ހަބަރު

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މައްސަލަ މަޖިލީހަށް ބަލައިގެންފި

ޗައިނާ އާއި ރާއްޖެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރަން ރައްޔިތުން މަޖިލީހުން ރުހުން ދީފި އެވެ.

މިއަދު މެންދުރު ފަހު ރައްޔިތުން މަޖިލީހުން ކުއްލި ގޮތަކަށް ބާއްވަން ނިންމި ހާއްސަ ޖަލްސާގައި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަޖިލީހަށް ފޮނުވާފައިވަ ސިޓީއެއް ވަނީ މަޖިލީހުގެ އަމީންއާންމް އަހުމަދު މުހައްމަދު އިއްވާފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު ފްރީޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއް ގާއިމް ކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ގާނޫން އަސާސީގައި ބުނެފައިވާ އިރު އެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމާ ދެއްވުން އެދޭ ކަމަށެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައިވާ ކަންކަން ތަންފީޒު ކުރެވޭނީ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ހަމަޖެހިގެން ކަމަށާއި އަދި އެ ކަންކަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ އެ ސީޓި އިއްވުމަށް ފަހު ރިޔާސަތުން ނިންމެވީ އެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ. އަދި މިރޭ ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ގަސްތުކުރާ ކަމަށް މަޖިލީޙުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިއުލާން ކުރެއްވި އެވެ.

ތޭވީސް މެންބަރުން ހާޒިރުވި އެ ޖަލްސާގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރުމާ ބެހޭ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާފައިވާ އިރު މިހާރު އެ ކޮމިޓީ ބައްދަލުވުން މަޖިލީހުގައި ކުރިިޔަށް އެބަދެ އެވެ. އެހެންކަމުން މިރޭ ބާއްވާ ޖަލްސާގައި އެ މައްސަލައާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.