ބޮލީވުޑް

ސަންޖޭގެ ފިލްމުގެ ބައެއް މަންޒަރުތައް ރަންބީރު އަލުން ނަގަނީ

Dec 4, 2017

މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމަކީ އަންނަ އަހަރުގައި ރިލީޒްކުރަން ހަމަޖެހިފައި ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަަބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެވެ.

"ޕީކޭ" ގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ފެށި ދުވަހުން ފެށިގެން ފިލްމުގެ ޝޫޓިންގެ ތެރޭގައި ރަންބީރު ހަރަކާތްތެރިވާ ފޮޓޯތައް އައީ އާންމުވަމުންނެވެ.

މި ފިލްމަކީ ރަންބީރުގެ ވަޅުޖެހިފައި އޮތް ކެރިއަރު އަލުން ކޮޅަށް ޖަހަން އޭނާ އަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ސަންޖޭގެ ފިލްމަށް ތައްޔާރުވާން ރަންބީރު ވަނީ ހަށިގަނޑަށް ވެސް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އަދި ސަންޖޭގެ ހަޔާތުގެ މުހިންމު ތިން އުމުރެއްގެ ރޯލުން ރަންބީރު ފެނިގެންދާނެ އެވެ.

ގާތްގަނޑަކަށް ޝޫޓިން ނިމިފައި އޮތް މި ފިލްމުގައި ނެގުނު ބައެއް މަންޒަރުތަކާ މެދު ރަންބީރު ހިތްހަމަނުޖެހޭތީ އޭނާ ވަނީ އަލުން އެ މަންޒަރުތައް ޝޫޓްކުރަން ހިރާނީ ކުރެން އެދިފަ އެވެ.

ރަންބީރުގެ ގާތްފަރާތަކުން ބުނެފައިވަނީ އަލުން ބައެއް މަންޒަރުތައް ނަގަން އޭނާ އެދިފައިވަނީ އެ މަންޒަރުތަކާ މެދު އެހާ ހިތްހަމަނުޖެހޭތީވެ އެވެ. އަދި އަލުން ޝޫޓްކޮށްފިނަމަ، އެ މަންޒަރުތައް ކުރިއަށް ވުރެން ފުރިހަމަކޮށް ކުޅެވިދާނެ ކަމަށް އޭނާ އަށް ފެންނާތީ ކަމަށެވެ.

ރަންބީރުގެ އެންމެފަހުން ނިކުތް ފިލްމު "ޖައްގާ ޖާސޫސް" ފްލޮޕްވެފައިވާތީ ސަންޖޭގެ ބައޮޕިކް ކާމިޔާބު ވާން އޭނާ ކޮންމެހެން ބޭނުންވެ އެވެ. އަދި އެ ފިލްމުގައި އޭނާގެ އެކްޓިން އެންމެ ފުރިހަމަ އަށް ދައްކަން ކޮންމެ ކަމެއް ކުރަން ވެސް އޭނާ ހުރީ ތައްޔާރަށެވެ.

ސަންޖޫގެ ނަމުން ނަން ދީފައިވާ ކަމަށް ބުނާ މި ފިލްމުގައި ފެނިގެންދާނީ ފިލްމީ ތަރިއެއްގެ ގޮތުގައި ސަންޖޭ ވިދައިގެން އައި ދުވަސްވަރު މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުން ހަލާކުވެގެން ދިޔަ ގޮތާއި މަނާ ހަތިޔާރެއް އަތުގައި ބާއްވައިގެން ޖަލަށްލާން ޖެހުނު މައްސަލަ އެވެ. އަދި އޭނާގެ ތިން ކައިވެނީ ވާހަކަ ވެސް ފިލްމުގައި ފެނިގެންދާނެ އެވެ.

ސަންޖޭގެ މިހާރުގެ އަންހެނުން މާނިޔަތާ ރޯލުން ފެނިގެންދާނީ ދީއާ މިރްޒާ އެވެ. އަދި މަންމަ އާއި ބައްޕަގެ ރޯލުން ފެނިގެންދާނީ މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލް އެވެ.

އަންނަ މާޗް މަހުގެ 30 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅުނު ބައެއް ބަތާލއިންގެ ރޯލުން އަނުޝްކާ ޝަރްމާ އާއި ސޯނަމް ކަޕޫރު ފެނިގެންދާނެ އެވެ.