ރިޕޯޓް

ހިޔާ މަޝްރޫއު: "ގޯސްޓް" މަޝްރޫއަކަށްވުން ކައިރި!

ސަރުކާރު ބޯހިޔާވަހިކަމުގެ ވައުދު "ހިޔާ" ގައި ސަރުކާރު ކުންފުނިތައް މިވަނީ އަތުގުޅާލާފަ އެވެ. ވައުދެއް ފުއްދަން އިސްނަގާފަ އެވެ. މިއާއެކު ފެނިގެން މިދަނީ ސަރުކާރު ގިނަ ކުންފުނިތަކުން ފްލެޓު އަޅަން ނިންމައި، ފްލެޓު އަޅައިދޭނެ ފަރާތްތަކެއް ހޯދަން ފުލުފުލުގައި އިއުލާނު ކުރާ ތަނެވެ. ސަރުކާރު ކުންފުނިތަކުން ފްލެޓު އަޅަން އިއުލާނު ކުރުމާއެކު، ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެނެވެ. އެއް ސުވާލަކީ ސަރުކާރު ކުންފުނިތަކަށް ފްލެޓް އެޅިދާނެ ހެއްޔެވެ؟ ފްލެޓް އެޅޭނެ ނަމަ، އެކަން ކުރެވޭނެ ފޯމިއުލާއަކީ ކޮބައި ހެއްޔެވެ؟ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ބަލި ކަމަށް އެމަނިކުފާނު ވެސް އެބަސްވެ ވަޑައިގެންފައިވަނީ ބޯހިޔާވަހިކަމަށް ގޮތެއް ހޯދައި ދިނުމެވެ. ސުވާލަކީ ދައުރުގެ މިހާ ހިސާބުން ފަށާ މިވަރުގެ ބޮޑު މަޝްރޫއެއް "ގޯސްޓް" މަޝްރޫއަކަށް ނުވެސް ސަލާމަތް ވެވިދާނެ ހެއްޔެވެ؟ ގޯސްޓް މަޝްރޫއަކީ ފަށާ އިރު މަންޒަރު ބޮޑުވެފައި ނިމޭއިރު މާ ބޮޑަށް ކާމިޔާބު ނުވެ އޮންނަ ބޮޑެތި ބިޔަ މަޝްރޫއުތަކެވެ.

"ކުންފުނިތަކަށް މިއީ ކުރެވޭނެ ކަމެއް. އެކަމަކު ކުރަން އެނގިގެން. މި މަޝްރޫއަށް ފައިސާ ހޯދޭނެ ގޮތްތައް ވެސް އެބަހުރި. އެކަމަކު ސުވާލަކީ މިކަން ކުރެވޭނީ ކިތަށް ކުންފުންޏަށް ތޯ؟،" ސަރުކާރު ކުންފުންޏެއްގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ވަނީ 15 ބުރިއަށް ވުރެ އުސް ޓަވަރު ތަކެއް އަޅަން ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އަދި އެ ކުންފުނިތަކުން ވަނީ ފްލެޓު އަޅައި ދޭނެ ކުންފުނިތައް ހޯދަން އިއުލާނުކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 62 ޓަވަރު އަޅާއިރު ފްލެޓުތަކުގެ ޖުމްލަ އަދަދު 15،000 އަށް އަރާނެ އެވެ. އަދި މި ޓަވަރުތައް ނިންމުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ނިޔަލެވެ.

ކުންފުނިތަކަށް މިއީ ކުރެވޭނެ ކަމެއް. އެކަމަކު ކުރަން އެނގިގެން. މި މަޝްރޫއަށް ފައިސާ ހޯދޭނެ ގޮތްތައް ވެސް އެބަހުރި. އެކަމަކު ސުވާލަކީ މިކަން ކުރެވޭނީ ކިތަށް ކުންފުންޏަށް ތޯ؟
ކުންފުންޏެއްގެ ކުރީގެ އެމްޑީއެއް

މިހާތަނަށް ފްލެޓް އަޅަން އިއުލާނުކޮށްފައިވާ ކުންފުނިތައް

  • ވެމްކޯ އިން 15 ބުރީގެ ޓަވަރެއް
  • ސްޓެލްކޯ އިން 15 ބުރީގެ ދެ ޓަވަރު
  • ކަސްޓަމްސް އިން 15 ބުރީގެ ހަތަރު ޓަވަރު
  • އައިލެންޑް އޭވިއޭޝަން 15 ބުރީގެ ތިން ޓަވަރު
  • އެމްޓީސީސީ އިން 15 ބުރީގެ ދެ ޓަވަރު
  • ވެމްކޯ އިން 15 ބުރީގެ ޓަވަރެއް
  • އެމްއާރްޑީސީ 15 ބުރީގެ ޓަވަރެއް

ސަރުކާރު ކުންފުނިތަކުން ފްލެޓު އަޅަން ހަވާލު ކުރުމުން ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އެންމެ ބޮޑު އެއް ސުވާލު އުފެދެނީ ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ދަށް ކަމުންނެވެ. ކުންފުނިތަކުން ކިރިޔާ ބޭނުންތައް ފުއްދައިލައިގެން އުޅޭއިރު ޓަވަރުތަކެއް އެޅިދާނެތޯ ގިނަ މީހުން ސުވާލު އުފެއްދަ އެވެ.

އެފަދަ ކަމަކަށް ބޭނުންވާ ފައިސާ ކުންފުނިތަކުން ހޯދާނީ ކިހިނެއް ހެއްޔެވެ؟ ކުންފުނީގެ ތެރެއިން ހެއްޔެވެ؟ މި ފައިސާ ހޯދާނީ ރާއްޖޭގެ ބޭންކްތަކުން ހެއްޔެވެ؟ ނުވަތަ ރާއްޖެއިން ބޭރުން ހެއްޔެވެ؟

ޓަވަރަކަށް 68 މިލިއަން ޑޮލަރު

މިހާ ހިސާބުން ބަލައިލަން ޖެހެނީ ގާތްގަނޑަކަށް 10،000 އާއި 12،000 އަކަފޫޓުގެ ބިމެއްގައި ސޯޝަލް ހައުސިންގެ މިންގަނޑަށް ފްލެޓެއް އެޅޭނެ އަގާއި، މީގެ މާކެޓު ވެލިއު އަށެވެ.

މިހާރު އިމާރާތް ކުރުމުގެ ސާމާނާއި ލޭބަ ކޯސްޓް އަދި އެހެނިހެން ހަރަދުތައް ކަނޑާފައި، މާބޮޑު ފައިދާއެއް ނުލާނަމަ ފްލެޓެއް ވިއްކޭނެ އަގަކީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ އެވެ. މި އަގުގައި ބަލާނަމަ މީގެ ޓަވަރެއް އަޅަން އަޅަން ގާތްގަނޑަކަށް 21 މިލިއަން ޑޮލަރު ހަރަދު ވާނެ އެވެ. އަދި މި އަގަށް ފައިދާ އާއި އެހެނިހެން ހަރަދުތައް ހިމަނައިފިނަމަ ޓަވަރެއްގެ އަގު 68 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 330 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

ސުވާލަކީ މީގެ ކޮންމެ ޓަވަރަކަށް ގާތްގަނޑަކަށް 300 މިލިއަނެއްހާ ރުފިޔާ ހޭދަވާއިރު، މި ފައިސާ ދެވޭނެ ގާބިލްކަން ރާއްޖޭގެ ބޭންކްތަކުގައި އެބަހުރި ބާވައެވެ؟ އަދި މި ފްލެޓުތައް ކަނޑައަޅާ ސުންގަނޑިއަށް ނިންމޭނީ ރާއްޖޭގެ ކިތައް ކުންފުންޏަށް ހެއްޔެވެ؟

"ހިޔާ" މަޝްރޫއު ރާވާފައިވަނީ މި މަޝްރޫއުގެ ދަށުން ތަަރައްގީ ކުރާ ފްލެޓުތަކުގެ ހަތަރު ފްލޯ ސަރުކާރަށް ނަގާ ގޮތަށެވެ. އޭގެ މާނައަކީ މި ހަތަރު ފްލޯ ހާއްސަވާނީ އެތަނެއް އަޅަން ހަވާލުވާ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭށެވެ. ބާކީހުރި ފްލޯތައް ދެނީ ދިގު މުއްދަތަށް ބަހާލައިގެން ނުވަތަ ވަގުތުން ފައިސާ ދައްކާ އުސޫލުން ފްލެޓް ބޭނުންވާ ފަރާތްތަކަށެވެ.

ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައި

ސަރުކާރުން މީގެ ކުރިން ވެސް ވަނީ ހުޅުމާލޭގައި ހިންގި ބައެއް މަޝްރޫއުތަކަށް ސޮވެރިން ގެރެންޓީ ދީފަ އެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވެސް ގެރެންޓީ ޔަގީންކޮށް ދީފައިވެ އެވެ. މިގޮތުން ފުރަތަމަ ގެރެންޓީ ދީފައިވަނީ ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީއިން) ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ނެގި 34.3 މިލިއަން ޑޮލަރުގެ ލޯނަކަށެވެ. އަދި އޭގެ ފަހުން ތުރުކީގެ ކުންފުންޏަށް ވެސް ދިން އިރު 7000 ފްލެޓް އަޅަން ޗައިނާގެ ކުންފުންޏަށް ވެސް 369 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ދިނެވެ. އެހެންކަމުން މި ޓަވަރުތަކުގެ މަޝްރޫއު ވެސް ހިނގޭނީ މިގޮތަށް ސޮވެރިން ގެރެންޓީ ދީގެނެވެ.

ކުރިން ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ބޭންކްތަކުން 15 ޕަސެންޓުގައި ލޯނު ދޭއިރު، ރާއްޖޭން ބޭރުން ވެސް ފައިނޭންސް ހޯދިދާނެ އެވެ.

"މި މަޝްރޫއުގެ ތަފާތަކީ ސަރުކާރުން ދީފައިވާ ސޮވެރިން ގެރެންޓީ. އެހެންވެ، ކޮންޓްރެކްޓާ ފައިނޭންސިން މެތަޑަށް ވެސް ދެވިދާނެ. ކޮންޓްރެކްޓަރު ކައިރި ބުނަންވާނެ މިއޮތީއޭ ތަން. މި ތަން ދައްކާފަ ލޯނު ނަގައިގެން ހަދާށޭ. މިގޮތަށް ހެދޭނެ،" އޭގެ ތެރެއިން ރައީސް މައުމޫނު ސަރުކާރުގެ ވަޒީރަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ފްލެޓްތައް 2018 އަށް ނިމޭނެތަ؟

ހަގީގީ ސުވާލަކީ މިއީ އެވެ. މި މަޝްރޫއު ބައްޓަން ކޮށްފައިވަނީ ސީދާ އަންނަ ރިޔާސީ އިންތިހާބަށެވެ. އެހެންވެ ހަގީގަތުގައި މި މަޝްރޫއުގެ ކާމިޔާބު ބިނާވެފައިވަނީ މަސައްކަތް ދާނެ ހަލުވި މިނެއްގެ މައްޗަށެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރު ފަރާތްތަކުން ބުނާ ގޮތުގައި 18 މަހުން ފްލެޓެއް ނިންމުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެކަން ކުރާނަމަ ކުރެވޭނީ ފުރިހަމައަށް ރަނގަޅަށް ޕްލޭންކޮށްގެނެވެ. އެކަން ނުކުރެވި ރަނގަޅަށް ފޯކަސް ވެސް ނުކުރެވިއްޖެނަމަ ކައިރީ މުޅީން ފުރިހަމަ ނޫން "ގޯސްޓް" ނުވަތަ ފެއިލް މަޝްރޫއަކާ އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރައްވާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) ގެ ރައީސްކަން ގިނަ އަހަރުތަކެއްގައި ކުރައްވާފައިވާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވި މި ފްލެޓުތައް ސުންގަޑި އަށް ނިންމަން ގިނަ މަސައްކަތް ތަކެއް ކުރަން ސަރުކާރަށް ޖެހޭނެ އެވެ.

"މީގެ ޓަވަރެއް ބަރާބަރަށް ނިންމޭނީ ސައިޓްގެ މަސައްކަތް ފަށާތާ 18 މަސް ދުވަހުން. މިކަމުގައި އޮންނާނެ އެއް ޗެލެންޖަކީ މޭން ޕަވާ އާއި ލޮޖިސްޓިކްސް. މުދާ ގެނެސް ކްލިއަކުރުން ވަރަށް ޓައިމްލީކޮށް ކުރަން ޖެހޭނެ. މި ހުރިހާކަމެއް ގުޅިފައި އޮންނާނީ ރޭވުންތެރިކަމާއެކު ކުރިއަށް ގެންދެވިގެން. މެނޭޖުމަންޓުގެ ބައި މިކަމުގައި ވަރަށް ރަނގަޅު ކުރަން ޖެހޭނެ. މިގޮތަށް ގެންގޮސްގެން ބަރާ ބަރަށް ނިންމާލެވޭނެ،" ހޮޓެލްސް އެންޑް ރިޒޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ވެސް ޗެއާމަންކަން ވެސް ކުރައްވާ ޖަނާ ވިދާޅުވި އެވެ.

މީގެ ޓަވަރެއް ބަރާބަރަށް ނިންމޭނީ 18 މަސް ދުވަހުން ސައިޓުގެ މަސައްކަތް ފަށާތާ. މިކަމުގައި އޮންނާނެ އެއް ޗެލެންޖަކީ މޭން ޕަވާ. ލޮޖިސްޓިންސް. މުދާ ގެނެސް ކްލިއަކުރުން ވަރަށް ޓައިމްލީކޮށް ކުރަން ޖެހޭނެ. މި ހުރިހާކަމެއް ގުޅިފައި އޮންނާނީ ރޭވުންތެރިކަމާއެކު ކުރިއަށް ގެންދެވިގެން. މެނޭޖުމަންޓުގެ ބައި މިކަމުގައި ވަރަށް ރަނގަޅު ކުރަން ޖެހޭނެ. މިގޮތަށް ގޮސްގެން ބަރާ ބަރަށް ނިންމާލެވޭނެ
އެޗްއާރުސީ ގެ ޗެއާމަން ޖަނާހު

އޭނާ ވިދާޅުވި ގޮތުގައި 14 ބުރީގެ އިމާރާތެއް އަޅަން މައިކްރޯ ޕައިލިން ފަދަ މަސައްކަތް ކުރަން ނުޖެހޭނެ އެވެ. އެހެންކަމުން ސަރުކާރުގެ މި މަސައްކަތަށް ރަނގަޅަށް ކޮންސަންޓްރޭޓްކޮށްފިނަމަ މަސައްކަތް ފަސޭހަވާނެ އެވެ. އެހެން ނޫނީ މަޝްރޫއު ގާވާނީ އެވެ.

"މިއީ އާދަޔާ ހިލާފު ކޮންސްޓްރަކްޝަނެއް ނޫން. އެހެންވެ މި މަސައްކަތް ތަފާތު ވާނެ. އެނގިފައިވާ ގޮތުގައި މި ފްލެޓުތައް އަޅަނީ 14 ނޫނީ 15 ބުރިއަށް. ރާއްޖޭގެ މިހާރު ހުރި ޖިއޯ ޓެކްނިކަލް ސްޓަޑީޒަށް ބަލާއިރު އެ ލޯޑުތައް ބެއާ ކުރާނެ. އެހެންވެ މިކަމަށް އާ ޓެކްނޮލޮޖީއެއް ނާންނާނެ، ބޭނުމީ ކޮންސަންޓްރޭޝަން ބޯހިޔާވަހިކަމުގެ ކަންކަން ދާ ގޮތުން ސުވާލަކީ އެހެންވާނެތޯ؟" ޖަނާ ވިދާޅުވި އެވެ.

ފައިނޭންސް ކުރާނެ މޮޑެލްތައް

  • ކޮންޓްރެކްޓާ ފައިނޭންސް
  • ބޭންކް ލޯނު
  • ހައުސިން ފައިނޭންސް ސްކީމްތައް
  • ބޭރުގެ އެހީގައި ކުރުން

ރާއްޖޭގެ މަޝްހޫރު ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ޓަވަރު ކިޔުން ފިޔަވައި މިއީ ރާއްޖޭގައި އާއްމުކޮށް އިމާރާތް ކުރާ ފްލެޓްތަކާ މާ ބޮޑު ތަފާތެއް ހުންނާނެ ތަންތަނެއް ނޫނެވެ. އެހެންކަމުން މިއީ އުނދަގޫވާނެ ކަމެއް ނޫނެވެ. އެކަމަކު މަސައްކަތް އޮތް ގޮތުން މިއީ ސުވާލެއްގެ ތެރެއަށް ހިނގައިދާނެ މަޝްރޫއަކަށް ވެސް ވެދާނެ އެވެ.

"މިސާލަކަށް ބަލަމާ ވެލާނާގެ. އެވަރުގެ އުސްމިން މި ގާތްގަނޑަކަށް ހުންނާނީ. އެކަމަކު މިކަމުގައި ވެސް އޮތް ޗެލެންޖަކީ ލޮޖިސްޓިކްސް އާއި ލޭބަރުން. އެކަން ވަރަށް ރަނގަޅު ކުރަން ޖެހޭ. އެހެން ނޫނީ މިފަދަ ބިޔަ މަޝްރޫއު ތަކެއް ޓައިމަކަށް ނުނިންމޭނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ސަރުކާރުން ހިފާފައިވަނީ 62 ޓަވަރު އަޅާށެވެ. އެކަމަށްޓަކައި ސަރުކާރު ކުންފުނިތަކުން ވަނީ ކޮންޓްރެކްޓަރުން ހޯދަން އިއުލާނު ކޮށްފަ އެވެ. މި މަސައްކަތް ޓައިމަށް ނިންމާނަމަ، ވަރުގަދަ ކުންފުނިތަކާ މިކަން ހަވާލު ކުރަން ޖެހޭނެ އެވެ. އެހެންނޫނީ މުޅި މަޝްރޫއު ޓައިމަކަށް ނުނިމުން ކައިރިވާނެ އެވެ. ސަރުކާރު ކުންފުނިތަކަށް ފްލެޓް އެޅޭނެ ހަމައެކަނި ފޯމިއުލާ އަކީ ޓައިމިން ދިމާކޮށް ކޮންސަންޓްރޭޝަން ގެއްލުވައި ނުލުމެއް އެހެން ނޫނީ މި މަޝްރޫއު ވާނީ އެއްބައި ކާމިޔާބުވާ ފާޑުކިޔުންވެސް ބޮޑު ގޯސްޓް މަޝްރޫއަކަށެވެ. ސަރުކާރު ކަންކަން އޮތް ގޮތުންނާއި ރިޔާސީ ދައުރު މުއްދަތު މިހާރު އޮތް ހިސާބާއި ސިޔާސީ މައިދާން އޮތް ގޮތުން ގާތީ އެހެންވުމާ އެވެ.