ބޮލީވުޑް

"ސްވޭގް ސޭ ސުވާގަތް" ލަވަޔަކީ ކޮޕީއެއް

Nov 30, 2017
3

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އެކުގައި ކުޅެފައިވާ ފިލްމަކީ 2012 ވަނަ އަހަރު ނިކުތް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައި "ޓައިގާ ޒިންދާހޭ" އެވެ.

އަންނަ މަހުގެ 22 ވަަނަ ދުވަހު ރިލީޒް ކުރާ މި ފިލްމަކީ 2012 ވަނަ އަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމެވެ. އެ ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ އާއެކު ބެލުންތެރިން "ޓައިގާ ޒިންދާހޭ" އަށް ކުރަމުން އަންނަ އިންތިޒާރު ވަރަށް ބޮޑެވެ. މި ފިލްމުގެ ޓްރެއިލާ އަށް ލިބިފައިވާ ތަރުހީބުން ފިލްމަށް ކުރަމުން އަންނަ އިންތިޒާރު އެނގިގެންދެ އެވެ.

ޓްރެއިލާ އަށް ފަހު އާންމުކޮށްފައިވަނީ ފިލްމުގެ ލަވަ އެކެވެ. ""ސްވޭގް ސޭ ސްވާގަތު" ކިޔާ ލަވަ ރިލީޒްވުމާއެކު ވަރަށް ގިނަ ބަޔަކަށް މި ލަވަ ވަނީ ކަމުގޮސްފަ އެވެ. މިއީ މި އަހަރުގެ އެންމެ މޮޅު ލަވަ ކަމަށް ވެސް ބައެއް މީހުން އަންނަނީ ސިފަ ކުރަމުންނެވެ.

މި ލަވަ އަށް ތައުރީފު ބަންޑުން ކުރަމުން އަންނައިރު މި ލަވަ އަކީ ކޮޕީ ލަވައެއް ކަމަށް މިވަނީ ތުހުމަތު ކުރެވިފަ އެވެ.

ސަލްމާން އާއި ކެޓްރީނާގެ މޮޅު ޑާންސް ހަރަކާތްތައް ފެނިގެންދާ މި ލަވައިގެ ކޮމްޕޯޒް ކޮށްފައިވަނީ މެގްދީޕު ބޯސް އެވެ. އަދި ލަވަ ކިޔައިދީފައިވަނީ ވިޝާލް ޑަޑްލާނީ އާއި ނޭހާ ބަސީން އެވެ.

ރިލީޒް ކުރިތާ ސައްވީސް ގަޑިއިރުގެ ތެރޭގައި 12 މިލިއަން ފަހަރު ބެލި މި ލަވަ އަކީ އިނގިރޭސި ލަވައެއް ކަމަށްވާ ދަ ހޯންސްގެ ކޮޕީއެކެވެ. ޑީޖޭ ކެޗްގެ އެ ލަވަ އާއި ސްވޭގް ސެ ސުވާގަތްގެ ރާގު ވަރަށް އެއްގޮތެވެ.

ތަފާތު ޓެރެކެއްގެ މައްޗަށް އުފައްދާފައިވާ މި ލަވަ ޝޫޓްކޮށްފައިވަނީ ގްރީސްގަ އެވެ. މި ލަވަ އަކީ ނުވަ މަސް ދުވަހުގެ ބުރަ މަސައްކަތުން އުފެއްދި ލަވައެއް ނަމަވެސް އެންމެފަހުން މި ލަވަ ވެފައި މިވަނީ ކޮޕީ ލަވައަކަށް ވެފަ އެވެ.

ސަލްމާނާއި ކެޓްރީނާ އާއެކު މި ލަވައިގައި ނަށާ ނެށުންތެރިންނަކީ ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ނެށުންތެރިންނެވެ.

މި ލަވައާ ގުޅޭގޮތުން ވާހަކަދައްކަމުން މީގެކުރިން ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ބުނެފައިވަނީ މި ފިލްމުގައި ކެޓްރީނާ އާއި ސަލްމާންގެ ޖޯޑު ބެލުންތެރިންނާ ހަމައަށް ފެނިގެން މިދަނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ކަމުން އެ ދެތަރިންގެ ކެމިސްޓްރީ ބެލުންތެރިން ގަޔާވާނެ ފަދަ ގޮތަކަށް ދެއްކުން ވީ ފިލްމުގެ ޓީމަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އެއް ޗެލެންޖު ކަމަށެވެ.