ބޮލީވުޑް

ކާޖޮލް ދުވަހަކު ވެސް ޝޫޓިން ކެންސަލެއް ނުކުރޭ

Dec 5, 2017

ގިނަބަޔަކަށް ބަތަލާ ކާޖޮލް ކަމުދަނީ އޭނާގެ ސާދާ ކަމާއި ސަކަ މިޒާޖުގެ ސަބަބުންނެވެ. ކާޖޮލް ފިލްމު ކުޅޭތާ 25 އަހަރުވެފައިވާއިރު، އެ މުއްދަތުގައި ހަނގު ދަރިފުޅު ޔުގް ވިހައިގެން ވަނީ ފިލްމު ކުޅުމާ ގާތްގަނޑަކަށް ފަސް އަހަރަށް ވުރެން ގިނަ ދުވަހުގެ ބްރޭކެއް ނަގާފަ އެވެ.

އަލުން ފިލްމު ކުޅެން ފަށާފައިވާ ކާޖޮލްގެ 25 އަހަރުގެ ފިލްމީ ކެރިއަރުގައި ދުވަހަކު ވެސް އޭނާ ފިލްމުގެ ޝޫޓިންއެއް ކެންސަލެއް ނުކުރެ އެވެ.

ބައެއް ތަރިން އެއްވެސް އުޒުރެއްނެތި ޝޫޓިން ކެންސަލްކުރާ އިރު ގިނަ އެހެން ތަރިންނަކީ ލަހުން ޝޫޓިން ތަކަށްދާ ކަމުގެ އަޑުތައް އަރާފައިވާ ތަރިންނެވެ. ނަމަވެސް މަޝްހޫރު ތަރިންގެ ތެރެއިން ކާޖޮލް އަކީ ލާމަސީލު ނަމޫނާ ތަރިއެކެވެ.

ދުވަހަކު ވެސް ކާޖޮލް ޝޫޓިން ކެންސަލެއް ނުކުރެ އެވެ. އޭނާ ދެކޭ ގޮތުގައި މަގުބޫލު އުޒުރެއް ނެތި ޝޫޓިން ކެންސަލްކުރާ ކޮންމެ ދުވަހަކަށް ޕްރޮޑިއުސަރުންގެ އަތުން އެތަކެއް ލައްޕަ ރީޕީޒްގެ މާލީ ގެއްލުމާ ކުރިމަތިވެ އެވެ.

ބޮލީވުޑްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކާޖޮލް ވަނީ ބަލިވެގެން ނުވަތަ އެހެން ވެސް އުޒުރެއް ދިމާވެގެން ޝޫޓިންއެއް ކެންސަލްކޮށްފިނަމަ އެއީ އެހެން މީހެއްގެ ޖީބުން ގެއްލިގެން ވަރަށް ބައިވަރު ފައިސާ ކަމަށާއި އެއީ ކޮންމެ ތަރިއެއްގެ ބޮލުގައި ވެސް އެޅިފައި އޮންނަ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

"އަހަރެން 25 އަހަރުގެ ފިލްމީ ކެރިއަރުގައި އެންމެ ދުވަހަކު ވެސް ޝޫޓިން ކެންސަލްކޮށްފައި ނޯންނާނެ. އެހެން ވަރަށް ތެދުވެރިކަމާ އެކު ބުނެވޭނެ. ދުވަހަކު ވެސް ފްލައިޓެއް ވެސް އަދި ޝޫޓިންއެއް ވެސް ކެންސަލެއް ނުކުރަން،" ކާޖޮލް ބުނެފައިވެ އެވެ.

އުމުރުން 43 އަހަރުގެ ކާޖޮލް ހަނދާންވާ ގޮތުގައި އޭނާ ޝޫޓިން އަކަށް ނުދެވުނީ އެންމެ ފަހަރަކު އެވެ. އެއީ ދޮށީ ދަރިފުޅު ނައިސާ ވަރަށް ހުންގަދަވެ ބަލިވުމުންނެވެ. އެ ދުވަހު ކާޖޮލް ޗުއްޓީއެއް ނެގީ ޕްރޮޑިއުސަރުންނަށް ޝޫޓިން އަށް ދެވެން ނެތް ވާހަކަ ކުރިއާލާ ބުނުމަށްފަހު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ނަމަވެސް ދުވަހަކު ވެސް އޭނާ ބަލިވެގެން ޝޫޓިން އަށް ނުގޮސް ނުހުރެ އެވެ.

ކާޖޮލް ވަނީ ތަރިންގެ ސިއްހަތަށް ގިނަ ވަގުތު މަަސައްކަތް ކުރަން ޖެހުމުންނާއި ގަޑިން ގަޑިއަށް ނުކެވުމުން އަދި ހަމަ ނިދި ނުލިބުމުން އަސަރު ކުރާ ކަމަށެވެ. އަދި އަބަދުވެސް ރީތިކޮށް ހެދުން އެޅުމާއި ރީތިކޮށް ތިބުމަށް ތަރިންނަށް ބޮޑު ޕްރެޝަރެއް އޮންނަ ކަމަށެވެ.

"ކަބީ ހުޝީ ކަބީ ޣަމް" އާއި "ދިލްވާލޭ ދުލްހަނިޔާ ލޭޖާ އެނގޭ" އާއި "ކުޗް ކުޗް ހޯތާހޭ" އަދި "ދިލްވާލޭ" އާއި "މައި ނޭމް އިޒް ޚާން" އަކީ ކާޖޮލްގެ ކެރިއަރުގައި ކުޅެފައިވާ ބައެއް ކާމިޔާބު ފިލްމުތަކެވެ.