ކޮންމެ އަހަރެއްގެ ވެސް ސަލްމާން ޚާންގެ އުފަންދުވަހާ ދިމާކޮށް އޭނާ ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކަތަކުގެ އަޑުގަދަވެ އެވެ.
ސަލްމާން މިހާތަނަށް ލޯބީގެ ގޮތުން މަޝްހޫރު އެތަކެއް ބަތަލާއިންނާ ގުޅިގެން އުޅުނު ނަމަވެސް އެ ހުރިހާ ގުޅުންތައް ވަނީ ކައިވެންޏާ ހަމައަށް ދިއުމުގެ ކުރިން ރޫޅިފަ އެވެ.
ޒާތީ ދިރިއުޅުމާއި ލޯބީގެ ހަޔާތުގެ ވާހަކަތައް މީޑިއާ ހިއްސާ ކުރަން ސަލްމާން އަބަދުވެސް ދެކޮޅު ހަދަ އެވެ. ނަމަވެސް ސަލްމާން ވަނީ ލޯބީގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.
ސަލްމާން ވަނީ ލޯބީގައި އޭނާ އަކީ ވަރަށް ނާކާމިޔާބު މީހެއް ކަމަށް ބުނެފަ އެވެ. ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުނުލެއް ގިނަ ކަމުން އެކަންތައް މިހާރު އާދަވެފައިވާ ކަމަށެވެ. އަދި ލޯބީގައި އެންމެ ނާކާމިޔާބުވާ މީހުންނަކީ ހަޔާތުގައި އެންމެ ކަމިޔާބުވާ މީހުން ކަމަށް ސަލްމާން ވަނީ ބުނެފަ އެވެ.
އޭނާ އިތުރަށް ވަނީ ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް އޭނާ އަކީ މަޝްހޫރު މީހަކަށް ވުމުން އެފަދަ ކޮންމެ ކަމަކުން ވެސް އޭނާ އަށް ސަޕޯޓަރުންގެ ފަރާތުން ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ.
"މާޔޫސްވުމުން މީހުންގެ ލޯތައް އެމީހަކަށް ހުއްޓޭލެއް ބޮޑުވާނެ. އަހަރެން ހަޔާތުގައި އައި އެންމެ ދަތި ދުވަސްތަކުގައި ގޭގެ ވޮޗްމޭން އާއި ކާރު ސާފު ކުރާ މީހާ މަސައްކަތްކުރާ ތަން ފެނި އަހަރެންގެ ހިތަށް އެރީ ހުރިހާ އުފަލެއް ލިބިވެސް ދިރިއުޅުން މަތިން މާޔޫވެގެން އުޅޭނީ އެއްވެސް ކަމަކާ މެދު ޝުކުރުވެރިނުވާ މީހުން،" ސަލްމާން ބުނެފައިވެ އެވެ.
ސަލްމާން ވަނީ އޭނާގެ ހަޔާތް އެހާ ފުރިހަމަވެފައި އުފާވެރީ އާއިލާ އާއި އޭނާގެ ސަޕޯޓަރުންގެ ފަރާތުން ލިބެމުން އަންނަ ލޯބީގެ ސަބަބުން ކަމަށެވެ.
ސަލްމާން ވަނީ މަޝްހޫރު ބަތަލާއިންގެ ތެރެއިން އައިޝްވާރިޔާ ރާއީ އާއި ސޯމީ އަދި ކެޓްރީނާ ކައިފްއާ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ.