ހަބަރު

މިނިވަން ވިޔަފާރީގެ އެއްބަސްވުން 10 މިނެޓް ތެރޭ ކޮމިޓީ އިން ފާސްކޮށްފި

  • ފާސްކުރިއިރު އެއްބަސްވުން ކޮމިޓީއަށް ހޯދާފައެއް ނުވޭ
  • މުގައްރިރު ވިދާޅުވީ މައްސަލަ ރަނގަޅަށް ދިރާސާކުރިކަމަށް
  • އެއްބަސްވުމުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވާ

ޗައިނާ އާއި ރާއްޖެއާ ދެމެދު ގާއިމް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގައުމީ ސަލާމަތުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މިއަދު 2:50 ހާއިރު ފެށި ކޮމިޓީ ބައްދަލުވުން 3:00 އެހާކަންހާއިރު ވަނީ ނިންމައި އެ އެއްބަސްވުމަށް ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީ އިން ފާސްކޮށްފަ އެވެ.

"އަވަސް"އާ ވާހަކަދައްވަމުން ގައުމީ ސަލާމަތުގެ ކޮމިޓީގެ މުގައްރިރު އިބްރާހިމް ރިޒާ މިއަދު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު ގާއިމް ކުރާ ފްރީޓްރޭޑް އެގްރީމަންޓުގެ މައްސަލަ ކޮމިޓީން ފާސް ކުރީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ ތެރެއިން އެއް މެންބަރަކު ފިޔަވާ އެހެން ހުރިހާ މެންބަރުންގެ ވޯޓާ އެކުގައި ކަމަށެވެ. އަދި ކޮމިޓީ ބައްދަލުވުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެ މިނިސްޓްރީގެ އެހެން އޮފިޝަލުން ހާޒިރުކޮށް ސުވާލުކޮށް އެ އެއްބަސްވުން ރަނގަޅަށް ދިރާސާ ކުރި ކަމަށް ރިޒާ ވިދާޅުވި އެވެ.

"މިނިވަން ވިޔަފާރީގެ އެއްބަސްވުން ކޮމިޓީން ފާސް ކުރީ އަޅުގަނޑުމެން ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައި،" ރިޒާ ވިދާޅުވި އެވެ.

ރިޒާ މިހެން ވިދާޅުވި ނަމަވެސް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް ވިދާޅުވީ، ރާއްޖެއިން ޗައިނާއާ އެކު ސޮއިކުރާ ފްރީ ޓްރޭޑް އެއްބަސްވުން ކޮމިޓީއަށް ހޯދަން ހުށަހެޅި ކަމަށާއި އެހެން ނަމަވެސް އެއްބަސްވުމަށް ރުހުންދޭން ފާސްކުރީ އެއްބަސްވުން ނުހޯދާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޓީއަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވަޑައިގަތް އެއްބަސްވުމުގެ ތަފްސީލީ މައުލޫމާތެއް ނުދެއްވާ ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅު ނިމުމާ އެކު މައްސަލައަށް ކޮމިޓީގައި ވޯޓަށް އަހާ މައްސަލަ ފާސްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިސްޓަރު ސައީދު ވާހަކަފުޅަށް ދިޔަ ވަގުތެއް ކޮމިޓީގެ މުޅި މަަސައްކަތަށް ދިޔައީ. މިނިސްޓަރު ވާހަކަފުޅަށް ފަހު ނިކުމެ ވަޑައިގަތީމާ ވޯޓަށް އަހާ ރުހުން އޮތް ކަމަށް ފާސްކުރީ. ސީދާ އަޅުގަނޑު ގަޑިއެއް ނުބަލަން. ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް ވާނީ،" މޫސާ ނިޒާރު ވިދާޅުވި އެވެ.

ގައުމީ ސަލާމަތުގެ ކޮމިޓީން އެ މައްސަލަ ފާސްކޮށްފައިވާ އިރު މިރޭ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ މިއަދު ކުއްލި ގޮތަކަށް ބޭއްވި ޖަލްސާ ނިންމާލަމުން އިއުލާން ކުރައްވައިފަ އެވެ. އަދި އެ ޖަލްސާގައި ފްރީޓްރޭޑް އެގްރީމަންޓާ ގުޅޭ މައްސަލައަށް ވޯޓަށް އަހާ ފާސް ކުރާނެ ކަމަށް ބެލެވެ އެވެ. މިއަދު މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވީ ވެސް އެ އެއްބަސްވުމަށް ރުހުން ދިނުމުގެ މައްސަލައިގަ އެވެ. އަދި އެ ޖަލްސާއަށް މެންބަރުންނަށް ނޯޓިސް ފޮނުވީ ވެސް ވަގުތު ކުޑަތަންވެފައި ވަނިކޮށް ކަމަށް ބައެއް މެންބަރުން އަންނަނީ ވިދާޅުވަމުން އެވެ. އަދި އެ އެއްބަސްވުން ވެސް މެންބަރުންނަށް ނުލިބޭ ކަމަށް ބުނެ ބައެއް މެންބަރުން ވަނީ މިހާރު ވެސް ޝަކުވާ ކޮށްފަ އެވެ.

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިންމާލީ ސެޕްޓެމްބަރު މަހު 15 އަދި 16 ގައި ޗައިނާގެ ބެއިޖިންގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކަކަށް ފަހުގަ އެވެ. އެ އެއްބަސްވުމުގެ ސަބަބުން ޗައިނާއަށް ވުރެ ރާއްޖެއަށް ލިބޭ ފައިދާތައް ގިނަވާނެ ކަމަށް ސަރުކާރުް ވަނީ ނިންމައިފަ އެވެ.