައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެ، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ޑިއުޓީ ދައްކަން ޖެހުމުން ކަމަށެވެ.

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިންމާލީ ސެޕްޓެމްބަރު މަހު 15 އަދި 16 ގައި ޗައިނާގެ ބެއިޖިންގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކަކަށް ފަހުގަ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމްކުރުމަށް ޗައިނާގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، ޖަޕާން އަދި އިނގިރޭސި ވިލާތަށް ދައުވަތު ދީފައިވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި ހޮންގްކޮންގާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ވަނުމަށްޓަކައި ކުރާ މަޝްވަރާތަކުގެ އެންމެފަހުގެ ބައްދަލުވުން ވަރަށް އަވަހަށް ބާއްވާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.