ވިޔަފާރި

ރިސޯޓެއް ނެތް ހދ. އަތޮޅުގެ ދެ ފަޅަކާއި ތިން ރަށް ކުއްޔަށްދެނީ

މިހާތަނަށް ރިސޯޓެއް ނެތް، ހދ. އަތޮޅުގެ ތިން ފަޅު ރަށަކާއި ދެ ފަޅެއްގައި ޓޫރިޒަމް ތަރައްގީކުރަން ނިންމައި، ލިސްޓުގައި ހިމަނައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިޒަމް ތަރައްގީ ކުރާ ލިސްޓަށް އަލަށް އިތުރުކޮށްފައިވަނީ ހދ. ކުޑަފަރުފަސްގަނޑާއި އެ އަތޮޅު ކުޑަ މުރައިދޫ އަދި އެ އަތޮޅު ކޭލަކުނު ކަމަށެވެ.

ޓޫރިޒަމް ތަރައްގީ ކުރުމަށް އިތުރު ރަށްތަކެއް ލިސްޓަށް އިތުރު ކުރިއިރު، ވިޔަފާރީގެ ބޭނުމަށް އަންނަ އަހަރު ބޮޑު 20 ފަޅު ހިއްކަން 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޓޫރިޒަމް ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން، ރިސޯޓް ހެދުމަށް ރަށްތައް ބިޑް ނުކޮށް 14 ރަށަކާއި ދެ ފަޅެއްގައި ޓޫރިޒަމަށް މީގެ ކުރިން ހުޅުވާލާފައިވެ އެވެ. އަދި މީގެ ތެރެއިން ބައެއް ފަޅުތަކުގައި މިހާރު ދަނީ ޓޫރިޒަމް ފައްކާ ކުރަމުންނެވެ.