ހަބަރު

ރައީސް ޔާމީން އަންނަ މަހު ޗައިނާއަށް ވަޑައިގަންނަވަނީ

ޗައިނާގައި ބާއްވާ ވަރަށް މުހިއްމު ރަސްމިއްޔާތެއްގައި ބައިވެރިވަޑައިގަންނަވަން ރައީސް އަބުދުﷲ ޔާމީނު އަންނަ މަހުގެ ތެރޭގައި އެގައުމަށް ވަޑައިގަންނަވާނެ ކަމަށް ހަބަރު ލިބިއްޖެ އެވެެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީނު ޗައިނާއަށް ވަޑައިގަންނަވާނީ އަންނަ ޑިސެމްބަަރު މަހުގެ ހަވަނަ ދުހުއެވެ. އެމަނިކުފާނު އެ ގައުމަށް ވަޑައިގަންނަވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަ ކުރުމަށް، ޗަައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބާއްވާ ހަފުލާއެެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ރައީސްގެ ދަތުރުފުޅާ ބެހޭ ގޮތުން ތަރުޖަމާނު އިބުރާހީމް މުއާޒް އަލީ އަށް ސުވާލު ދެންނެވުމުން ވިދާޅުވީ ރައީސްގެ ދަތުރުފުޅުތަކާ ބެހޭ ގޮތުން ޕްރޮޓޮކޯލްއާ އެއްގޮތަށް ރައީސް އޮފީހުން މައުލޫމާތު ހާމަ ކުރާނެ ކަމަށެވެ.

" މިވަގުތަކު ހާމަ ކުރާނެ މައުލޫމާތެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ރައީސް ޗަައިނާއަށް ވަަޑައިގަންނަވާ އިރު އެގައުމާ ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއް ގާއިމް ކުރުމަށް ކުރި މަޝްވަރާތައް ނިމި، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމާފައެވެ. އެ އެއްބަސްވުމުގައި ބައިވެރިވުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ރައީސް ޔާމީނު ވަނީ 2014 ވަނަ އަހަރުވެސް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އޭގެ ފަހުން ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.ޗައިނާގެ ރައީސް ޝީޖިންޕިން ވެސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރަައްވާފައެވެ. ޗައިނާ ސަރުކާރުގެ ކުންފުނިތަކުން ރާއްޖޭގައި މިހާރުވެސް އަންނަނީ ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ.