ރިޕޯޓް

އަވަހާ ފާސްކުރި ބޮޑު ނިންމުމަށް ބޮޑެތި ޝައްކުތައް!

ޗައިނާ އާއި ރާއްޖެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރަން ރައްޔިތުން މަޖިލީހުން އަވަސް އަވަހަށް ރުހުން ދިނުމާ ގުޅިގެން އިދިކޮޅު މެންބަރުން ޝައްކުތައް އުފައްދައިފި އެވެ. އިދިކޮޅު ބައެއް ބޭފުޅުން ވަނީ އެ އެއްބަސްވުމުގެ ދަށުން ރާއްޖެ، ޗައިނާގެ "އަޅުވެތިކަމުގެ ދަށަށް" ދިޔައީ ކަމަށް ތުހުމަތު ވެސް ކޮށްފަ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ރުހުން ދިނުމަށް އިއްޔެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވި އެވެ. އެ ޖަލްސާގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވަޑައިނުގަންނަވަ އެވެ. އެ މެންބަރުން ވިދާޅުވަނީ، ޖަލްސާގެ ނޯޓިސް ފޮނުވީ ޖަލްސާ ފެށުނު ވެސް ފަހުން ކަމަށެވެ. ސަރުކާރު މެންބަރުން ބައިވެރިވަޑައިގަތް އެ ޖަލްސާއަށް އެކަން ހުށަހަޅައި، ކޮމެޓީއަށް ފޮނުވި އެވެ. އެ ބޮޑު އެއްބަސްވުން ދިރާސާކުރުމަށް ގައުމީ ސަލާމަތުގެ ކޮމެޓީއަށް ނެގީ މަދު ވަގުތުކޮޅެކެވެ. ފުރިހަމަ ދިރާސާކުރި ކަމަށް ކޮމެޓީގެ މުގައްރިރު ވިދާޅުވެ އެވެ. އެކަމަކު އިދިކޮޅު މެންބަރުން ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް ވިދާޅުވީ، އެއްބަސްވުމަށް ރުހުންދޭން ފާސްކުރީ އެއްބަސްވުން ނުހޯދާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޓީއަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވަޑައިގަތް އެއްބަސްވުމުގެ ތަފްސީލީ މައުލޫމާތެއް ނުދެއްވާ ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅު ނިމުމާ އެކު މައްސަލައަށް ކޮމިޓީގައި ވޯޓަށް އަހާ މައްސަލަ ފާސްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން ވަނީ އެއްބަސްވުމުގައި ބައިވެރިވުމުން ރާއްޖެއަށް އެތައް ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި އިއްޔެއަކީ ތާރީހީ ނިންމުމެއް ނިމިގެން ދިޔަ ގޮތުގައި ސިފަކުރައްވާފަ އެވެ. ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާން ވިދާޅުވީ 300 އެތަށް ބާވަތެއްގެ މަހުން އުފައްދާ ބާވަތްތައް ޗައިނާގައި ވިއްކޭނެ ގޮތް މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި ޗައިނާގައި އޮފީސްތައް ހަދާ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އިތުރު ފުރުސަތު ލިބޭ ކަމަށެވެ. އަދި ޑިޕޮސިޓަކާ ނުލާ ވިޔަފާރިތަކަށް ވަދެވޭނެ ގޮތް ވެސް ހަމަޖެހިގެން ދާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

ނަމަވެސް އެ އެއްބަސްވުމުގައިވާ ކަންކަމުގައި ތަފްސީލް ނުހޯދައި، އެހާ އަވަސް އަވަހަށް އެކަން ފާސްކޮށްލުމުން ޝައްކުތައް އުފައްދާ ބޭފުޅުން ވަނީ ގިނަވެފަ އެވެ. މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، 1000 ސަފުހާގެ އެއްބަސްވުން އަވަސް އަރުވާލައިގެން ފާސްކޮށްފައިވަނީ މެންބަރުން އެއްބަސްވުމެއް ދައްކާލުމެއް ވެސް ނެތި ކަމަށެވެ. ކޮމެޓީގައި 10 މިނެޓް، ތަޅުމުގައި ވޯޓު ނެގުމަށް 10 މިނެޓް ކަމަށެވެ. އެއްވެސް ބަހުސެއް ނެތް ކަމަށާއި އެ ވޯޓުގެ ސައްހަކަމާއެކު ސީރިއަސް ސުވާލުތަކެއް ވެސް އުފެދިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މަޖިލިސް ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ޗައިނާއަށް ފާސްކޮށްދޭ ފްރީޓްރޭޑް އެގްރިމެންޓްއަކީ ކުދި ވިޔަފާރިތަކާ މަސް ކަނޑުތައް ހިސޯރުކޮށްލުމަށް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހަލާކުކޮށްލާ ސިޔާސީ އެޖެންޑާއެއް، 1000 ސަފުހާގެ އެގްރިމެންޓް ކޮމެޓީން ފާސްކޮށްލީ އެންމެ 10 މިނެޓުން،" ތިމަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވި އެވެ.

ވިލިނގިލީ ދާއިރާގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ސައުދު ހުސެއިން ވިދާޅުވީ، ގާނޫނު އަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލިސް ކޮށާއި ކުދިކޮށް ހިންގާ ޖަރީމާތައް ގާނޫނީ ހަމަތަކަށް ގެނެވޭނެ ކަމަށެވެ. ގާނޫނުތަކާ ހިލާފަށް މަޖިލީހުން ނިންމައި ނިންމުންތައް ތަންފީޒީ އިދާރާތަކުން ތަންފީޒުކުރުމަކީ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވުން ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ "ފްރީ ޓްރޭޑް އެގްރީމަންޓް ސަރުކާރުން ސިއްރުކޮށް، މަޖިލިސް މެންބަރުން ކިޔުމަށް ފުރުސަތު ނުދިނުމަކީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެކަން ބަލަންޖެހޭނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުންގެ ފާޑުކިޔުމާއި ޝައްކުތައް އަމާޒުވި ނަމަވެސް ތިން އަހަރު ދުވަހަށް ދިގުލައިގެން ދިޔަ މަޝްވަރާތަކުން އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ސަރުކާރުން އޮތީ ވަރަށް ޕޮޒިޓިވްކޮށެވެ. އިކޮނޮމިކް މިނިސްޓަރު މުހައްދު ސައީދު ވިދާޅުވީ، މިއީ ދުނިޔޭގައި ވެސް މިފަދަ ގޮތަކަށް ގާއިމްކުރާ ފުރަތަމަ އެއްބަސްވުމަށް ވެދާނެ ކަަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ އެއްބަަސްވުން ގާއިމް ކުރުމަކީ ރާއްޖޭގެ ވިޔަފާރިއަށް، ވަކީން ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެ އެއްބަސްވުން ގާއިމް ކުރާނީ ޗައިނާއަށް ވުރެ ބޮޑަށް ރާއްޖެއަށް ފައިދާ ކުރާނެ ގޮތަކަށް ކަަމަށެވެ.

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ރާއްޖޭން ފެށީ 2014 ވަނަ އަހަރުއެވެ. އެ މަޝްވަރާތައް ކުރުމަށް ދެގައުމުން މިހައިތަނަށް ހަތް ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މިނިސްޓަރު ސައީދު ވިދާޅުވީ އެފަދަ އެއްބަސްވުމެއް ގާއިމް ކުރަން ސަރުކާރުން މަސައްކަތް ފެށީ ކުޑަކޮށް ތަރައްގީވެފަައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެ، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ޑިއުޓީ ދައްކަން ޖެހުމުން ކަމަށެވެ.

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިންމާލީ ސެޕްޓެމްބަރު މަހު 15 އަދި 16 ގައި ޗައިނާގެ ބެއިޖިންގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކަކަށް ފަހުގަ އެވެ.