ރިޕޯޓް

އެފްޓީއޭއިން ރާއްޖެއަށް ލިބޭނެ ބައެއް ފައިދާ

ރާއްޖެ އާއި ޗައިނާ- ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާން ނިންމީ، 2014 ޑިސެމްބަރު މަހު ޗައިނާގަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި މިފަދަ އެއްބަސްވުމެއް ގާއިމް ކުރުމަކީ ފީޒިބަލް ތަކެއް ދޯ ބަލަން ދެ ގައުމުގެ ފަންނީ ބޭފުޅުން މޭޒު ދޮށަށް އައީ 4، ފެބްރުއަރީ 2015 ވަނަ ދުވަހު އެވެ. އަދި ފަސް ބުރު ދެ ގައުމުގައި ބޭއްވި ބައްދަލުވުންތަކަށްފަހު، މި ވާހަކަތައް ނިންމާލާފައިވަނީ 18، ސެޕްޓެމްބަރު 2017 ގަ އެވެ. ދެން މިއޮތީ ރަސްމީކޮށް ސޮއިކުުރުމެވެ. ސޮއިކުރުމުގެ ރަތް ބޮކި، ކެބިނެޓުން ދިއްލުމާއެކު، ރައްޔިތުން މަޖިލީހުން މިވަނީ ބައި ގަޑިއިރުތެރޭގައި ރުހުން ވެސް ދީފަ އެވެ. މިކަން ވެގެންދާނީ ރާއްޖޭގެ ވިޔަފާރީގައި މުޅިންއާ ސޮފުހާއެއްގެ ފެށުމަށެވެ.

ތިރީގައި އެ ވަނީ ޗައިނާ-ރާއްޖެ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އިން ރާއްޖެ އަށް ލިބޭނެ ކަމަށް ބެލެވޭ ބައެއް ފައިދާ ތަކެވެ.

1- ދިވެހި މަހަށް ޑިއުޓީ ނުނެގުން

އެފްޓީއޭ މަޝްވަރާތައް ކުރިއަށް ދިޔައިރު، ދެ ގައުމުން ވެސް ވާން ކުރި އެވެ. ބައެއް ފަހަރު މަޝްވަރާތައް ހޫނުވެސް ވިއެވެ. ނަމަވެސް ދިވެހި ސަރުކާރުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބެލީ، މަސްވެރިންނަށް މިހާރަށް ވުރެ ބޮޑު އެހީތެރިކަމެއް ދިނުމަށެވެ. މިގޮތުން ޗައިނާ އަށް އެތެރެކުރާ ދިވެހި މަހަށް ނަގާ ޑިއުޓީ ކަނޑައިލުމަކީ ޝަރުތެއް ކަމަށްވި އެވެ.

2- އުފެއްދުންތެރިކަން އިތުރުވުން

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ހާއްސަ ބައިތަކެއް ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ހިމަނަން ރާއްޖޭން ހުށަހަޅާފައިވެ އެވެ. މީގެތެރޭގައި މުދާ ތައްޔާރު ކުރާއިރު 30-40 ޕަސެންޓުގެ މިންވަރަކަށް ރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްފައި ވާނަމަ މި ބާވަތްތަކުގައި ހިމެނޭ މަހާއި ސީފުޑްގެ ބާވަތްތަކުން ވެސް ޓެކްސް ނުނެގުމެވެ. މިސާލެއްގެ ގޮތުން ބުނާނަމަ އިންޑިޔާ ނުވަތަ ލަންކާއިން ޑިނގާ ރާއްޖެ ގެނެސް ރާއްޖޭގައި ބަންދުކޮށްގެން ޗައިނާގެ ބާޒާރަށް ވިއްކުން ފަދަ މަސައްކަތް ހިމެނެ އެވެ.

3- މުދާ އެތެރެ ކުރަން ލުއި ތަކެއް

ރާއްޖެއަކީ އެކްސްޕޯޓަށް ބަރޯސާ ވެފައިވާ ގައުމެކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާއަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމެވެ. އެ ގައުމުން އޮކްޓޫބަރު މަހުގެ ނިޔަލަށް އެކަނިވެސް 344.4 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އެފްޓީއޭގެ ސަބަބުން މުދާ އެތެރެކުރާ ދިވެހި ވިޔަފާރިވެރިންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

4- ޓޫރިސްޓުން އިތުރު ކުރުން

ޗައިނާ މާކެޓަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓު ކަމަށްވީނަމަވެސް، އެ ގައުމުން އަންނަ މީހުންގެ އަދަދު ދަށްވަމުންދާތާ ހަތަރު ވަރަކަށް އަހަރު ވަނީ ވެފަ އެވެ. މިގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާ އިން 265,417 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މި އަދަދަކީ މިދިޔަ އަހަރު އައި 289,123 މީހުންނާ އަޅާބަލާއިރު 8.2 ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް ޗައިނާއަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބޭރަށް ދަތުރު ކުރާ ގައުމެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޗައިނާގެ 122 މިލިއަން މީހުން ގައުމުން ބޭރުގައި ޗުއްޓީ ހޭދަކުރި އެވެ. އަދި މި މީހުން 106 ބިލިއަން ޑޮލަރު ހޭދަކުރި އެވެ. އެހެންވެ މި މާކެޓުން ބައެއް ރާއްޖެއަށް ހޯދުމަށް ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެހީވެދޭނެ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުންވެސް ކުދި ވިޔަފާރިއާއި ބޭންކިން ސެކްޓަރަށްވެސް މި އެއްބަސްވުމުގެ ސަބަބުން ފައިދާތަކެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ތިރީގައި އެވަނީ އެފްޓީއޭއިން ރާއްޖެއަށް ލިބޭނެ ކަމަށް ބެލެވޭ ބައެއް ފައިދާތަކެވެ.