- އެވޯޑު ލިބިވަޑައިގަތީ ގްލޯބަލް ބައިން
- ޕެރަޑައިސްއަށް ވެސް ދެ އެވޯޑެއް ލިބުނު
- މިއީ ޓޫރިޒަމްގެ އެންމެ ބޮޑު އެއް އެވޯޑު
ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ މަގާމު، ވިލާ ހޮޓެލްސްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް އަށް ލިބި ވަޑައިގެންފި އެވެ.
ވިލާ އިން ހިންގާ، ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޖީއެމްގެ މަގާމުގައި ކުރިން ހުންނެވި، ގައިސަރަށް "ބެސްޓް ޖެނެރަލް މެނޭޖަރު، ގްލޯބަލް-ވިނާ" އެވޯޑު ދީފައިވަނީ ސުވިޒަލޭންޑުގައި ރޭ ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.
ފުވައްމުލަކަށް އުފަން ގައިސަރަށް މި އެވޯޑު ލިބިވަޑައިގެންފައި ވަނީ ދުނިޔޭގެ އެކި ބައްރުތަކުގައި މަސައްކަތް ކުރާ ބޮޑެތި، ހޮޓެލް ބްރޭންޑްތަކުގެ ޖީއެމްއިންނާ ވާދަ ކުރައްވައިގެންނެވެ. މި އަހަރު ގްލޯބަލް ކެޓަގަރީގެ އެވޯޑު ގައިސަރަށް ލިބިވަޑައިގެންނެވި އިރު މިދިޔަ އަހަރު އޭނާއަށް ވަނީ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑުގެ އިންޑިއަން އޯޝަން ބައިގެ އެންމެ މޮޅު ޖީއެމްގެ އެވޯޑު ވެސް ލިބިވަޑައިގެންފައެވެ.
"ލަގްޒަރީ ހޮޓެލް އެވޯޑު، ބެސްޓް ޖީއެމް ގްލޯބަލް" އެވޯޑު ލިބުމާ ގުޅިގެން، ގައިސަރު "އަވަސް" އަށް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"ކޮންޓިނެންޓްތަކުގެ ހޮޓެލްސްތަކާ ވާދަކޮށް މި ފަދަ އެވޯޑެއް ލިބުމަކީ ރާއްޖެ އަށް ލިބިގެން ދިޔަ ޝަރަފެއް، މި ޝަރަފުގެ ހައްގުވެރީންނަކީ ދިވެހިން، ދިވެހި ރާއްޖެ،" ގައިސަރު ވިދާޅުވި އެވެ.
ކޮންޓިނެންޓްތަކުގެ ހޮޓެލްތަކާ ވާދަކޮށް މިފަދަ އެވޯޑެއް ލިބުމަކީ ރާއްޖެ އަށް ލިބިގެން ދިޔަ ޝަރަފެއް.ވިލާ ގްރޫޕުގެ ޖެނެރަލް މެނޭޖަރު، ގައިސަރު ނަސީމް
ގައިސަރުގެ އިތުރުން، ޕެރަޑައިސް އައިލެންޑް ރިސޯޓަށް ވެސް ވަނީ ދެ އެވޯޑެއް ލިބިފަ އެވެ. އެ ރިސޯޓަށް ލިބިފައިވަނީ އިންޑިޔާ ކަނޑުގެ އެންމެ ފުރިހަމަ ލަގްޒަރީ ބީޗް ރިސޯޓުގެ އެވޯޑާއި ގްލޯބަލް ކެޓަގަރީ އިން ލިބުނު ލަގްޒަރީ މޫދު ވިލާ އެވޯޑެވެ.
ގައިސަރު ޓޫރިޒަމް ދާއިރާ އަށް ނުކުންނެވީ ވަރަށް ހަގު އުމުރެއްގަ އެވެ. އެންމެ އާދައިގެ ވަޒީފާތައް ރިސޯޓުގައި ފުރުއްވުމަށްފަހު، ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާ އިން އޭނާ ވަނީ ކިޔަވާ ވިދާޅުވެފަ އެވެ. އެގޮތުން ކޭމްބްރިޖް ޔުނިވާސިޓީގެ ހޮޓެލް އޮޕަރޭޝަންސް އެންޑް މެނޭޖުމަންޓުން ޑިޕްލޮމާއާއި މެލޭޝިޔާގެ ޓެއިލާސް ޔުނިވާސިޓީ އިން ފުރަތަމަ ޑިގްރީގެ އިތުރުން ފްރާންސުގައި ވެސް އޭނާ އެ ދާއިރާއިން ކިޔާ ވިދާޅުވެފައި ވެއެވެ. އަދި އޭގެ ފަހުން އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ޔުނިވާސިޓީ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވެ އެވެ. މަތީ ތައުލީމަށް ކިޔަވައި ވިދާޅުވީ ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމްގެ އެހީތެރިކަމާއެކުގަ އެވެ.