ބޮލީވުޑް

ބޫމީ ފިލްމަށް ތައްޔާރުވާ ގޮތް މިފަހަރު މާ ތަފާތު

ބޮލީވުޑްގެ އެހެން ބަތަލާއިންނާ ހިލާފަށް ބޫމީ ޕެޑްނޭރްކަރް ބޮލީވުޑަށް ނިކުތީ ލޫޅާފަތި ހަށިގަނޑަކާ އެކު އެއް ނޫނެވެ. "ދަމް ލަގާކޭ ހައިޝާ" ގައި ބޫމީ ފެނިގެންދިޔައީ އޭނާ މިހާރު ހުރި ވަރަށް ވުރެން ތިން ގުނަ ފަލަކޮށެވެ. އެ ފިލްމުގައި ބޫމީ ފެނިގެން ދިޔައީ ވެސް ވަރަށް ސާދާ ރަށްފުށު މީހެއްގެ ރޯލުންނެވެ.

އޭގެފަހުން ނިކުތް ބޫމީގެ ދެ ފިލްމުގައި ވެސް އޭނާ ކުޅެފައިވަނީ ރަށްފުށު އަންހެން ކުއްޖެއްގެ ރޯލެވެ.

ދެން ވެސް ބޫމީ ފެނިގެންދާނީ ހަމަ އެކަހަލަ ސާދާ އަންހެނެއްގެ ރޯލުންނެވެ. ރަށްފުށު ސަރަހައްދެއްގައި ޝޫޓްކުރާ "ސޮނޭ ޗިރައްޔާ" އަކީ އަބީޝެކް ޗޮއުބޭ ޑައިރެކްޓްކުރާ ފިލްމެކެވެ.

މި ފިލްމުގައި ބޫމީ އާއެކު ފެނިގެންދާނީ ސުޝާންތް ސިންގް ރާޖްޕުތެވެ.

ވަރަށް ފަގީރު ރަށްފުށު ސަރަހައްދެއްގައި 1970 ވަނަ އަހަރު ހިނގި ހާދިސާއެއްގެ މައްޗަށް އުފައްދާ މި ފިލްމަށް ތައްޔާރުވާން ޖިމަށް ގޮސް ހަށިގަނޑު ވަރުގަދަކުރުމުގެ ބަދަލުގައި ބޫމީ ފިލްމަށް ތައްޔާރުވާނީ ދަނޑުގޮވާން ކުރާ ދަނޑުތަކުގައި ހުސް ފަޔާ ބޮލަށް ފެން މަށިތައް އަރުވައިގެން ގަދަ އަވީގައި ހިނގައިގެންނެވެ. އަދި ރަށްފުށު އަންހެނެއްގެ ރޯލު އެންމެ ފުރިހަމަ އަށް ކުޅެން ބޫމީ އަންނަނީ ގޭތެރެ ފޮޅައި ސާފުކުރުމާއި ކައްކަން ދަސްކޮށް ދަނޑު ގޮވާންކުރާ މީހުން ކޮށް އުޅޭ މަސައްކަތްތައް ދަސްކުރުން ވެސް ހިމެނެ އެވެ.

މި ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވަނީ ފިލްމަށް ތައްޔާރުވާން ބުމީ ރަށްފުށުގައި ޓްރެއިނިން ހަދަން ނިންމުމަކީ ޑައިރެކްޓަރު އަބީޝެކްގެ ނިންމުމެކެވެ.

ބޫމީ ޓްރެއިންނިންތައް ފަށައިގެން ކުރިއަށް އަންނައިރު ސުޝާންތް މި ފިލްމަށް ތައްޔާރުވާން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއްނުވެ އެވެ.

ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ތެރޭގަ އެވެ.

ބޫމީގެ ދެ ފިލްމެއް މިއަހަރު ވަނީ ރިލީޒްވެފަ އެވެ. އެއީ އަކްޝޭ ކުމާރާ އެކު ކުޅުނު "ޓޮއިލެޓް" އާއި އާޔުޝްމާން ކުރާނާ އާއެކު ކުޅުނު "ޝުބް މަންގަލް ސާވްދާން" އެވެ.