ހަބަރު

ޗައިނާއާ އެކު ސޮއިކުރާ އެއްބަސްވުމަކީ ގައުމުތަކަށް ފިލާވަޅެއް: މިނިސްޓަރު

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުުމެއްގައި ސޮއިކުރުމަކީ އެހެން ގައުމުތަކާ އެކު އެފަދަ އެއްބަސްވުންތައް ގާއިމް ކުރަން ފަސޭހަވާނެ ކަމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމުމުން އެކަމާ ބެހޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ޑރ. އާސިމް ވިދާޅުވީ ރާއްޖެއިން ޗައިނާއާ އެކު ސޮއިކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އެހެން ގައުމުތަކަށް ވެސް އެކަމުން ފިލާވަޅުތަކެއް ލިބިގެންދާނެ ކަމަށެވެ.

"... އެހެންވީމާ އަޅުގަނޑު ދަންނަވާނީ މިއީ މި މަސަައްކަތުގެ ފެށުމޭ. އަދި ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް މި މަސައްކަތް އެހެން ގައުމުތަކާ އެކުގައި ފުޅާކޮށް ، އިތުރަށް ތަރައްގީ ކުރުމަށް އަޅުގަނޑުމެންނަށް ފުރުސަތު ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހާރިޖީ ދާއިރާއިންް ރާއްޖޭން މިހާރު އެހެން ގައުމުތަކާ ދައްކަނީ ހަމަ އެކަނި އެގައުމުތަކާ ރާއްޖެއާ އޮންނަ ބައިލެޓަރަލް ގުޅުންތަކާ ބެހޭ ގޮތުން ނޫން ކަަމަށާއި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާ ކުރުމާ ބެހޭ ވާހަކަތައް ވެސް ދައްކާ ކަމަށެވެ.

"... އިގުތިސާދީ އެކި ސެކްޓާ ތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީގަޔާއި އަޅުގަނޑުމެންގެ ބޭރުގެ މިޝަންތަކުގައި ވެސް އެމަސައްކަތް ހަމަ ކުރަމުން މިދަނީ،" ޑރ. އާސިމް ވިދާޅުވިއެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައިވެސް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމް ކުރަން ޗައިނާގެ އިތުރުން އެހެން ބައެއް ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަންއަށް ވެސް ރާއްޖޭން ހުށަހަޅާފައިވާ ކަމަށެވެ. އެވާހަކަ އޭނާ ވަނީ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް ދައްކަވާފައެވެ. ނަމަވެސް އެހެން ގައުމަކުން ރާއްޖޭގެ އެފަދަ ހުށަހެޅުމަކަށް އިޖާބަ ދިން ކަން ނުވަތަ ނޫންކަން އޭނާ ވިދާޅެއް ނުވެއެވެ.

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިންމާލީ ސެޕްޓެމްބަރު މަހު 15 އަދި 16 ގައި ޗައިނާގެ ބެއިޖިންގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކަކަށް ފަހުގަ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމްކުރުމަށް ޗައިނާގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، ޖަޕާން އަދި އިނގިރޭސި ވިލާތަށް ދައުވަތު ދީފައިވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި ހޮންގްކޮންގާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ވަނުމަށްޓަކައި ކުރާ މަޝްވަރާތަކުގެ އެންމެފަހުގެ ބައްދަލުވުން ވަރަށް އަވަހަށް ބާއްވާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ