ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކުރަން އުޅޭ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަކީ އިންޑިއާއިންް އެކަމާ މެދު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި އިންޑިއާއިން އެކަން ހުއްޓުވަން އުޅުނަސް އެކަން ނުހުއްޓުވޭނެ ކަމަށް ޗައިނާއިން ބުނެފި އެވެ.
ޗައިނާ ސަރުކާރުން ބައިނަލް އަގުވާމީ މުޖުތަމައަށް ދޭން ބޭނުންވާ ގިނަ މެސެޖްތައް އޮޕީނިއަންގެ ގޮތުގައި ބައިނަލް އަގުވާމީ މުޖުތަމައަށް ގެނެސްދޭ، އެގައުމުގެ ސަރުކާރުގެ ނޫސް ' ގްލޯބަލް ޓައިމްސް' އިން އިއްޔެ ބުނީ އެފްޓީއޭއަކީ އެއްވެސް އެހެން ގައުމަކަށް އަމާޒުކޮށްގެން ސޮއިކުރަން އުޅޭ އެއްބަސްވުމެއް ނޫން ކަމަށެވެ.
"... އެެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އިގުތިސާދީ އެއްބާރުލުމަކީ ތިންވަނަ ގައުމަކަށް ޓާގެޓްކޮށްގެން ކުރާ ކަމެއް ނޫން ކަމެވެ. އިންޑިއާވެސް ހިމެނޭ ގޮތުންނެވެ،" އެފްޓީއޭ އާ މެދު އިންޑިއާއިން ކަންބޮޑުވާކަން، އެކަމާ ބެހޭ ގޮތުން އިންޑިއާގެ ނޫސްތަކުގައި ލިޔެފައިވާ ލިއުންތަކުން އެނގޭ ކަން ފާހަގަކޮށް، ގްލޯބަލް ޓައިމްސްގެ ލިއުމުގައި ބުނެފައި ވެއެވެ.
ވަކިން ހާއްސަކޮށް ރާއްޖެއާ އެކު ގާއިމް ކުރާ އެެއްބަަސްވުމާ މެދު އިންްޑިއާއިން ކަންބޮޑުވާން ނުޖެހޭކަމަށް ޗައިނާއިން ގަބޫލުކުރާ ބައެއް ސަބަބުތައް ވެސް ލިއުމުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ފާހަގަކޮށްފައިވާ އެއް ކަމަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޗަައިނާއާ އެކު އެއްބަސްވުން ގާއިމް ކުރަން ބޭނުންވެގެން އުޅޭ ހަމަ އެކަނި ގައުމަކީ ރާއްޖެ ކަމަށް ނުވުމެވެ. ދެވަނަ ސަބަބެއް ކަމަށް ބުނެފައި ވަނީ އެ އެއްބަސްވުމަކީ ހަމަ އެކަނި ވިޔަފާރީގެ އެއްބަސްވުމެއް ކަމަށާއި އެއީ ސިޔާސީ ކަމެއް ނޫން ކަމަށެވެ.
ގްލޯބަލް ޓައިމްސްގެ ލިއުމުގައި އިންޑިއާއަށް ވަރަށް ބޮޑަށް ގޮންވެސް ޖަހާފައި ވެއެވެ.
" ނިއުދިއްލީގެ ނުފޫޒު ދިވެހިރާއްޖޭގެ މައްޗަށް ކޮންމެވެސް ވަރަކަށް އޮތަސް، ޖަޒީރާ ގައުމު، އެގައުމަށް އެންމެ ގިނައިން ޓޫރިސްޓުން ފޮނުވާ ގައުމާ އެކު އެއްބަސްވުމުގައި ސޮއިކުރިޔަ ނުދޭން އުޅޭ ނަމަ، ހާސްވުން ފިޔަވައި އިތުުރު ކަމެއް އިންޑިއާއަކަށް ނުކުރެވޭނެއެވެ،" ގްލޯބަލް ޓައިމްސްގެ ލިއުމުގައި ވެއެވެ.
ޗައިނާ ސަރުކާރުގެ ގްލޯބަލް ޓައިމްސް ނޫހުގައި ޝާއިއު ކުރާ ހިޔާލުތަކަކީ އެގައުމުގެ ސަރުކާރުން ބުނާ ބަހުގެ ގޮތުގައި ބައިނަލް އަގުވާމީ މީޑިއާއިން ކުރިއްސުރެ ބަލައިގަނެ އެވެ. އަދި އެކަމަކާ ޗައިނާ ސަރުކާރުންް އިންކާރެއް ވެސް ނުކުރެއެވެ.
އެފްޓީއޭގައި ޗައިނާއާ އެކު ސޮއިކުރަން މިދިޔަ ހަފްތާ ކެބިނެޓުން ނިންމާ ހަމަ އެ ދުވަހު މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވާ އަވަސް އަރުވާލައިގެން އެ އެގްރިމަންޓްގައި ސޮއި ކުރަން ވަނީ މަޖިލީހުން ރުހުން ދީފަ އެވެ. އެ އެއްބަސްވުމަށް ރުހުން ދިނުމުގެ ކަންކަން ދިޔަ ގޮތާއި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނުބައި އަަސަރުތަކެއް ކޮށްފާނެތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އެކަމާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުން އެވެ.
އެހެން ނަމަވެސް ސަރުކާރުން ބުނަމުން ދަނީ އެ އެެއްބަސްވުމުގެ ސަބަބުން ދިވެހި މަސް ޗައިނާ މާކެޓަށް އެކްސްޕޯޓް ކުރަން ފަސޭހަވެ ދިވެހި މަސްވެރިންނަށް ފުރުސަތުތައް ހުޅުވޭނެ ކަމަށެވެ. މީގެ އިތުރަށް އިތުރު ބޭންކްތައް ރާއްޖެ ގެންނަން އެހީއަކަށް . ވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކަނީ ހޮވި ވާހަކަ ކަމަށް ސަރުކާރުން ބުނެ އެވެ.