ފިނިޕޭޖް

"ޔޭ ހޭ މޮހައްބަތޭން" ގައި އިޝިތާގެ ރޯލު ނިމުމަކަށް؟

Dec 3, 2017
1

މިއީ ހަގީގަތެއް ނަމަ ޔަގީނުން ވެސް މިއީ ސްޓާ ޕްލަސްއިން ދައްކަމުން އަންނަ ޓީވީ ޑްރާމާ "ޔޭ ހޭ މޮހައްބަތޭން" ގެ ލީޑް ބަތަލާގެ ރޯލުން ފެނިގެންދާ ދިވްޔަންކާ ތްރިޕާތީގެ ފޭނުންނަށް ހިތާމަވެރި ހަބަރެކެވެ.

އިޝިތާގެ ރޯލު އެ ޑްރާމާގައި ކުޅެމުން އަންނަ ދިވްޔަންކާ ޝޯ ދޫކޮށްލަން ނިންމާފައިވާ ކަމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. ސްޓާޕްލަސްއިން މިހާރު ދައްކަމުން އަންނަ އެންމެ މަގުބޫލު އެ ޝޯ ދޫކޮށްލަން ދިވްޔަންކާ ނިންމާފައިވާތީ އެ ސީރީޒްގައި އޭނާ މަރުވާތަން ދެއްކުމަށް ފަހު ދެން ދިވްޔަންކާގެ ރޯލެއް ސީރީޒް އިން ނުފެންނާނެ ކަމަށްވެ އެވެ.

ދިވްޔަންކާ ޝޯ ދޫކޮށްލަން ނިންމި ސަބަބެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް އޭނާ ވަނީ ވަނީ އިޝީތާގެ ރޯލުން ފެނުނު ކޮންމެ ދުވަހަކީ އޭނާގެ ކެރިއަރުގައި އެތައް ތަޖުރިބާއެއް ލިބުނު ދުވަހެއް ކަމަށެވެ. އަދި "އިޝީމާ" ގެ ކެރެކްޓާ އިން ބެލުންތެރިންގެ ހިތުން ޖާގައެއް ލިބުމަކީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެެވެ.

މި ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު މިހާރު އަންނަނީ ލީޑް ބަތަލާގެ ރޯލު ކުޅޭނެ އެހެން ތަރިއަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ކޮން ތަރިއެއް ކަން ވަރަށް އަވަހަށް ޝޯގައި ފެނިގެންދާނެ އެވެ.

އެ ޝޯގެ ކްރިއޭޓިވް ޑިރެކްޓާ ސަންދީޕް ސިކްޗަންދް ވަނީ ދިވްޔަންކާ "ޔޭ ހޭ މޮހައްބަތޭން" ދޫކޮށްލަން އުޅޭ ވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ވަނީ އެ ޝޯ އަކީ އިޝިތާ އާއި ރަމަންގެ ވާހަކަ ފެނިގެންދާ ޝޯއެއް ކަމަށާއި ދިވްޔަންކާ ޝޯ ދޫކޮށްދާން ނޫޅޭ ކަމަށެވެ.

ޝޯތަކުގައި ލީޑް ރޯލުތައް ކުޅޭ ތަރިން ބަދަލުވާނަމަ އާންމުކޮށް ފެނިގެންދަނީ އެ ކެރެކްޓާތައް މަރުވެ އަލުން އެހެން ސިފައެއްގައި ދިރިގެން އަންނަ ތަނެވެ. ފަހަރުގައި އިޝިތާގެ ރޯލަށް ވެސް އެފަދަ ޓްވިސްޓެއް ގެންނަން ނިންމާފައިވަނީ އެވެ. ނުވަތަ ޝޯގެ ޓީއާރްޕީ މަތިކުރަން ޕްރޮޑިއުސަރު އެކްތާ އަރުވައިގެން އުޅޭ އަޑެކެވެ.

މަޝްހޫރު ޓީވީ ތަރިން ޝޯތައް ދޫކޮށްލާ ވާހަކަތައް ދޭތެރެ ދޭތެރެއިން އިވޭ އަޑުތަކެކެވެ.

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ މި ޝޯ އަކީ ހިންދީ ޓީވީ ސީރީޒްތަކުގެ ތެރެއިން އެންމެ ގިނަބައެއްގެ މެދުގައި މަގުބޫލު އެއް ޝޯ އެވެ.